މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް އަހުލުވެރި ކުރުމަށްޓަކާ ފުވައްމުލަކުގައި ބައްދަލުވުމެއް ބާއްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިންތިޒާމްކޮށްގެން މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރި ކުރުމަށްޓަކައި ޏ. ފުވައްމުލަކުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން ބުނީ، ފުވައްމުލަކުގައި ހުރި ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުނަށް އަމާޒު ކޮށްގެން 01 ދުވަހުގެ މުއްދަތަށް ބޭއްވުނު މިބައްދަލުވުމުގައި ފުވައްމުލަކުގެ 8 އަވަށުގައިވާ ދައުލަތުގެ މުއައްސަސާތަކުން 17 މުވައްޒަފުން ބައިވެރިވި ކަމަށެވެ.
މިބައްދަލުވުން ޝަރަފުވެރި ކޮށްދެއްވީ ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ ރައީސް ޢަބްދުﷲ ފަލާޙް ޝަރީފެވެ.
މި ބައްދަލުވުން އިފްތިތާހް ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ޤައުމުގެ ޙަގީގީ ބާރުވެރިންނަކީ ރައްޔިތުން ކަމަށްވެފައި ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ކަންކަން ކޮށްދޭން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ވެސް ކައުންސިލްގެ ރައީސް އެދިވަޑައިގަތެވެ.
މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންނެވެ.
މިއީ ރާއްޖޭގެ އަތޮޅުތަކަށް ޚާއްޞަކޮށްގެން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން 6 ވަނަ ބައްދަލުވުމެވެ. މިބައްދަލުވުންތަކުގައި މިހާތަނަށް 5 އަތޮޅުގެ 86 އިންފޮމޭޝަން އޮފިސަރުން ވަނީ ތަމްރީނު ކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ