ފާރިސް، ގާސިމް އަދި ކުރީގެ ރައީސް މައުމޫން މިނިވަން ކޮށްފި
ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރ ގާސިމް އިބްރާހީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިނިވަންކޮށްފިއެވެ.މި ތިން ބޭފުޅުންވެސް މިނިވަން ކޮށްފަައިވަނީ ކަފާލާތުގެ ދަށުންނެވެ. ހަައިކޯޓުން ފާރިސް ކަފާލާތުގެ ދަށުން މިނިވަންކުރީ އެކަމަށް ފާރިސްގެ ފަރާތުން މިއަދު އެދިފަައިވާތީއެވެ. އެކަމަށް އެދުނީ މިއަދު ހައިކޯޓުގައި އޮތް ފާރިސްގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުމުގައެވެ. ކަފާލާތުގެ ދަށުން ފާރިސް ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް ފާރިސް އެއްބަސްވެވަޑައިގެން ފާރިސްގެ ފަރާތުން 40،000 ރުފިޔާ ކޯޓަށް ދެއްކުމުންނެވެ. ސަރުކާރާ އިދިކޮޅު ޕާޓީތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކުރި މައްސަލައިގައި ޝަހުސު އޮޅުވާލުމުގެ ކުށް ސާބިތުވާކަމަށް ނިންމައި 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.ކަފާލާތުގެ ދަށުން ގާސިމް މިނިވަންކުރުމަށް ހައިކޯޓުން އަމުރުކުރީ ގާސިމްގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އިސްތިއުނާފް މައްސަލާގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލާފައި ބެހެއްޓުމަށް އޭނާގެ ގާނޫނީ ވަކީލުން ހައިކޯޓުގައި އެދުމުންނެވެ. ގާސިމް ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް ގާސިމް އެއްބަސްވެވަޑައިގެން ގާސިމްގެ ފަރާތުން 70،000 ރުފިޔާ ކޯޓަށް ދެއްކުމުންނެވެ. ގާސިމް ތިން އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.އަދި މީގެ އިތުރުން ކުރީގެ ރައީސް މައުމޫން މިނިވަން ކޮށްފައިވަނީ ރާއްޖޭގެ ހައިކޯޓުންނެވެ. ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެމަނިކުފާނު ހައިކޯޓުން މިރޭ ކަފާލާތުގެ ދަށުން މިނިވަންކުރީ އެމަނިކުފާނު އެ ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލާގެ ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅެންދެނެވެ. ރައީސް މައުމޫން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައިވަނީ ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަކީ ގާނޫނު އަސާސީއާ ގާނޫނީ އިޖްރާއަތްތަކާއި ޝަރުއީ އިޖްރާއަތްތަކާއި ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށް ފެންނާތީ އިސްތިއުނާފް މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ނިންމަވަންދެން ޖަލު ބަންދުގައި ހުންނެވުމަކީ އިއާދަ ނުކުރެވޭނެ ގެއްލުން ތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވާތީ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ