އެމްޑީޕީ އުފެއްދުމަށް އިސްވެ ސޮއި ކުރި މެމްބަރުންގެ ތެރޭގައި ގާސިމް ހިމެނިވަޑައިގަންނަވާ: ނަޝީދު

އެމްޑީޕީ އުފެއްދުމަށް އިސްވެ ސޮއިކުރެއްވި 42 މެމްބަރުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިވަގުތު އަވައްޓެރި ސްރީލަންކާގައި ހުންނަވާ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، 2001 ވަނަ އަހަރު އެމްޑީޕީ އުފެއްދުމަށް ހުށަހެޅީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށާއި އޭރު އެ 42 މެމްބަރުންގެ ތެރޭގައި އިސްވެ ސޮއިކުރެއްވީ އޮނަރަބަލް ގާސިމް އިބްރާހިމް ކަމަށެވެ. އެކެން ކަމުން މިވަގުތު ވެސް މިހުރީ ގާސިމް އިބްރާހިމްއާއެކު ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފުލުހުން ހައްޔަރުކޮށްފައިވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި އަދި ގާސިމް އިބްރާހިމް ދެވަނަ ފަހަރަށްވެސް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށާ ގާސިމް ހައްޔަރުކުރި މައްސަލައާއި ގުޅިގެން ބައިނަލްއަގްވާމީ މުޖްތަމައުން ރާއްޖެ އާއި މެދު ފިޔަވަޅު އަޅަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއި އެކު ކަމަށް 10 އޭޕްރީލް 2017 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް އިބްރާހީމް މަޖިލީހުގެ އެކި މެންބަރުންނަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުގައި އެމަނިކުފާނު ވަނީ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފަ އެވެ. އަދި އިއްޔެ ކޯޓުން ވަނީ ގާސިމްގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
މިއީ އެ ތުހުމަތުގައި ގާސިމް ހައްޔަރު ކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ. އެފަހަރު ގާސިމުގެ ބަންދަށް ހަ ދުވަސް ޖަހާފައިވަނިކޮށް މިނިވަން ކުރީ ގާސިމް ހައްޔަރު ކުރީ އިމްތިޔާޒު ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައެޅުމުންނެވެ.
އެ ތުހުމަތުތަކަށް ގާސިމް އިންކާރުކުރައްވާފައިވާއިރު، ސަރުކާރުން ގާސިމަށް ގާނޫނީ އިމުގެ ބޭރުން އަނިޔާކުރަމުންދަނީ މަޖިލީހުގައި ސަރުކާރަށް އޮތް ސުޕަމެޖޯރިޓީ ގެއްލި އިދިކޮޅު ހަރަކާތް ވަރުގަދަވުމުގެ ސަބަބުންކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ