ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހާއި، އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ރާއްޖޭގައި މިއަދު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމް އެދެބޭފުޅުންނަށް މަރްހަބާ ވިދާޅުވެއްޖެއެވެ.
ޖަރުމަނުވިލާތުގެ ފްރެންކްފަރޓްގައި މިވަގުތު ހުންނެވި ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި އެންމެ ފުރަތަމަވެސް ވަނީ ﷲ އަށް ހަމްދުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
އޭގެފަހުން ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުން ކުރި ބުރަ މަސައްކަތަށް ޝުކުރުއަދާކުރައްވައި، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށްވެސް މަރްހަބާ ވިދާޅުވެފައެވެ.
"އަލްޙަމްދްލިﷲ ޝުކުރު! މަރްހަބާ ދިވެހި ލޮބުވެތި ރައްޔިތުން. ރައްޔިތުން ކުރެއްވި އިޚްލާސްތެރި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކުރިއަށް ދިވެހި ގައުމު. އިންތިޚާބު ކާމިޔާބު ކުރެއްވި އޮނަރަބްލް އިބްރާހިމް މުހަންމަދު ސޯލިހް އަދި ފައިސަލް ނަސީމަށް މަރްހަބާ. "މިނިވަންވަޔާ ކުޅެލާށެ ތާޒާ" ގާސިމް އިބްރާހިމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި އެތައް ޖަލްސާއެއްގައި ވީޑިއޯލިންކް މެދުވެރިކޮށް، ރައްޔިތުންނަށް ހިތްވަރުދެއްވައި ވާހަކަފުޅު ދައްކަވާފައިވާ ގާސިމް އިބްރާހިމް މިދިޔަ ހުކުރުދުވަހު އެންމެފަހުން ޔޫޓިއުބުގައި ޝާއިއުކުރެއްވި ބަޔާނުގައި، ދިވެހިރާއްޖެއާއި، ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި އިބްރާހިމް މުހަންމަދު ސޯލިހަށް ވޯޓްދެއްވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އާދޭހާއެކު އެދިވަޑައިގެންފައި ވެއެވެ.
ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ނިކަމެތިކަމާއި އަނިޔާއާ އަދި ކޮރަޕްޝަނާއި ފަސާދައާއި އިންސާފު ނުލިބިގެންދާ ދިއުމާއި، މީހުންނަށް ލިބެމުންދާ އަނިޔާގެ ބޮޑުކަމާއި، ދިވެހިރާއްޖެއަށް ލިބެމުންދާ ނިކަމެތިކަމާއި، އަދި މުޅި ދުނިޔޭގެ ކުރިމަތީގަ ދިވެހިރާއްޖެ އެކަހެރިވަމުންދާ ދިއުމަކީ އެކަކަށްވެސް އޮޅިފައިވާކަމެއް ނޫން ކަމަށެވެ.
އެހެންކަމުން، މިކަންކަމުން ސަލާމަތްވުމަށްޓަކައި ކުރެވެން އޮތްކަމަކީ، ގާނޫނުއަސާސީގަ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ބޭނުންކުރުން ކަމަށާއި، އާދީއްތަދުވަހު ނުކުމެ ވޯޓްލާއިރު ކެންޑިޑޭޓް ނަންބަރު 2 އަށް ވޯޓްލައިގެން މެނުވީ ރާއްޖެ މިހާރުމިއޮތް ހާލަތުން ސަލާމަތް ނުވާނެ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވެފައި ވެއެވެ.
ގާސިމް އިބްރާހިމް ރާއްޖެއިން ބޭރުގައި ހުންނަވައިގެން އިބްރާހިމް މުހަންމަދު ސޯލިހާއި، ފައިސަލް ނަސީމަށް ތާއީދު ހޯއްދަވައި ދެއްވުމަށް އެކިގޮތްގޮތުން މަސައްކަތް ކުރައްވަމުން ގެންދެވިއިރު، އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އައިޝަތު ނަހުލާވަނީ "ޖުމްހޫރީ ވިންދު" ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެތައް ދަތުރެއް ކުރައްވައި، އިބޫއާއި ފައިސަލްއަށް ތާއީދު ހޯއްދަވައިދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އަދި ރަށްރަށާއި، ވެރިރަށް މާލޭގައިވެސް ދޮރުންދޮރަށް ހިންގަވައި، އާންމު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ.
ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އިބޫއާއި ފައިސަލްއާއި ރާއްޖޭގެ ރައްޔިތުންނަށް ހޫނު މަރްހަބާއެއް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ