މަހާސިންތާގެ ދެވަނަ ބުރުގެ ދައުވަތު ވެސް މައުމޫން ގަބޫލުފުޅެއް ނުކުރެއްވި
ރައީސް އަބްދުﷲ ޔާމީނަށް 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް ކެމްޕެއިން ލީޑަރުން ތައްޔާރުކުރަން ބާއްވާ މަހާސިންތާގެ ދެވަނަ ބުރު އިފްތިތާހުކޮށް ދެއްވަން މައުމޫނަށް ދެއްވި ދައުވަތު ވެސް އެމަނިކުފާނު ގަބޫލުފުޅު ނުކުރެއްވި ކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މިއަދު ބުނެފި އެވެ. އެ މަހާސިންތާގެ ފުރަތަމަ ބުރު އިފްތިތާހުކޮށް ދެއްވުމަށް މައުމޫނަށް އެރުވި ދައުވަތު އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާފައި ވަނިކޮށް، މާދަމާ ރޭ ފަށާ ދެވަނަ ބުރަށް ވެސް މައުމޫނަށް ދައުވަތު ދެއްވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެގޮތަށް ބޭނުންފުޅުވާތީ ކަމަށް ކެމްޕެއިން އޮފީހުން ވަނީ ބުނެފަ އެވެ. ރައީސްގެ ކެމްޕެއިން އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކެމްޕެއިން އޮފީހުގެ މީޑިއާގެ ކަންތައްތަކާ ހަވާލުވެ ހުންނެވި، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، މަހާސިންތާގެ ދެވަނަ ބުރު އިފްތިތާހު ކޮށްދެއްވުމަށް އެރުވި ދައުވަތު ގަބޫލުފުޅު ކުރެއްވެން ނެތް ކަމަށް މައުމޫން އަންގަވާފައި ވަނީ ނައިބު ރައީސް އަހުމަދު އަދީބާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. "މި ބައްދަލުވުމުގައި ވަނީ މި ފަހަރުގެ މި ރަސްމިއްޔާތުގައި އެމަނިކުފާނަށް ބައިވެރި ނުވެވޭނެކަން ހާމަ ކުރައްވާފައި. ފުރަތަމަ ބުރުގައި ޚާއްސަ ސަބަބެއް ނެތް ފާހަގަ ކުރައްވާފައި. އެކަމަކު މިފަހަރު އެބައޮތް ޖަވާބެއް ލިބިފައި. އަޅުގަނޑުމެން ކުރިއަށް ދާންވީ ގޮތް ވަރަށް ސާފު،" މުއާޒު ވިދާޅުވި އެވެ. އެހެން ނަމަވެސް މައުމޫން ދެއްވި ޖަވާބެއް އެއްވެސް ފަރާތަކުން އަދި މީޑިއާއަށް ހާމައެއް ނުކުރައްވަ އެވެ. ދައުވަތު ގަބޫލުފުޅު ކުރެވެން ނެތް ކަމަށް މައުމޫން އަންގަވާފައިވާތީ، މަހާސިންތާގެ ދެވަނަ ބުރު އިފްތިތާހުކޮށް ދެއްވާނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކަމަށް މުއާޒު ވިދާޅުވި އެވެ. މަހާސިންތާގެ ފުރަތަމަ ބުރު އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް އަދީބެވެ. އެއީ ވެސް މައުމޫނަށް އެރުވި ދައުވަތު ގަބޫލުފުޅު ނުކުރެއްވުމުންނެވެ. މުއާޒު ވިދާޅުވި ގޮތުގައި މަހާސިންތާގެ ދެވަނަ ބުރު ޚާއްސަ ކޮށްފައި ވާނީ ފ. އަތޮޅުން ފެށިގެން އައްޑުއާ ދެމެދުގެ އަތޮޅުތަކުގެ ޕީޕީއެމްގެ ގޮފިތަކުގެ އިސްވެރިންނާއި ފޯކަލް ޕޮއިންޓްތަކަށް ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި ފުރަތަމަ ބުރުގައި ބައިވެރި ނުވެވުނު އުތުރުގެ އަތޮޅުތަކުގެ ބައެއް މީހުންނާައި މާލޭގެ ބައެއް ފޯކަލް ޕޮއިންޓްތަކުން ވެސް ދެވަނަ ބުރުގައި ބައިވެރިވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ. "އަޅުގަނޑުމެން މިފަހަރު މަސައްކަތް މިކުރަނީ 446 ބައިވެރިން އެކަމޮޑޭޓް ކުރެވޭތޯ. ކުރިން ފަހަރަށް ވުރެ [މީހުން] މި ގިނަވަނީ މި ކަންތައްތައް ހުރީމަ،" މުއާޒު ވިދާޅުވި އެވެ. މަހާސިންތާގެ ދެވަނަ ބުރު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވުމަށް މައުމޫނަށް ދައުވަތު އެރުވިއިރު، މަހާސިންތާ ބާއްވާ މައްސަލާގައި، މައުމޫނަށް ތާއީދުކުރާ އެ ޕާޓީގެ ބައެއް އިސް ބޭފުޅުންގެ ޚިޔާލު ވަނީ ވަރަށް ބޮޑަށް ތަފާތުވެފަ އެވެ. މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަނޑަނާޅަނީސް ގޮފިތަކުން މީހުން ގެނެސްގެން ،އެގޮތަށް މަހާސިންތާ ބޭއްވުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފް ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ