ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބުރާހިމް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް އެނބުރި މާލެ ވަޑައިގެންނެވި ރިޔާސީ ލޯންޗްކޮޅު “ފިނިފެންމާ”ގައި އެއްޗެއް ގޮވި ހާދިސާއިން ލިބުނީ ކުއްލި ސިހުމެއް ކަމަށާއި އެކަމާއި މެދު ކަންބޮޑުވާކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމިން ދަތުރު ކުރެއްވި ލޯންޗްގައި މިއަދު ހިނގި ހާދިސާ އާއި ދޭތެރޭ ކަންބޮޑުވާ ކަމަށާއި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވެފައި ނުވާތީ އެކަމާ އުފާކޮށް ޝުކުރުކުރާ ކަމަށެވެ.
މިއަދު ހެނދުނު ހިނގި މި ނުރައްކާތެރި ހާދިސާގައި ރައީސް ޔާމީންއަށް އެއްވެސް އަނިޔާއެއްވެފައިނުވާއިރު މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ އެމަނިކުފާނުގެ ހަށިފާރަވެރިއެއް ކަމަށްވާ މުހައްމަދު ނާސިރަށެވެ. މީގެއިތުރުން މި ހާދިސާގައި ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ ފާތިމަތު މުހައްމަދު ސޯލިހްއަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މިހާރު މި ތިން ފަރާތަށް ވެސް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗްގައި ރައީސް ޔާމީން، ނައިބު ރައީސް، ދައުލަތުގެ ވަޒީރުން އަދި ވެސް ދައުލަތުގެ އިސް ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި މެޑަމްއަށް ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށް ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.
މި ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ރައީސް އޮފީހުގެ މިނިސްޓަރު ވިދާޅުވީ މި ހާދިސާއަކީ އެކްސިޑެންޓެއްތޯ ނުވަތަ އެނޫން ކަމެއްތޯ ވެސް ބަލާނެ ކަމަށެވެ.
މިއަދުގެ ހާދިސާއިން ލިބުނީ ކުއްލި ސިހުމެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ