މައްސަލަ ނިންމީ ހަގީގަތާ ޚިލާފަށް ކަމަށް ވިދާޅުވެ، އަޒްމިރަލްދާގެ ސިޓީއެއް ރައީސަށް
ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާފައިވާ މެންބަރުން ހިމެނޭ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމިޓީން މައްސަލަ ނިންމީ ހަގީގަތާ ޚިލާފަށް ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސިޓީއެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފިއެވެ. ޖޭއެސްސީން އެކުލަވައިލި ކޮމިޓީން މިދިޔަ ފެބްރުއަރީ މަހުގެ 26ގައި އަޒްމިރަލްދާއަށް ފޮނުވާފައިވާ ނޯޓިސްގައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގުޅައި އޭނާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފްގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ މައްސަލައެއް ކަމަށެވެ. މިއީ އެ ކޮމިޝަނަށް ލިބުނު ޝަކުވާއަކާ ގުޅިގެން ބަލާ މައްސަލައެއް ކަމަށް ވެސް އެ ނޯޓިސްގައި ވެއެވެ. އަޒްމިރަލްދާއާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލައިގައި، މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާ މައްސަލަ ބަލައި ނިމުނުއިރު ކޮށްފައި އޮތް ތުހުމަތު ތަފާތުކަން އޭނާގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމީލްގެ ނޫސް ބަޔާނުން އެނގެއެވެ. އަޒްމިރަލްދާގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ޝަމީލް ވިދާޅުވީ ކޮމިޓީން މައްސަލަ ބަލައި ނިންމީ ހަގީގަތަ ޚިލާފަށް ކަމަށެވެ.އަދި، ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓީގައި ރައީސް އައްޔަންކުރައްވާ ދެ ބޭފުޅުން ތިއްބަވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފަނޑިޔާރުގެ މައްސަލަ ބަލާ ކޮމިޓީގައި ތިއްބެވި ތިން މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ސީދާ ރައީސް އައްޔަނުކުރައްވާ ދެބޭފުޅުން ކަމަށް ވިދާޅުވިއެވެ. އެހެންވެ، ރައީސް އައްޔަނުކުރައްާފައިވާ ދެ މެންބަރުން ތިއްބަވާ ކޮމިޓީއަކުން ހަގީގަތާ ޚިލާފަށް މައްސަލަ ބަލައި ނިންމުމުން އަޒްމިރަލްދާ ވަނީ އެކަން ސިޓީއަކުން ރައީސަށް ދަންނަވާފައި ކަމަށް ޝަމީލްގެ ބަޔާނުގައިވެއެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު: އޭނާ ވަނީ ރައީސަށް ސިޓީއެއް ފޮނުއްވާފައި -- ފޮޓޯ/ ސުޕްރީމް ކޯޓު ކޮމިޓީން ނިންމާފައިވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން ފެންނަ ކަމަށެވެ. އަދި، ދެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް ވަނީ ކޮމިޓީގެ އިއްތިފާގުން ނިންމައިފައެވެ. "މިއީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ކޮމިޓީގެ ގަބޫލުކުރުންތަކަކަށް ނިންމާފައިވާ ނިންމުމެއް،" ޝަމީލްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރީ ބަރަހަނާ ހާލުގައި ނޫން ކަމަށް ކޮމިޓީއަށް އަޒްމިރާލްދާގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުން އެނގެން އޮންނާނެ ކަމަށާއި ނަމަވެސް ލަތީފް ހައްޔަރުކުރަން ފުލުހުން އެތަނަށް ދިޔައިރު، އޭނާ ހުރީ ބަރަހަނާ ހާލުގައި ކަމަށް މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައި އޮތް ކަމަށް ބަޔާނުގައިވެއެވެ. އަދި، ލަތީފް ހައްޔަރު ކުރި ވަގުތުން ފެށިގެން އެނާ ބަންދުން ދޫކޮށްލުމާ ދެމެދު ހޭދަވި ވަގުތުގެ ތެރޭގައި އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަޒްމިރާލްދާ ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ވާހަކަދައްކާފައިވަނީ ފިރިކަލުން ލަތީފް ބަންދުން ދޫކޮށްލި ދުވަހުގެ އިރުއޮއްސުނު ފަހުންކަން ސާބިތުވާ މިންވަރަށް ހެކި އެބަހުރި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. https://sun.mv/205061 އަޒްމިރަލްދާ، މަހާޒް އަދި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ، އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ މައްސަލައެއް ވެސް ކުރިއަށް ގެންދެއެވެ. އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ. ސަސްޕެންޝަންގައި ހުންނެވި ހުސްނުއްސުއޫދު މިދިޔަ މަހުގެ ހަތަރުވަނަ އިސްތިއުފާ ދެއްވައިފައިވާއިރު، ފަނޑިޔާރުންގެ މައްޗަށް އޭސީސީންނާއި ޖޭއެސްސީން ކުރިއަށްގެންދާ ތަހުގީގުތަކާ ގުޅޭ ގޮތުން އޭނާއާއި އަޒްމިރަލްދާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ. ސުއޫދު ވަނީ ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލަ ބޭރުގެ އިދާރާތަކަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން އދ.ގެ ފަރާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެެ. އަދި، މި މައްސަލައިގައި ދިވެހި ސަރުކާރު ޖަވާބުދާރީ ވުމަށް އދ. އިން ވަނީ އަންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ