މި އަންނަ ދިރާސީއަހަރު ސްކޫލުން ޖާގަދެވޭނީ 60 ދަރިވަރުންނަށް: އަރަބިއްޔާ ސްކޫލް
2012 ވަނަ އަހަރުގެ ދިރާސީއަހަރު ފެށެންވާއިރަށް ގްރޭޑް އެކަކަށް ކުދިންވެއްދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލުމުން އަރަބިއްޔާ ސްކޫލަށް ދަރިވަރުން ވެއްދުމަށް ގިނަ އަދަދެއްގެ ބެލެނިވެރިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ޖާގައިގެ ދަތިކަމުން ފުރުސަތު ދެވެން އޮތީ އެންމެ 60 ދަރިވަރުންނަށް ކަމަށް އަރަބިއްޔާ ސްކޫލްގެ މުދީރު އާއްމު އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.“އަޅުގަނޑުމެންނަކަށް ނެތް މިނޫން ގޮތެއް. އަންނަ އަހަރު ސްކޫލުން ހުސްވަނީ ދެ ކްލާސް. އެ ދެ ކްލާހަށް ވާވަރަށް އަންނަ އަހަރު ކުދިން ނެގޭނީ” ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބް ދެއްވަމުން މުދީރު ވިދާޅުވިއެވެ.އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަންތަންގަނޑު ވެއްޓި، ދަރިވަރުންނަށް ނުރައްކާވާ ހިސާބަށް ގޮސް ސްކޫލްގެ ކިޔެވުން މިދިޔަ އަހަރުގެ މާޗް ތިންވަނަ ދުވަހު ހުއްޓާލުމަށް ފަހު މިހާރު މަންދު ކޮލެޖްގެ ބައެއްގައި ކިޔަވަމުން އަންނަ އަރަބިއްޔާގެ 650 ދަރިވަރުންނަށް އަންނަ އަހަރު ދެބައިވުމުގެ ކުރިން އަރަބިއްޔާ ސްކޫލްގެ އާއިމާރާތުގައި ކިޔެވުމުގެ ފުރަސަތުލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ހަވާލާދީ މުދީރު ވިދާޅުވިއެވެ. މީގެ އިތުރުން އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ އަދަދު 800 އަށް ވުރެ އިތުރު ވެއްޖެނަމަ އިތުރު އަރަބި ސްކޫލެއް އަޅައިދޭނެ ކަމުގެ ޔަޤީންކަން ދީފައިވާކަމަށް ވެސް މުދީރު ވިދާޅުވިއެވެ.މިއަހަރުގެ ޕްރީސްކޫލް ނިންމައި އަންނަ އަހަރު ގްރޭޑް އެކަކަށް ބަދަލްވާ އެތައް ސަތޭކަ ދަރިވަރުންނެއްވާއިރު އަރަބިއްޔާ ސްކޫލަށް ވަނުމަށް ހުށަހަޅައިފައިވާ ދަރިވަރުންގެ ސީދާ އަދަދު ކަށަވަރުވާނީ ފޯމް ހުށަހެޅުމުގެ މުއްދަތު މިއަންނަ މަހުގެ 15ގަ ހަމަވުމުންނެވެ._____ފޮޓޯ : ހަވީރު ނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ