އެމްޑީޕީގައި އަޅުގަނޑު ވެއްދި އެތައް ބަޔަކު އުޅޭނެ: ގާސިމް

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައި އެމަނިކުފާނު އަމިއްލަފުޅަށް އެހީތެރިވެވަޑައިގެން ވެއްދި އެތައް ބަޔަކު އުޅޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީއަަށް މީހުން ވެއްދުމަށްޓަކައި އޭނާ އެތައް ފަހަރެއްގެ މަތިން މަސައްކަތްކުރައްވާފައިވާނެކަމަށެވެ. "އަޅުގަނޑަށް އެނގޭ ސިޔާސީ މަޝްރަހު ހެލްތީކޮށް އޮންނާނީ އިދިކޮޅުން ވެސް މަސައްކަތް ކުރާނެ އޮޕޮޒިޝަނެއް ވެސް އޮވެގެންކަން. އެހެންވީމާ އެ އޮޕޮޒިޝަން ދެމެހެއްޓުމަށްޓަކައި، އަޅުގަނޑު ބޭނުމެއް ނޫން އެ އޮޕޮޒިޝަން ފުނޑާލާކަށް. އޮފްކޯޒް، އެމްޑީޕީގައި ތިބި އަޅުގަނޑުމެންގެ ގާތް ވަރަށް ގިނަ ރައްޓެހިން. އަޅުގަނޑު ވެއްދި މީހުން އެތައް ސަތޭކައެއް، އެތައް ހާހެއް އެތާ ތިބޭނެ،" ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މީގެ ކުރިން ޑީއާރްޕީގައި ހުންނެވި އިރު އެމްޑީޕީ ހިންގާނެ ފައިސާ ނެތިގެން މާލީ ގޮތުން ވެސް އެތައް ގޮތަކުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަމަށެވެ. "އަޅުގަނޑު ދިނިން އެމްޑީޕީ ހިންގަން 50،000 ރުފިޔާ މަހަކު. އަދި އެ މީހުން ފުރަތަމަ ބޭއްވި ގައުމީ ކޮންފަރެންސް ބާއްވަން ތިން ލައްކަ ރުފިޔާ ދިނިން. އޮފްކޯޒް ޑީއާރުޕީއަށް މިލިއަނުން ހަރަދުކޮށްފައި ހުންނާނެ،" ގާސިމް ވިދާޅުވިއެވެ. ހަމައެއާއެކު ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އޭނާއާ ދެމެދު އޮތް ހިޔާލު ތަފާތުވުންތަކަކަކީ ޒާތީ ގޮތުން ހުރި ތަފާތުވުންތަކެއްކަމަށެވެ. އެހެންނަމަވެސް އެކުގައި މަސައްކަތްކުރެއްވުމުގެ ގާބިލްކަން އޭނާގެ ކިބައިގައި ހުންނާނެކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. "އަޅުގަނޑު ކުރި މަސައްކަތެއް ކުރީ ޖާނާ މާލުން މި ބިމުުގައި ހުރެގެން. އެހެންނަމަވެސް އެމަނިކުފާނު މަސައްކަތްކުރައްވަނީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ