އަދީބުގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނީ ވަކީލު ބައްދަލުވުން ލިބުމުން: ގާޒީ

ކުރީގެ ނައިބްރައީސް އަހުމަދު އަދީބަށް ވަކީލު ބައްދަލުވުން ހަމަޖައްސައި ނުދޭތީ މިއަދު ތާވަލުކޮށްފައި ހުރި ހުރިހާ އަޑުއެހުންތަކެއް ކެންސަލް ކޮށްފި އެވެ.
ދަޕްރެސް އާ ވާހަކަ ދައްކަވަމުން އަދީބުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު މޫސާ ސިރާޖް ވިދާޅުވީ މިއަދުގެ އަޑުއެހުން ތައް ކެންސަލް ކޮށްފައި ވަނީ ވަކީލު ބައްދަލުވުން ނުދޭތީ ކަމަށެވެ. އަދި މިއަދުގެ ޝަރީއަތުގައި އަދީބަށް ވަކީލު ބައްދަލުވުން ދިނުގައި ތަފާތު ކުރުންތަކެއް ކަރެކްޝަނުން ގެންގުޅޭ ކަމަށް ދަންނަވާފައި ވާނެ ކަމަށާއި، އެހެން ގައިދީންނާއި ބައްދަލު ކުރާ އިރު ހުށަހަޅަން ނުޖެހޭ ލިޔުންތައް އަދީބާއި ބައްދަލު ކުރާ އިރު ހުށަހަޅަން ކަރެކްޝަނުން ބުނަމުން ދާތީ އެވާހަކަތައް ވެސް ގާޒީ އާއި ހިއްސާކުރައްވާ ފައި ވާނެކަމަށް ސިރާޖް ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ވަކީލު ބައްދަލުވުން ދިނުމަށް މުއައްސަސާ ތަކަށް އަންގަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި އެވެ. އަދި ބައްދަލުވުންތައް ހަމަޖެއްސުމުގައި ތަފާތު ކުރުން ގެންގުޅުއްވައިގެން ނުވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި 10 ދުވަހުގެ ތެރޭފައި މި މައްސަލަތަކުގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް އަޑުއެހުން ބާއްވާނީ އަދީބަށް ވަކީލު ބައްދަލުވުން ކަށަވަރު ކުރައްވާފައި ކަމަށް ވިދާޅުވި އެވެ.
ސިރާޖް ވިދާޅުީ މި ހަފްތާ ތެރޭގައި ނުވަތަ އަންނަ ހަފްތާ ތެރޭގައި ވަކީލު ބައްދަލުވުން ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި އެކަން އަންގާނެކަމަށް ފަނޑިޔާރު ވިދާޅުވެފައި ވާކަަމށް ސިރާޖް ވިދާޅުވި އެވެ.
ސިރާޖް ވިދާޅުވީ އަދީބަށް ވަކީލު ބައްދަލުވުން ދެއްވުމުގައި ވަކި ހާއްސަ އުސޭލެއް ކަރެކްޝަނުން ހަމަޖައްސާ ފައި އޮންނަ ކަމަށާއި، މައްސަލަ ރަޖިސްޓްރީ ކުރިކަމުގެ ލިޔުމާއި، ވަކީލު އައްޔަން ކުރި ކަމުގެ ލިޔުން އަދީބާއި ބައްދަލު ކުރާ އިރު ހުށަހަޅަން ކަރެކްޝަނުން އަންގާފައި ވާކަމަށް ސިރާޖް ވިދާޅުވިއެވެ. ނަމަވެސް ސިރާޖް ވިދާޅުވީ އެހެން ބައްދަލުވުންތައް ހަމަޖައްސާ އިރު މި ލިޔުންތައް ހުށަހަޅަން ނުޖެހޭ ކަމަށެވެ.
ސިރާޖު ވިދާޅުވީ އަދީބުގެ އަޑު އެހުން ކުރިއަށް ގެންދަން ވާނީ ވަކީލު ބައްދަލުވުން ހަމަޖައްސަވައި ދެއްވައިގެން ކަމަށް ޕީޖީ ގެ ވަކީލުން ވެސް އެއްބަސް ވާކަމަށެވެ.
ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ މައްސަލައިގެ 10 އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ތާވަލު ކުރިއެވެ. މި 10 އަޑުއެހުމަކީ އެމްއެމްޕީއާރުސީން ފަޅުރައްތައް ކުއްްޔަށް ދިން މައްސަލައިގެ ޝަރީއަތް ތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ