އުމަރު ބާއްވަން އުޅޭ އެއްވުން ފަސްކޮށްފި

1988 ވަނަ އަހަރު ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހޯދައި ރާއްޖެ ގެނައުމުގެ ކާމިޔާބީ ފާހަގަ ކުރަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ބާއްވަން އުޅުނު އެއްވުމަށް ކާނިވާ ލިބޭ ގޮތެއް ނުވިއެވެ.
އުމަރު ވަނީ މާދަމާ ރޭ މި އެއްވުން ބޭއްވުމަށް ކާނިވާ ދިނުމަށް ސިޓީއަކުން ޕްލޭނިން މިނިސްޓްރީގައި އިއްޔެ އެދިފައެވެ. ނަމަވެސް މަގުމަތީ ބާޒާރު ކާނިވަލުގައި ކުރިއަށް ދާތީ މާދަމާ ރެއަށް އެއްވުން ބޭއްވުމަށް އެތަން ވަނީ ލިބޭގޮތް ނުވެފައެވެ.
އުމަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެއްވުން މިމަހު 18 ވަނަ ދުވަހު ބޭއްވުމަށް މައްސަކަތް ކުރަމުންދާކަމަށެވެ.
ލުތުފީ މިހާރު މާލެ ގެނެސްފައިވާއިރު ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ލުތުފީ ވަނީ ކަރެކްޝަނަލް ސާވިސް އާއި ހަވާލު ކޮށްފައި ކަމަށާއި އޭނާގެ ޙުކުމުގެ މުއްދަތު މިހާރު ގުނަމުންދާ ކަމަށެވެ.
ލުތުފީގެ 25 އަހަރުގެ ޖަލު ޙުކުމުގެ ތެރެއިން ބާކީ އޮންނާނީ ހަތަރު އަހަރާއި ދުވަސް ކޮޅެކެވެ.
ލުތުފީ އެމްބަސީ އަށް ހާޒިރު ވުމުން ވެސް ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ލަންކާގެ ހާލަތު ހަމަޔަކަށް އެޅުމުން އަނެއްކާ އޭނާ ލަންކާގެ ތެރެއަށް ދޫކޮށްލާށެވެ.
ނަމަވެސް އޭގެ ކުރިން ލުތުފީ އެމްބަސީގައި ހުރިކަން ބޭޒާރުވީއެވެ.
ސަރުކާރުން ލުތުފީ ރާއްޖެ ގެނެސްފައި ވަނީ ސަރުކާރަށް އިތުރު ގޮތެއް ނެތި ގޮތް ހުސްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ