އިންތިހާބުގެ އެންމެހައި ކަންކަން އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި ދިވެހިން ދައްކުވައިދީފައިވާ ރިވެތި ނަމޫނާއަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ޝުކުރު އަދާކުރައްވައިފިއެވެ.
ޕޮލިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސީޕީ ރިޔާޒް ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންނަކީ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ރައްޔިތެއް ކަމަށެވެ. މިކަމުގެ ރިވެތި ނަމޫނާ މިސަރަހައްދުގެ އެހެން ގައުމުތަކަށްވެސް ނިމިދިޔަ އިންތިހާބުން ދިވެހިން ދައްކައިދީފައިވާ ކަމަށާއި އެކަމަށްޓަކައި ދިވެހި އެންމެހައި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ކޮމިޝަނާ ވިދާޅުވީ ރާއްޖޭގެ އަމަން ބެލެހެއްޓުމުގައި ފުލުހުން ކުރާ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ކުރިއަށް އޮތްތަނުގައިވެސް ލިބެމުންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ނިމިދިޔަ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިވެހި ފުލުހުން ވަރަށް ރަނގަޅަށް ހަރަކާތްތެރިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުންވެސް ފާހަގަކޮށްފައިވާ ކަން ފާހަގަކުރައްވާ ސީޕީ ރިޔާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީހެއްގައި އިންތިހާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައިވެސް ފުލުހުންގެ ފަރާތުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ނިމިދިޔަ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިވެހި ފުލުހުން އަދާކުރަމުން ދިޔަ މަސައްކަތް ވަރަށް ގާތުން ބެއްލެވި ކަމަށް ވިދާޅުވެ ސީޕީ ވަނީ އިންތިހާބުގެ ސެކިއުރިޓީގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނަށާއި އޮޕަރޭޝަން ކޮމާންޑަރަށް ޝުކުރު އަދާކުރައްވާފައެވެ.
ސީޕީ ރިޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ އެންމެހައި ކަންކަން އަމާން އޮމާންކަމާއެކު ނިމިގެން ދިއުމަކީ ދިވެހި އެންމެހައި ރައްޔިތުންނަށްވެސް ވަރަށް މުހިއްމު ކަމެއް ކަމަށާއި އެހެންކަމުން ފުލުހުންގެ ދައުރު ފުރިހަމައަށް އަދާކުރުންމަތީ ފުލުހުން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ކޮމިޝަނާގެ ވާހަކައިގައި އިތުރަށް ވިދާޅުވީ އިންތިހާބުގެ ދުވަސްވަރަކީ ވަރަށް މުހިއްމު ދަނޑިވަޅެއް ކަމަށާއި މިދަނޑިވަޅުގައި ހާއްސަ ގޮތެއްގައި ހުރިހާ ފުލުހުން ގާނޫނު އަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުން މުހިއްމު ކަމަށެވެ. އެގޮތުން ސީޕީ ވިދާޅުވީ ކޮންމެ ފުލުހަކީވެސް ޖަވާބުދާރީވާންޖެހޭނެ ފުލުހަކަށްވާތީ ގާނޫނާއި ގަވާއިދުތައް ރަނގަޅަށް އެނގިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ސީޕީ ރިޔާޒުގެ އިންޓަވިއުގައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ކާމިޔާބު ހޯއްދެވި ދެކެންޑިޑޭޓުންނަށް ފުލުހުންގެ ނަމުގައި މަރުހަބާ ވިދާޅުވެފަ އެވެ.
އިންތިހާބުގައި ރައްޔިތުން ދެއްކި ނަމޫނާއަށް ސީޕީ ޝުކުރު އަދާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ