ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތު ހިފުމުގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް، އެކި ދައުވާތައް އުފުލާފައިވާ އަބްދުﷲ ސައީދާއި، އަލީ ހަމީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ދައުލަތުން ކުރީ އެ ދެ ބޭފުޅުންނާ ގުޅުން ހުރި ފަރާތްތަކަކުން މެލޭޝިއާއިން ގަނެފައިވާ ފްލެޓްތަކަކަށް ވިލާ ކުންފުނިން ފައިސާ ދެއްކި ކަމަށް ބުނެއެވެ. އެ މައްސަލައި ކުރީގެ ޖުޑީޝަން އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރިއެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތު ހިފުމުގެ ދައުވާ މިއަދު ކްރިމިނަލް ކޯޓުން ބާތިލު ކުރީ، މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު، އެ ދައުވާ ކުރިއަށް ގެންދެވެން ނެތުމުންނެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ކުރި ދައުވާ ބާތިލު ކުރިއިރު، އެ ބޭފުޅުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި، ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ބާތިލުކޮށްފައެވެ. އެ ދައުވާ ވެސް ބާތިލު ކުރީ އެ ތިން ބޭފުޅުންނަށް ރިޝްވަތު ދިނުމުގެ ގޮތުން، އެ ބޭފުޅުންނާ ގުޅުން ހުރި ފަރާތްތަކުން ގަތް ފްލެޓްތަކަށް ވިލާއިން ފައިސާ ދެއްކިކަން އެނގޭނެ ހެކި ދައުލަތުން ހުށަހަޅާފައި ނެތުމުންނެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ ބާތިލު ކުރިއިރު، އެ ބޭފުޅުން މިހާރު ވެސް ގެންދަވަނީ އެހެން މައްސަލަތަކެއްގައި ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. އެ ގޮތުން، އެ ދެ ބޭފުޅުންގެ މައްޗަށް އުފުލީ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އަދި ސައީދުގެ މައްޗަށް ޖެމްސް މައްސލައިގައި ވެސް ކުށް ސާބިތުވެ ހުކުމްކޮށްފައި ވެއެވެ.
ސައީދާއި ހަމީދުގެ މައްޗަށް އިއްވި ހުކުމްތައް، ސުޕްރީމް ކޯޓުން ވެސް ދެމެހެއްޓުމާ ގުޅިގެން އެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް ވަނީ ގެއްލިފައެވެ.
ސުޕްރީމް ކޯޓުގެ އެކެއް ފެބްރުއަރީގެ އަމުރު ނެރުނު މައްސަލައާއި ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައި ވެއެވެ. އެ ދައުވާގެ ޝަރީއަތް ފެށިފައިވާއިރު، އެ މައްސަލައިގައި އަދި ހުކުމެއް ނުކުރެއެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ