ހ. ފެންޓެނޯއީ ގޭގެ މަތީ ފްލޯއެއްގެ ފެންލައިޓުން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޖެންޑާ މިނިސްޓަރު އާއިޝަތު ޝިހާމްއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއް ބާއްވަތެއްގެ މައްސަލަތަކުގައި ތަފާތުކުރުން ގެންގުޅުމާއި ޔުމްނުގެ ހާދިސާއާ ގުޅިގެން އޭނާގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމުގައި ލަސްކުރުމާ ގުޅޭ ގޮތުން ސުވާލު ކޮށްފައިވާ ކަމަށެވެ.
"އެއްބާވަތެއްގެ މައްސަލަތަކުގައި ގޭގެ ނަމާއި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅެނީ ކީއްވެތޯ އަދި 18 އޭޕްރިލް 2025 ވަނަ ދުވަހު ޝިކާރައަކަށްވީ އަންހެން ކުއްޖާގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމުގައި ލަސްކުރީ ކީއްވެތޯ ސުވާލުކޮށްފިން،" އޭނާ ވިދާޅުވި އެވެ.
މީކާއިލް އިހުސާންއާ ކުރައްވަން ހުށަހެޅުއްވި ސުވާލަކީ ޔުމްނުގެ ހާދިސާއާ ގުޅިގެން ކުށުގެ ވެއްޓާއި ގުޅުންހުރި ގޭގެ ނަން ހާމަނުކޮށް ސިއްރު ކުރުމާއި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަ ކުރުމުގައި ތަފާތުކުރުން ގެންގުޅުމާ ގުޅޭ ގޮތުންނެވެ.
"18 އޭޕްރިލް 2025 ވީ ހުކުރު ދުވަހު، އުސް އިމާރާތަކުން ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި، ކުށުގެ ވެއްޓާއި ގުޅުންހުރި ގޭގެ ނަން ހާމަނުކޮށް ސިއްރު ކުރީ ކީއްވެތޯ؟ އަދި މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅެނީ ކީއްވެތޯ،" މީކާއިލް ކުރެއްވި ސުވާލުގައި ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓަރު އާއިޝަތު ޝިހާމްއާ މީކާއިލް ކުރައްވަން ހުށަހެޅި ސުވާލަކީ މިދިޔަ ހުކުރު ދުވަހު ޔުމްނު ވެއްޓުނު ހާދިސާގައި އޭނާގެ ސާމްޕަލް ނެގުމުގައި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔުމާ ގުޅިގެންނެވެ.
"ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާފަދަ ކުށެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި، އެ ސާމްޕަލްގެ ފޮރެންސިކް ތަހުލީލް ކުރުމަކީ ލާޒިމުކަމަކަށްވީ ހިނދު، 18 އޭޕްރިލް 2025 ވީ ހުކުރު ދުވަހު އުސް އިމާރާތަކުން ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އަންހެން ކުއްޖާ ވެއްޓުނު މައްސަލައިގައި އެ އަންހެން ކުއްޖާގެ ސާމްޕަލް ނެގުމުގައި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައިދިޔައީ ކީއްވެތޯ،" އޭނާގެ ސުވާލުގައި ވިދާޅުވި އެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު އާއި އޭނާއާއެކު އުޅުނު މީހާ، އެހެން ޒުވާނުންތަކާކާއެކު ބުރާސްފަތި ދުވަހުގެ ރޭ ފުރަތަމަ ދިޔައީ "މާލޭގެ މެދުތެރޭގައި" ހުރި ގެއަކަށެވެ. ޔުމްނު އާއި އޭނާއާއެކު އުޅުނު މީހާ ދިޔައީ ފެންޓެނޯއީ އަށް ދިޔައީ އެއަށް ފަހު އެވެ.
އެ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ. މި މައްސަލައިގައި އޭނާއާއެކު އުޅުނު މީހާ ހައްޔަރެއް ނުކުރެ އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ދެ މިނިސްޓަރުންނާ ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ދެ މިނިސްޓަރުންނާ ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ