ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނެގި ކަމަށް ބުނާ މައްސަލަ ޕޮލިހަށް ހުށަހަޅައިފިއެވެ.
އެމައްސަލަ ޕޮލިހަށް ހުށަހެޅީ މިއަދުގެ ވަގުތެއްގައެވެ.
ރައީސް މައުމޫން ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް އެދި ފުލުހުންގެ އިދާރާއަށް ޖާބިރު ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން، ޖާބިރު އަތުން އެފައިސާ ނަންގަވާފައިވަނީ މަކަރާއި ހީލަތުން ކަމަށާއި އެފައިސާ ނަންގަވައިފައި ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވާ ކަމަށެވެ.
އެހެންކަމުން މައުމޫން ފުލުހުންގެ އިދާރާއަށް ހާޒިރުކުރައްވައި އަވަސް މުއްދަތެއްގައި ފުރިހަމަ ތަހުގީގެއް ހިންގައި ދިނުމަށް ޖާބިރު އެދިވަޑައިގެންފައި ވެއެވެ. އަދި އެމައްސަލަ ތަހުގީގުކޮށް، ޖާބިރަށް ލިބެންޖެހޭ ހައްގު ހޯދައި ދިނުމަށާއި ތަހުގީގަށް ހެކި ހުށަހަޅުއްވާނެ ކަމަށް ވެސް ޖާބިރު ފޮނުއްވި އެ ސިޓީގައި ވިދާޅުވިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޖާބިރު މިއަދު ވިދާޅުވީ 29 މިލިއަން ރުފިޔާގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން އެކަމާ ބެހޭ ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ހުރި ''ޑަބަލްޓްރީ ހިލްޓަން'' ހޮޓަލުގައި ކަމަށެވެ.
އަދި އެބައްދަލުވުން އިންތިޒާމު ކުރީ ރައީސް މައުމޫން ކަމަށާއި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޖާބިރުގެ އިތުރުން އަނބިކަނބަލުން ދިޔާނާ ސައީދާއި ރައީސް މައުމޫނާއި ފާރިސް މައުމޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.
އެބައްދަލުވުމުގައި ފައިސާ ދިނުމަށް ދެފަރާތުން އެއްބަސްވެ، އޭގެ ފަހުން ރައީސް މައުމޫން ފޯނުކުރައްވައި ފާރިސްއާ ފައިސާ ހަވާލުކުރުމަށް އެދިވަޑައިގެންނެވުމުން، ފާރިސްއާ ފައިސާ ހަވާލުކުރި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައި މއ. ކިނބިގަސްދޮށުގެ މޯގޭޖް ކޮށްފައިވާނެކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ މިހާތަނަށް އެފައިސާ ދީފައި ނުވާއިރު، މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންނަށް ފޯނު ކުރެއްވުމުން ފޯނުވެސް ނުނަންގަވާ ކަމަށެވެ.
އަދި އެއީ ނުނަގާ ފައިސާއެއް ކަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް އެމައްސަލައިގެ ތަހުގީގަށް ލިޔެކިޔުންތައް ހުށަހަޅުއްވާނެ ކަމަށާއި ޝަރީއަތުގެ މަރުހަލާ ފެށުމުން ޝަރީއަތަށްވެސް ލިޔުންތައް ހުށަހަޅުއްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ފައިސާގެ މުއާމަލާތްތައް ހިންގާފައިވަނީ ރައީސް މައުމޫން ޕީޕީއެމުން އެކަހެރިކޮށްފައި ހުންނެވި ދުވަސްވަރުއެވެ. އެދުވަސްވަރު ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނާ މެދު ކަންކަން ކުރެއްވި ގޮތުން ކަމަށް ވިދާޅުވެ، ޖާބިރާއި ބައްދަލުކުރައްވައި އެވާހަކަތައް މައުމޫން ހިއްސާކުރެއްވި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ރައީސް މައުމޫން ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނެގި ކަމަށް ބުނާ މައްސަލަ ޕޮލިހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ