ރިޔާސީ އިންތިހާބު 2008: ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ފުވައްމުލަކުގައި ކުއްލިއްޔާގެ ގޮތްޕެއް ހަދައިދޭނަން: މައުމޫން

މި ފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ފުވައްމުލަކުގައި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާގެ ގޮތްޕެއް ހައްދަވައިދެއްވާނެ ކަމުގައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ހާފިޒު އަހުމަދު ސުކޫލްގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކަކީ ދީނީ އިލްމަށް ވަރަށް ކުޅަދާނަ ބަޔަކު އުޅޭ ރަށެއް ކަމަށާއި ދީނީ އިލްމު އުގެނުމަށް ވަރަށް އިސްކަން ދޭ ރަށްޔިތަކު ދިރިއުޅޭ ރަށެއް ކަމަށެވެ.
ފުވައްމުލަކަށް މިހާރު ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ އާއި އެއާޕޯޓް އަދި ނަރުދަމާ ނިޒާމް ފަދަ ބޮޑެތި މައްސަލަތަކަށް ބައްލަވާލައްވައި އެކަންތައް ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ކުރިޔަށް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއާޕޯޓްގެ މަސައްކަތް މިހާރު ވެސް އެބަކުރިޔަށް ދޭ. އެމީހުނަށް ވަނީ އެއާޕޯޓް ހެދުމުގެ ބަދަލުގައި ރިސޯޓެއް ތަރައްގީކުރާނެ ރަށެއް ވެސް ދީފައި. އެމީހުން އެއާޕޯޓް ނިންމަން އޮންނާނީ ދެ އަހަރު ދުވަސް. އެ މުއްދަތުގައި އެ މީހުން ނިންމަންޖެހޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަދި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ޑިޓެއިލް ޑިޒައިން ހެދުމުގެ މަސައްކަތް އެއްފަހަރު ނިއްމާފައިވާ ކަމަށާއި ނަމަވެސް ބައެއް ބަދަލުތައް ގެންނަން ޖެހޭތީ މިހާރު އަލުން އެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް ނޮވެމްބަރު މަހުގައި އެ މަސައްކަތް ނިންމާނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހަކުރުގެ ބަދަލުގައި ގަންޖާ އަށް ޖަގާދިނުމަކީ ހަކުރުގެ ހައްލުކަމަށް ދޭހަވާ ގޮތަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ދެއްކެވި ވާހަކައިގެ ވީޑިއޯ ރޭގެ ޖަލްސާގައި ވެސް ޑީއާރުޕީން ވަނީ ދައްކައިފަ އެވެ.
ރޭގެ ޖަލްސާގައި ރައީސް މައުމޫންގެ އިތުރުން އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ޕީޕަލްސް ޕާޓީ އަދި އެމްއެސްޑީޕީގެ ފަރާތުން އެ ދެ ޕާޓީގެ ލީޑަރުން ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ