މުޅި ރަށުން ކަރަންޓް ކެނޑި، އަލިފުށި "ހާލުގައި" ޖެހިފައި

ރ. އަލިފުށިން ރެއިން ފެށިގެން ކަރަންޓް ކަނޑައިގެން ގޮސްފައިވާތީ ރައްޔިތުން ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ކަމަށް އެ ރަށުން ކައުންސިލުން މިއަދު ބުނެފި އެވެ. އަލިފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް އަބްދުއްރަހުމާން ވިދާޅުވީ ރެއިން ފެށިގެން ރަށުން އެއްކޮށް ކެނޑިފައިވާ ކަމަށާއި ފްރިޖްތަކުގައި ހުރި މަސްތަކާއި ކުކުޅުތައް ހަލާކުވަމުންދާތީ ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އަސާސީ ހިދުމަތްތައް ކަމަށްވާ ސްކޫލާއި ސިއްހީ ހިދުމަތާއި އެ ނޫން ވެސް ސަރުކާރުގެ އޮފީސްތައް ހުއްޓުމަކަށް އައިސްފައިވާ އިރު ވިޔަފާރިވެރިންނަށް ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި ރޭ ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން ރައްޔިތުން މަގުތަކަށް ނުކުމެ ޝުއޫރު ފާޅުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މި ހާލުގައި އަޅުގަނޑުމެން އުޅޭތާ މިހާރު ނުވަ ވަރަކަށް މަސްވެއްޖެ. ކޮންމެ ދުވަހަކު ވިއްސަކަށް ފަހަރު ކަރަންޓް ކަނޑައިގެންދާނެ. އިއްޔެ ވެސް ފަނަރަ ވަރަކަށް ފަހަރު ކަރަންޓް ކަނޑައިގެން ގޮސްފައި މުޅިން ކެނޑުނީ،" ލަތީފް ވިދާޅުވި އެވެ. ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އޮޑިފަހަރު ބަނުމުގެ މަސައްކަތްކުރަމުން އަންނަ އަލިފުށީގައި ކަރަންޓްގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ބޯޓް ބިލްޑަރުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ. "މެޝިންތަކާ އެއްޗެހި ހަލާކުވެގެން ވަރަށް ގިނަ ޝަކުވާތައް ލިބޭ. މި މައްސަލަ އަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން މާލެ ގޮސް ޔުޓިލިޓީސްގެ ހިދުމަތް ދޭ ފެނަކައިގެ ވެރިންނާ ވެސް ބައްދަލުކޮށްފިން،" ލަތީފް ވިދާޅުވި އެވެ. އާބާދީގައި 2،600 އަށް ވުރެ ގިނަ މީހުން ހިމެނޭ އަލިފުށީގައި މިހާރު ވެސް ކަރަންޓް ދެމުން ދަނީ އޭރު އަލިފުށީ ވަޑިންގެ ޖަމިއްޔާ އިން ހިންގަމުންދިޔަ ކަރަންޓް ގޭގައި ބޭނުންކުރި ދުވަސްވީ ހަތަރު ޖަނަރޭޓަރު ބޭނުންކޮށްގެން ކަމަށާއި އެ ތަކެތި ސާވިސްނުކޮށް ހުރުމުގެ ސަބަބުން ބޮޑެތި މައްސަލަ ކުރިމަތިވެފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ އަލިފުށީގެ އިންޖީނުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ކުންފުނީގެ ޓީމަކުން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށާއި މެންދުރު ފަހުގެ ވަގުތެއްގައި އެކަން ހައްލުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. "މިހާރު ވެސް ވަކި ސަރަހައްދަކަށް އަޅުގަނޑުމެންނަށް ކަރަންޓް ދެވިދާނެ. ނަމަވެސް ރައްޔިތުން ބޭނުން ވަނީ އެއް ބަޔަކަށް ނުދެވެންޏާ އެއްގޮތަކަށް ވެސް ކަރަންޓް ނުދޭން،" ނިމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަލިފުށީގައި ހުރި ޑޮއިސް އިންޖީނުތަކުގެ ސްޕެއާ ހުއްޓަސް އިންޖީނުތައް މަރާމާތުކުރެވެނީ ވަކި ވައްތަރެއްގެ ޓޫލްސް ބޭނުންކޮށްގެން ކަމަށާއި އެ ތަކެތި އެ ކުންފުނީގެ އެއްވެސް ތަނެއްގައި ނެތުމުން ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. ނިމާލް ވިދާޅުވީ އަލިފުށީގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ރޯދައިގެ ކުރިން އިންޖީނެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ