ރައްޔިތުންގެ ހާއްސަ މަޖިލީހުން މިހާރު އެކުލަވާލަމުންދަނީ އާ ގާނޫނު އަސާސީއެއް ކަމަށް މާނަކުރާނަމަ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިހާރު ރައީސްކަމުގައި ހުންނެވީ ދުސްތޫރީ ހަމައަކުން ނޫން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން ރޭ އިމާދުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ޑރ. މުނައްވަރު ވިދާޅުވީ މިހާރު އޮތް ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމާއެކު 1968 ވަނަ އަހަރު އެކުލަވާލެއްވި ގާނޫނު އަސާސީ އުވުނީ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތަސް، ގާނޫނު އަސާސީ އަށް އަމަލުކުރެވުމުން އަދި މާނަކުރެވެމުން ދިޔައީ އާ ގާނޫނު އަސާސީއެއްގެ ގޮތުގައި ނޫން ކަމަށެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އަކީ އާ ގާނޫނު އަސާސީއަކަށް ވީނަމަ އޭރު އޮތް ރައްޔިތުންގެ މަޖިލީސް އުވި އާ މަޖިލީހެއް އިންތިހާބުކުރީސް ކަމަށާއި އަދި ރިޔާސީ އިންތިހާބު ވެސް ބޭއްވީސް ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.
މިހާރު އޮތް ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި ފަހުން އަރިއަތޮޅު ދެ ބައިކޮށް ރައްޔިތުންގެ މަޖިލީހަށް އއ. އަތޮޅުން މެމްބަރަކު އިންތިހާބުކުރުމަށްޓަކައި ދުސްތޫރީ އަސްލަކަށް ދެއްކެވީ ވެސް މިހާރު އަމަލުކުރާ ގާނޫނު އަސާސީ އަކީ އާ ގާނޫނު އަސާސީއެއް ނޫން ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.
"މިހާރު މި ގާނޫނު އަސާސީ އިސްލާހުކުރާ މަރުހަލާގައި މިއީ އިސްލާހުކުރާ ގާނޫނު އަސާސީއެއް ނޫނޭ ވިދާޅުވެއްޖެ ނަމަ ރައީސް މައުމޫން 1968 ވަނަ އަހަރުގެ ގާނޫނު އަސާސީއާ އެ ހުންނެވީ ހިލާފުވެފައި. އެ ހިސާބުން އެ މަނިކުފާނު މަގާމުން ދުރުކުރަންޖެހޭނެ،" ބަންޑާރަ ނައިބުކަން ވެސް ކުރައްވައިފައި ހުންނެވި ޑރ. މުނައްވަރު ވިދާޅުވި އެވެ.
ހާއްސަ މަޖިލީސް އެއްކުރެއްވި އެއް މަގުސަދަކީ ވެސް އެކަކު މާގިނަ ދުވަހު ވެރިކަން ކުރެއްވުމަކީ ރަނގަޅު ކަމަކަށް ނުވުމާއެކު ފަސް އަހަރު ދުވަހުގެ ދެ ދައުރު ކަނޑައެޅުން ކަމަށާއި އެ ނޫން ގޮތަކަށް އަމަލުކޮށްފިނަމަ ގާނޫނު އަސާސީގެ މަގުސަދާ ހިލާފުވާނެ ކަމަށް ވެސް ޑރ. މުނައްވަރު ވިދާޅުވި އެވެ.
"މަގުސަދާ ހިލާފުވެއްޖިއްޔާ ގާނޫނު އަސާސީއާ ހިލާފުވާނެ،" ޑރ. މުނައްވަރު ވިދާޅުވި އެވެ. "މައްސަލަ ވަރަށް ސާފުކޮށް މިއޮތީ. މައުމޫން އަބްދުލް ގައްޔޫމަކަށް ދެން އިތުރަކަށް އަރާނެ ގޮޅިއެއް ނުފެންނާނެ. ކިތަންމެ ވަރަކަށް ހޯއްދެވިޔަސް އިތުރު ގޮޅިއެއް ނެތް. ގޮޅި ހުސްވީ."
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރު މުހައްމަދު ޝިހާބު ވެސް ރޭގެ ޖަލްސާގައި ވިދާޅުވީ "މައުމޫނަށް އެ ހުންނެވީ ބޮނދުބުޑަށް ސައިކީފައި" ކަމަށެވެ.
"އެ ބޭފުޅުންނަށް އެނގޭނެ އެ އޮތީ ޅައެއްޗެއް އެޅިފައިކަން. ބޮނދު ބުޑަށް ސައިކީމާ ދެން ކުރާނެ ކަމެއް ނޯންނާނެ،" ޝިހާބު ވިދާޅުވި އެވެ. "އަޅުގަނޑުމެން އަމަލުކުރަންޖެހޭނީ ގާނޫނާ އެއްގޮތަށް. ބަލަންޖެހޭނީ ގާނޫނުގައި ލިޔެފައިވާ އެއްޗަކަށް."
ޝިހާބު ވިދާޅުވީ ހާއްސަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ހާއްސަ މަޖިލީހުގެ އެޖެންޑާއަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ. އަދި ގާނޫނު އަސާސީގައި ވާ ގޮތުން އާ ގާނޫނު އަސާސީއެއް ހެދުމަށް ވެސް ރައީސް މައުމޫނަށް މަޖިލީސް އެއްކުރެއްވިދާނެ ކަމަށާއި ނަމަވެސް މައުމޫން މަޖިލީސް މި ފަހަރު އެއްކުރެއްވީ ގާނޫނު އަސާސީ އިސްލާހުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހާއްސަ މަޖިލީހުން އެއްފަހަރާ ދެ ކަމެއް ނުކުރެވޭނެ ކަމަށާއި އެ ގޮތުން އާ ގާނޫނު އަސާސީއެއް ހެދުމާއި ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް އެކުގައި ކުރިއަށް ގެންދާނަމަ ގާނޫނު އަސާސީއާ ހިލާފު ކަމަކަށް ވާނެ ކަމަށް ޝިހާބު ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިނިވަން އިންތިހާބަކަށް ނުވާނަމަ މަދަނީ ބަސްނޭހުމާއި މުޒާހަރާތައްކޮށް ސަރުކާރުގެ ހިންގެވުން ހުއްޓުވާލާނެ ކަމުގެ އިންޒާރު ވެސް ރޭގެ ޖަލްސާގައި އެމްޑީޕީން ދިނެވެ.
"އިންތިހާބު އިންސާފުވެރިކޮށް ނޫން ގޮތަކަށް ބޭއްވުމުގެ ފުރުސަތު ދީގެން ނުވާނެ. އެހެންވީމާ އެމްޑީޕީގެ މެމްބަރުންނަށް ހާއްސަކޮށް އަދި ދިވެހި ރައްޔިތުންނަށް އާންމުކޮށް މި ގޮވާލަނީ މަދަނީ ބަސްނޭހުމަށް ތައްޔާރުވެވަޑައިގަންނަވާށޭ. މުޒާހަރާކުރުމަށް ތައްޔާރުވެވަޑައިގަންނަވާށޭ. މަގުމައްޗަށް ނުކުތުމަށް ތައްޔާރުވެވަޑައިގަންނަވާށޭ،" ޑރ. މުނައްވަރު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ރާއްޖޭގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ދޫދީފިން. ގާނޫނު އަސާސީ ނިންމާއިރު އިންތިގާލީ އަށް ފުރުސަތު ނެތިއްޔާ މުޒާހަރާ އޮންނާނެ. މަދަނީ ބަސްނޭހުން އޮންނާނެ. އަޅުގަނޑުމެން ނުކުންނާނީ ދިވެހިރާއްޖޭ ސަލާމަތްކުރުމަށްޓަކައި. ދިވެހިރާއްޖޭގެ ހަމަޖެހުން މުހިންމުވާތީ. އިގުތިސޯދު މުހިންމު ވާތީ. އެކަމަށް ހުރަސްއެޅުމަށް މައުމޫނަށް ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެން ނުކުންނާނީ ގެއަށް ދާ ގޮތަކަށް ނޫން. ނުކުންނާނީ ގައުމުގައި އިންސާފުވެރި މިނިވަން އިންތިހާބެއް ބޭއްވުމުގެ ޔަގީންކަން ހޯދުމަށްފަހު."
މި މަގުސަދަކީ އެމްޑީޕީގެ އެކަނި މަގުސަދަކަށް ހަދައިގެންނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު )އަންނި( ވެސް ވިދާޅުވީ މިނިވަން އިންތިހާބެއް ނުބޭއްވޭނަމަ އެމްޑީޕީން ނުކުމެ ސަރުކާރު ހުއްޓުވުމަކަށް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރާނެ ކަމަށެވެ. އެގޮތުން ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކާއި ރަށު ކޯޓުތަކާއި މިނިސްޓްރީތައް ބަންދުކުރާނެ ކަމަށާއި ޓީވީއާއި ރޭޑިއޯ އަދި އިލެކްޓްރިސިޓީ ބަންދުކުރާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
ޑރ. މުނައްވަރުގެ ވާހަކައިގައި، ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާފައި ވަނީ ޒިންމާދާރު ގޮތަކަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މުސާރަ ބޮޑުކުރަންޖެހޭނީ މުވައްޒަފުންގެ ދިރިއުޅުމުގެ ހަރަދުތަކަށް ބަލައިގެން ކަމަށާއި އެންމެ އާދައިގެ ހަރަދުތައް ކުރާ މިންވަރަށް މުސާރަ ނުލިބެންޏާ ކޮރަޕްޝަންއެއް ނައްތައިނުލެވޭނެ ކަމަށެވެ.
އެކުލަވާލަމުން ދަނީ އާ ގާނޫނު އަސާސީއެއް ނަމަ މައުމޫން ރައީސްކަމުގައި މިހާރު ހުންނެވީ ދުސްތޫރީ ހަމައަކުންނެއް ނޫން: ޑރ. މުނައްވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ