ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އެޕާޓީން ވަކިކުރުމަށް އެދި ކައުންސިލަށް ހުށައެޅި ގަރާރަށް ތާއީދުކޮށް އެ މައްސަލަ ޕާޓީގެ ސުލޫކް ކޮމެޓީއަށް ފޮނުވަން ނިންމައިފިއެވެ.
ރައީސް މައުމޫނާއި ގުޅޭގޮތުން ކައުންސިލަށް ގަރާރު ހުށައަޅާފައިވަނީ މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
ރައީސް ޔާމީންގެ ފެކްޝަންގެ ކައުންސިލަށް ހުށައެޅި މިގާރާރަށް ކައުންސިލްގެ ކުއްލި ބައްދަލްވުމުގައި ބައިވެރިވި ހުރިހާ މެންބަރުންވެސް ތާއީދުކޮށްފައިވާކަމަށާ އަދި މިމައްސަލަ ސުލޫކީ ކޮމެޓީއަށް ފޮނުވުމަށްފަހު މައުމޫން ޕީޕީއެމްއިން ވަކިކުރުމާއިމެދު ގޮތްތަކެއް ނިންމުމަށް ވަނީ ހުށައަޅާފައެވެ. ރައީސް ޔާމީނަށް ވަފާތެރި ބޭފުޅުން ތިއްބެވި ސުލޫކް ކޮމެޓީއަށް މިމައްސަލަ ފޮނުވާފައިވީނަމަވެސް އެ ކޮމެޓީ ވަގުތީގޮތުން ސަސްޕެންޑްކޮށް، ރައީސް މައުމޫން ވަނީ މީގެ ކުރިން އައު ސުލޫކީ ކޮމެޓީއަށް މެންބަރުން އައްޔަންކޮށްފައެވެ.
މި މައްސަލަ ހުށައެޅީ ރައީސް މައުމޫން އިދިކޮޅު ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރައްވާތީ އެއީ ގަބޫލްކުރެވޭނެކަމެއް ނޫންކަމަށް ބުނެއެވެ. އެހެންކަމުން މެންބަރު ފަލާހު ހުށައަޅާފައިވާ ގަރާރުގައި ބުނެފައިވަނީ ޕީޕީއެމްއިން ރައީސް މައުމޫން ވަކިކުރުމަށެވެ.
ރައީސް މައުމޫން ޕީޕީއެމްއިން ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް މައްސަލަ ހުށައަޅާފައިވާއިރު، ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާގޮތުން ޕާޓީގެ ރައީސް މަގާމުން ދުރުކުރެވޭނީވެސް ގައުމީ ޖަލްސާގެ އަގުލަބިއްޔަތުންކަމަށެވެ. އަދި ޕީޕީއެމްގެ އާންމު މެންބަރުން ތިއްބެވީ ރައީސް މައުމޫނާއިއެކުކަމަށް ޔުމްނާ ވަނީ ވިދާޅުވެފައެވެ.
މައުމޫން ޕީޕީއެމްއިން ވަކިކުރަން ހުށައެޅި ގަރާރަށް ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ