ޕޮޒިޓިވްވިޔަސް ރައުދު ހައްޔަރު ނުކުރީ އަތުން މަސްތުވާތަކެތި ނުފެނުމުން: ފުލުހުން ޕޮޒިޓިވްވިޔަސް ރައުދު ހައްޔަރު ނުކުރީ އަތުން މަސްތުވާތަކެތި ނުފެނުމުން: ފުލުހުން

ހ. ފެންޓެނޯއި ގޭގެ މަތީ ފްލޯއަކުން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާގައި އޭނާއާއެކު އެ ގޭގެ ސިޑިމަތީގައި އުޅުނު ރައުދު އަހުމަދު ޒިލާލް 21، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ނެގި ޔޫރިން ޕޮޒިޓިވް ވިޔަސް، އޭނާ ހައްޔަރު ނުކުރީ އަތުން މަސްތުވާތަކެތި ނުފެނުމުން ކަމަށް ފުލުހުން ބުނެފި އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާ މީހާ ބަންދުގައި ބަހައްޓަނީ ހަމައެކަނި އޭނާ އަތުން މަސްތުވާތަކެތި ފެނިގެން ކަމަށެވެ.
"ތިބޭފުޅުން ތި ދަންނަވަނީ މަސްތުގެ ހާލަތުގައި ހުރެފައި އަޅުގަނޑުމެން ހައްޔަރަށް ގެންގޮސްފައި ކުޑަގޮޅީގައި މީހުން ބައިތިއްބާ ވާހަކަ. އެގޮތަކަށެއް އެކަމެއް ނުކުރާނެ އޭނަ މަސްތުވާތަކެއްޗެއް ނުފެންނަހާ ހިނދަކުއެއް،" އޭނާ ވިދާޅުވި އެވެ.
އެ ތަހުގީގަށް އެއްބާރުލުން ނުދޭތީ ރައުދު ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން މިހާރު ވަނީ އެދިފަ އެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ޔުމްނު ވެއްޓުމުގެ ހާދިސާގެ ތަހުގީގައި އަމަލު ކުރަމުންދަނީ އެހެން މައްސަލަތަކުގައި ވެސް އަމަލު ކުރާ ގޮތަށް އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށެވެ.
"އަޅުގަނޑުމެން މި ހިންގާ ތަހުގީގުގައި އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން އަޅުގަނޑުމެން މީގައި ކުރީގައި ވެސް ބަލަމުންދާ މައްސަލަތަކާ މިއާ ވަކި ތަފާތުކޮށް ކުރި ކަމެއް ނޯންނާނެ. އެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު އާއި އޭނާއާއެކު އުޅުނު މީހާ، އެހެން ޒުވާނުންތަކާކާއެކު ބުރާސްފަތި ދުވަހުގެ ރޭ ފުރަތަމަ ދިޔައީ "މާލޭގެ މެދުތެރޭގައި" ހުރި ގެއަކަށެވެ. ޔުމްނު އާއި އޭނާއާއެކު އުޅުނު މީހާ ދިޔައީ ފެންޓެނޯއީ އަށް ދިޔައީ އެއަށް ފަހު އެވެ.
ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ