ދެން އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިހާބެއްގައި ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުން ކޮންމެ ޕާޓީއަކުން ވަކި ކެންޑިޑޭޓަކު ނެރުމަކީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
ސީއެންއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާނު އަބުދުﷲ މިއަދު ވިދާޅުވީ، ވަކިވަކިން ވާދަ ކުރުމަކީ ކުރިއެރުން ލިބިދާނެ ކަމެއް ނޫން ކަމަށާއި، ވީހާ ވެސް ގިނަ ބަޔަކު އެއްކައްޗެއް ކިޔަން ޖެހޭ ކަމަށެވެ.
"ނަޝީދު ވެރިކަމަށް އަޔަ ނުދިނުމައްޓަކާ ކޯލިޝަން ހަދަން ޖެހިއްޖެއްޔާ އެކަން ވެސް ކުރަން ތައްޔާރަށް އަޅުގަނޑުމެން މިތިބީ"އިމްރާނު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ނެރޭނެ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އިމްރާނު ވިދާޅުވީ، ސަރުކާރަށް ތާއިދު ކުރާ ހުރިހާ ޕާޓީތަކަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަދަނީ އިއްތިހާދުން ގެންގުޅޭ ހިޔާލަށް އެޕާޓިން ވަރަށް ބޮޑަށް ތާއިދު ކުރާ ކަމަށެވެ.
އަދި ދެން އެންމެ އަވަހަށް ބާއްވާ އިންތިހާބެއްގައި އަދާލަތު ޕާޓީން ވަކިން ކެންޑިޑޭޓަކު ނެރޭނީ ވެސް މަޝްވަރާ ކޮށްގެން އެއް ކެންޑިޑޭޓަކު ނުނެރެވިއްޖެ ކަމަށްވާ ނަމަ ކަމަށް ވެސް އިމްރާނު ވިދާޅުވިއެވެ.
އެއް ކެންޑިޑޭޓަކު ނެރުމަށް މަދަނީ އިއްތިހާދުންވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި ޕާޓީތަކާއި ވަކިވަކިން މަޝްވަރާ ކުރަން ފަށާފައެވެ. މަދަނީ އިއްތިހާދުގެ ވިސްނުމަކީ ވެސް ވަކިވަކިން ނުކުމެ ނާކާމިޔާބީއާއި ކުރިމަތި ލުމުގެ ބަދަލުގައި ސަރުކާރަށް ތާއިދު ކުރާ ހުރިހާ ޕާޓީތަކަކުން ވެސް އެކަތި ގަނޑަކަށް ވެގެން ނުކުތުމެވެ.
ކޯލިޝަނަކާ ނުލައި އެއްވެސް ބަޔަކަށް ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ: އިމްރާނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ