ލ. މުންޑޫގައި ފެނަކައިން ހިންގަމުންދާ އިންޖީނުގެއިން ބޭރުވާ ދުން މުޅި ރަށުތެރެއަށް ފެތުރޭތީ މުޅި ރަށް އޮތީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.
މުންޑޫގެ އިރުމަތީ ފަރާތުގައި ހުންނަ އެ އިންޖީނުގެއިން ބޭރުވާ ދުމުގެ އަސަރު އިރުމަތީ ފަރާތުން ވައި ޖެހޭ ދުވަސް ދުވަހު މުޅި ރަށުގެ ތެރެއަށް ފެތުރޭ ކަމަށް އެރަށުން ވީއެފްޕީއާ ވާހަކަ ދެއްކި މީހަކު ބުނެއެވެ.
މީހުން ދިރިއުޅޭމުންދާ ހިސާބާ އިންޖީނުގެއާ ދެމެދު 100 ފޫޓު ވެސް ނުހުންނާނެކަން ފާހަގަކޮށް އެމީހާ ބުނީ މުންޑޫއަކީ ވާރާފެން ނަގައިގެން ފެން ބޭނުންކުރާ ރަށެއްކަމުން ދުމުގެ އަސަރު މުޅި ރަށަށް ކުރުމުން އިންތިހާއަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެގޮތުން ފުރާޅުން ފެންނަގައިގެން ބޭނުން ކުރާއިރު ކަޅު ތެލުގެ އަސަރުކޮށްފައި ހުންނަކަމަށް އެމީހާ ބުނެއެވެ.
ނަން ހާމަ ނުކުރުމަށް އެދި މުންޑޫ ކައުންސިލުން ވާހަކަ ދެއްކި މެމްބަރަކު ވިދާޅުވީ، ރަށުގެ އިރުމަތި ފަރާތުގައި ހުންނަ އެއިންޖީނުގެއިން ބޭރުވާ ދުމުގެ އަސަރު މުންޑޫގެ ހުޅަނގު ފަރާތުގައި ހުންނަ މިސްކިތާ ހިސާބަށް ކުރާ ދުވަސްވަރު ވެސް އަންނަ ކަމަށެވެ.
"އިންޖީނުގެ މިހުންނަނީ ރަށުގެ އިރުމަތި ފަރާތުގަ. މިސްކިތް މިހުންނަނީ ހުޅަނގު ފަރާތުގަ. މިސްކިތާއި ހިސާބަށް ދުމުގެ އަސަރު އެބަކުރޭ މިސްކިތުގަ ތިބެން އުނދަގޫ ވާ ވަރަށް،" ކައުންސިލް މެމްބަރަކު ވިދާޅުވެއެވެ.
މުންޑޫ އިންޖީނުގެ ފެނަކައިގެ ދަށުން ހިންގާ އިންޖީނުގެއަކަށް ބަދަލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މާޗް އެއް ވަަނަ ދުވަހެވެ. ފެނަކައާ އިންޖީނުގެ ހަވާލުކުރި ދުވަހުން ފެށިގެން ތަނުގެ ހާލަތު ހުރީ މިފަދަ ގޮތަކަށްކަމަށް ކައުންސިލްގެ މެމްބަރު ވިދާޅުވެއެވެ.
މުންޑޫ ކައުންސިލުން ބުނީ، އިންޖީނުގެއިން ރަށުތެރެއަށް ދުން ބޭރުވާ މައްސަލަ ރީޖަނަލް މެނޭޖަރާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް ހައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ.
އާބާދީގައި 374 މީހުން ދިރިއުޅެމުންދާ މުންޑޫއަކީ ހަނި ދިގު ރަށެއްކަމުން އެރަށުގެ އިންޖީނުގެއިން ބޭރުވާ ދުމަށް ހައްލެއް ހޯދައިދޭނެ ދުވަހަކަށް އެރަށު ރައްޔިތުން ވަނީ ކެތްމަދުވެފައެވެ.
މުންޑޫ އިންޖީނުގެއިން ރަށުތެރެއަށް ދުން ފެތުރޭތީ ރައްޔިތުން ހިތްހަމަ ނުޖެހިފައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ