މެމްބަރު ހުސެއިން މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެއިން މުހައްމަދު މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އެމްޕީ ހުސެއިން މުހައްމަދު ފުލުހަށް ހާޒިރިކުރަނީ ކޮން މައްސަލައަކާއި ގުޅިގެންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން އަންގާފައި އޮތީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހާޒިރުވާން ކަމަށް ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވިއެވެ.
އަދި މެމްބަރ ހުސެއިން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހަވީރު ހައެއް ޖަހާއިރު ކަމަށްވެސް އަލީ ސޯލިހު މައުލޫމާތު ދެއްވިއެވެ.
މެމްބަރު ހުސެއިން ފުލުސް އޮފީހަށް ހާޒިރުކުރަން އަންގާފައިވާއިރު ، ޖޭޕީގެ މަޖިލިހުގެ މެމްބަރުން ވަނީ މީގެ ކުރިން ވެސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި , އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި , ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސެއިނާއި ކާށިދޫ ދާއިރާގެ ޖޭޕީގެ މެމްބަރު ފައިސަލް ނަސީމް އެވެ.
ކްރިމިނަލް ކޯޓުގައި ރިޔާޒް ގެ މައްސަލައިގެ ޝަރީއަތް ހިނގަމުންދާއިރު ޖޭޕީގެ ލީދަރު ގާސިމްވެސް އެތައް ފަހަރަކު ފުލުހަށް ހާޒިރުކޮށް ފުުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު މިހާރުވަނީ ދޫކޮށްލާފައެވެ.
މެމްބަރު ހުސެއިން ފުލުހަށް ހާޒިރުވާން އެންގުމާއި ގުޅިގެން ޖުމްހޫރީ ޕާޓީން ބުނީ ފަހަކަށް އައިސް ޖޭޕީގެ މެމްބަރުން ފުލުސް އޮފީހަށް ހާޒިރު ކުރުމަކީ އާންމު ކަމެއް ކަމަށާއި އެކަމުގެ ބޭނުމަކީ މެމްބަރުންނަށް ބިރު ދައްކައި، ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ