ޕީޕީއެމްގެ ޕްރައިމަރީ ބާތިލްކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކާމިޔާބުކުރާނެ ކަމަށާއި އެހެންކަމުން ޕީޕީއެމްގެ ޓިކެޓު އަލުން ލިބުމުގެ ފުރުސަތު އޮތުމުން އެޓިކެޓު ލިބިއްޖެނަމަ ޕީޕީއެމް ގެން ގޮސް ފުޅާ ކޯލިޝަންގެ ތެރެއަށް ލާނެ ކަމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސްކަން ވެސް ކުރެއްވި އުމަރު ނަސީރު ވިދާޅުވީ މިއަދު ގައުމަށް އެންމެ މަސްލަހަތު އޮތް ގޮތަކީ ރާއްޖޭގެ އެމްޑީޕީ ނޫން ހުރިހާ ސިޔާސީ ޕާޓީތައް އެއް ފަރާތަށް ޖެހި ފުޅާ ކޯލިޝަނެއް އުފައްދައިގެން، އެ ފުޅާ ކޯލިޝަން ނިކުމެ އެމްޑީޕީ އާއި ވާދަކޮށްގެން އެމްޑީޕީ ފުރަތަމަ ބުރުން ބަލިކުރުން ކަމަށެވެ.
"މިއީ މިއަދު ގައުމީ މަސްލަހަތު އޮތް ގޮތަކީ، މިއަދު ގައުމީ މަސްލަހަތު އޮތް ގޮތަކީ އެމީހަކާއި އެމީހަކު ނިކުމެ ވަކިން ވާދަކޮށް އެންމެން ވަކިން ވެލި ކައިގެން އެމްޑީޕީއަށް ވެރިކަން ދިނުމެއް ނޫން، އެއެއް ނޫން މިއަދު ގައުމީ މަސްލަހަތު އޮތް ގޮތަކީ، އަޅުގަނޑު މަސައްކަތް މިކުރަނީ ކޯޓު މަރުހަލާގައި މިއޮތް މައްސަލަ ކާމިޔާބުކުރުމަށް ޕީޕީއެމް ޓިކެޓު ނެގޭތޯ އަޅުގަނޑު މަސައްކަތްކުރާނަން،" އުމަރު ވިދާޅުވި އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވި ކަމުގައިވިޔަސް ދާދި ފަހުން ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ޕްރައިމަރީ އަކީ ބާތިލް އިންތިހާބެއް ކަމަށް ކަނޑައަޅައިފިނަމަ އަލުން ޕީޕީއެމްގެ ޕްރައިމަރީ ބާއްވަން ޖެހޭނެ ކަމަށާއި ނަމަވެސް އެ ޕްރައިމަރީގައި އޭނާ ވާދަނުކުރައްވާނެ ކަމަށެވެ.
އުމަރު ނަސީރު ވިދާޅުވީ އޭނާ ޕީޕީއެމްއިން ވަކިކުރުމަކީ ޕާޓީއަށް ލިބޭނެ ގެއްލުމެއްކަން ގަބޫލުކުރައްވާ ކަމަށާއި ޕީޕީއެމް އުފެއްދެވީ ރައީސް މައުމޫނާއި އުމަރު ނަސީރުގެ އިތުރުން ބައެއް އިސް ބޭފުޅުން ކަމަށެވެ.
މިއަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ގެއްލޭނެ ކަމަށާއި ޕީޕީއެމްއަށް ގެއްލޭނެ ސަބަބަކީ ޕީޕީއެމްގެ މިހާރުގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެކުގައި އެހެން އެއްވެސް ޕާޓީއެއް ދާން ބޭނުންނުވުމުން ކަމަށާއި އެހެންކަމުން ޔާމީން އިންތިހާބާއި ކުރިމަތިލާން ޖެހޭނީ އެކަނި ކަމަށެވެ.
"ޑީއާރުޕީ 2008 ވަނަ އަހަރު އެކަނި ނިކުމެގެން ނިކުތް ނަތީޖާ އަޅުގަނޑުމެން ވަރަށް ދުށިން، ނާކާމިޔާބީ އާއި ބައްދަލުވީ، އޭރު ރައީސް މައުމޫނަކީ މާ ޕޮޕިއުލާ ބޭފުޅެއް، މީހުންގެ ތެރޭގައި މާ މަގުބޫލު ބޭފުޅެއް އަދި ރައީސް މައުމޫން ހުންނެވީ ވެރިކަމުގައި، އެކަމަކު ވެސް އެމަނިކުފާނަށް ވެސް ނުކުރެއްވުނު ކަމެއް އެކަނިމައިކަނި ވަޑައިގެން އިންތިހާބެއް ކާމިޔާބުކުރެއްވުން." އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ފާޑު ވިދާޅުވަމުން އުމަރު މިރޭ ވިދާޅުވީ ވައިކަރަދޫ ދާއިރާގެ ޕީޕީއެމް މެންބަރާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ރައީސް ވަހީދަށް ވަރަށް ހަޑިހުތުރު ބަހުން މަޖިލީހުގައި މުހާތަބުކުރައްވާފައިވާ ކަމަށާއި އެކަން އެދެބޭފުޅުން ކުރައްވާފައިވަނީ ޕީޕީއެމްގެ ކައުންސިލުން ރައީސް ވަހީދަށް ފާޑު ނުކިޔުމަށް ނިންމާފައިވަނިކޮށެވެ.
ކައުންސިލްގެ ނިންމުމާއި ހިލާފަށް މިދެމެންބަރުން ކަންތައްކުރެއްވިއިރު އެކޮމިޓީން ފިޔަވަޅު އަޅާފައިނުވާ ކަމަށާއި އޭގެ އިތުރުން ވެސް ގިނަ މައްސަލަތަކުގައި ފިޔަވަޅު އެޅިފައިނުވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ފުޅާ ކޯލިޝަނެއްގެ ތެރެއިން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުންދާ މަސައްކަތަށް ކިހާ ވަރެއްގެ ކުރިއެރުންތަކެއް ލިބިއްޖެތޯ ސުވާލުކުރުމުން އުމަރު ވިދާޅުވީ ހުރިހާ ބޭފުޅުންނާއި ވެސް ވާހަކަދައްކަމުން ގެންދަވާ ކަމަށާއި އޭގެ ތެރޭގައި ރައީސް ވަހީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ގައުމީ ޕާޓީގެ ރައީސް ހަސަން ސައީދާއި އަދާލަތު ޕާޓީ އާއި ހިމެނޭ ކަމަށެވެ.
"އަޅުގަނޑަށް ޔަގީނާއި ގާތަށް ދަންނަވަން ކެރޭ، ފުޅާ ކޯލިޝަނެއް ހެދޭނެކަން، އެކަމަކު ފުޅާ ކޯލިޝަން ތެރޭގައި ޕީޕީއެމް ހިމެނޭނެތޯ ނުވަތަ ނޫންތޯ، އެއެއް މިފަހަރު ނިމިގެން ދާނީ ކޯޓު ކޭސް ނިމިގެންދާ ގޮތަކުން، ކޯޓު ކޭސް އަޅުގަނޑުގެ ކޮޅަށް ކާމިޔާބުވެއްޖެނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން ޕީޕީއެމް ޓިކެޓު އަޅުގަނޑާއި ހިސާބަށް އައިސްފިއްޔާމުން ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ ވަރުގެ ފުޅާ ކޯލިޝަނެއް އުފެދުނިއްޔޭ، ޕީޕީއެމް ވެސް ހިމެނިގެން." އުމަރު ވިދާޅުވި އެވެ.
އަދި ޔާމީންގެ ކޮޅަށް މައްސަލަ ނިމުނު ނަމަވެސް ފުޅާ ކޯލިޝަނެއް ގާއިމުވެގެން ދާނެ ކަމަށް ވެސް އުމަރު ނަސީރު މިރޭ ވިދާޅުވި އެވެ. މިއަދު އިންތިހާބުން އެމްޑީޕީ ބަލިކުރުމަކީ ވެސް ވާޖިބެއް ކަމަށް އުމަރު ވިދާޅުވި އެވެ.
ޓިކެޓު ލިބިއްޖެނަމަ ޕީޕީއެމް ފުޅާ ކޯލިޝަންގެ ތެރެއަށް ލާނަން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ