ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި، ޕީޕީއެމްގައި ފަރާތުން ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕީޕީއެމްއިން ކުރި އިއުލާނެއްގައިވަނީ، އިންތިހާބުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން، އިންތިހާބުގައި ވާދަކުރުމަށް އެދި ހުށައަޅާ ފޯމާއި، އެމީހެއްގެ ވަނަވަރު ހުށައަން ޖެހެއެވެ.
މި އިންތިހާބުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަށް ވަކި ދާއިރާތަކަކުން އިވެލުއޭޓް ކުރެވޭނެ ކަމަށްވެސް ޕީޕީއެމްއިން މައުލޫމާތުދެއެވެ. އެ ކަންތައްތަކަކީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމިހުރި މުއްދަތާއި، ޕާޓީގެ ފިކުރު ހިފެހެއްޓުމާއި، ރިޔާސީ އިންތިހާބުގައި ޕާޓީގެ ކެންޑިޑޭޓަށް ކެމްޕެއިން ކޮށްދީފައިވުން އަދި ޕާޓީއަށް ހިދުމަތް ލިބިފައިވާ މިންވަރެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ މި ދާއިރާތަކުން 75 ޕަސެންޓް ލިބޭ ފަރާތްތަކަށް ކަމަށް ވެސް ޕީޕީއެމުން މައުލޫމާތުދެއެވެ. އިންތިހާބުގައި ވާދަކުރުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެކަކަށްވުރެ ގިނަ ފަރާތްތަކަށް އެ އަދަދަށް މާކްސް ލިބިއްޖެނަމަ، އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެ ޕާޓީން ހާމަކުރެއެވެ.
އަދި އިންތިހާބުގައި ވާދަކުރުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް 75 ޕަސެންޓް މާކްސް ނުލިބިއްޖެނަމަ، އިތުރު ވަގުތު ނެތުމާއެކު، އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ހޮވާނީ ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށްވެސް ޕީޕީއެމްއިން ހާމަކުރެއެވެ.
ދިއްގަރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި އަހުމަދު ނާޒިމްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ދިއްގަރު ދާއިރާގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމްއިން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ