މާލޭގައި ފެންބޮޑުވެ، ބައެއް ސަރައްދުތަކުން ކަރަންޓް ކެނޑިއްޖެ

ރޭގައި މާލެ އަށް ކުރި ވިއްސާރާގައި މާލޭގައި ފެންބޮޑުވެ އެކި ސަރައްދުތަކުން ކަރަންޓް ކަނޑައިގެން ގޮސްފި އެވެ.
ރޭ ދަންވަރު 3:00 ހާކަންހާއިރު މާލެ ބޮޑު ސަރައްދަކުން ކަރަންޓް ކަނޑައިގެން ގޮސްފައިވާ އިރު ބައެއް ސަރައްދުތަކަށް އަދިވެސް ކަރަންޓް ނުލިބެ އެވެ. ހެންވޭރު ލޮނުޒިޔާރަތްމަގާއި ދިމާލުން ބައެއް ގެތަކަށް ކަރަންޓް ނުލިބި ގިނަ އިރުތަކެއްވެފައިވާ އިރު އެ ސަރައްދުގެ ބައެއް ފިހާރަތައް ވެސް ހުރީ ނުހުޅުވަ އެވެ.
ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ނާޒިރު "ސަން"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މާލެ އެކި ސަރައްދުތަކުން ކަރަންޓް ކަނޑައިގެން ގޮސްފައި ވަނީ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން މަގުތަކުގައި ވަޅުލާފައިވާ ކަރަންޓް ކޭބަލްތައް ހަލާކުވެގެން ކަމަށެވެ. އޭނާ ވިދާޅުވީ މާލޭ ބޮޑު ސަރައްދަކުން ރޭ ކަރަންޓް ކެނޑުނު ނަމަވެސް ބޮޑު ސަރައްދަކަށް މިހާރު ކަރަންޓް ދޫކުކޮށްފައިވާ ކަމަށެވެ.
"ރޭގައި ކުރި ވިއްސާރައިގައި ކަރަންޓް ކޭބަލްތަކަށް ގެއްލުން ވުމުގެ ސަބަބުން ރޭ މާލެގެ އެކި ސަރައްދުތަކުން ކަރަންޓް ކަނޑައިގެން ދިޔައީ. އަދި ވެސް ބައެއް ސަރައްދުތަކަށް ކަރަންޓް ނުލިބޭ،"
އޭނާ ވިދާޅުވީ ކަރަންޑު ކަނޑައިގެން ގޮސްފައިވާ ސަރައްދުތަކަށް ކަރަންޓް ދޫކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ގަޑިއެއްހާ އިރުގެ ރޭގައި އެ ސަރައްދުތަކަށް ވެސް ކަރަންޓް ދޫކުރެވޭނެ ކަމަށެވެ.
ރޭ މާލެއަށް ކުރި ވިއްސާރާގައި މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ވެހިކަލްތައް ދުއްވުމަށާއި ހިނގާއުޅުމަށް ވަނީ އުނދަގޫތަކާއި ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ