މެޑްރިޑް (ޖޫން 17) - ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ތަރި، ވިނީޝިއުސް ޖޫނިއާއާ ނަސްލީ ގޮތުން ދިމާކޮށް، ނަފުރަތު ފެތުރި، އެތުލެޓިކޯ މެޑްރިޑުގެ ހަތަރު ސަޕޯޓަރަކަށް ސްޕެއިނުގެ ކޯޓަކުން ވަރުގަދަ ހުކުމެއް އިއްވައިފި އެވެ.
މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު، ޖެނުއަރީ 26 ވަނަ ދުވަހު، ރެއާލް މެޑްރިޑްގެ ޓްރެއިނިން ދަނޑުކައިރީގައި ހުންނަ ބްރިޖެއް ކައިރީގައި ވިނީޝިއުސްގެ ޖޯޒީ ލައްވާފައިވާ މީހެއް ދަންޖައްސާ މަންޒަރު ދައްކުވައިދޭ ހަރަކާތެއް އެތުލެޓިކޯގެ ސަޕޯޓަރުން ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެއީ، ރެއާލާއި އެތުލެޓިކޯ ކުޅުނު މެޗެއްގެ ކުރިންނެވެ.
ވިނީޝިއުސް، 24، ޖޯޒީގައި ހުރި މީހެއް ދަންޖައްސާ ހަރަކާތަށް ފަހު، ދެން ދައްކާލާފައިވަނީ ބެނާ އެކެވެ. އެ ބެނާގައި ޖަހާފައިވަނީ "މެޑްރިޑް ހޭޓްސް ރެއާލް" މިހެނެވެ. މި ކަމުގައި ހަރަކާތްތެރިވި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރު، މެއި މަހު އެވެ. ސްޕެއިނުގެ ޕްރޮސެކިއުޓަރުން ވަނީ މި މައްސަލައިގައި މި ހަތަރު މީހުންނަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ދޭން ޖެހޭ ކަމަށް ބުނެފަ އެވެ.
އެކަމަކު، ސްޕެއިނުގެ ކޯޓުން މައްސަލަ ނިންމިއިރު، އެއް ސަޕޯޓަރަކު، 14 މަހަށް އަދި އަނެއް ތިން ސަޕޯޓަރުންނަށް 22 މަހުގެ ސަސްޕެންޑެންޑް ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. ޖަލު ހުކުން ތަންފީޒުކުރަން ޖެހޭނީ މި ހުކުމުގައި، ބުނާ ކަންކަން އެ އޮތް މުއްދަތު ތެރޭގައި ފުރިހަމަނުކުރާނަމަ އެވެ. އެ ގޮތުން، މި ހުކުމުގެ މުއްދަތުގެ ތެރޭގައި، ކޯޓުން އަންގާފައިވަނީ، އެއްބައިވަންތަކަމާއި ނަސްލީ ތަފާތުކުރުން ނައްތާލަން ހިންގާ ޕްރޮގްރާމެއް/ކޯހެއް ގައި މި ސަޕޯޓަރުން ބައިވެރިވާން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ކޯޓުން އަންގާފައިވަނީ، ހުކުުމުގެ މުއްދަތުގައި، މި ހަތަރު ސަޕޯޓަރުން ވިނީޝިއުސްއާ އެއްވެސް ގޮތަކަށް މުއާމަލާތު ކުރުން މަނާވާނެ ކަމަށާއި ވިނިޝިއުސް ދިރިއުޅޭ ގެޔާ އެއް ކިލޯ މީޓަރަށް ވުރެ ކައިރިއަށް ނުދެވޭނެ ކަމަށެވެ. އަދި، ސްޕެނިޝް ލީގުގެ މެޗުތައް ކުރިއަށްދާއިރު، މީގެ އިން އެއްވެސް ސަޕޯޓަރަކަށް ދަނޑާ އެއް ކިލޯ މީޓަރަށް ވުރެ ގާތަށް ނުދެވޭނެ ކަމަށް އަންގައިފައިވެ އެވެ. އަދި، މެޗުގެ ވަގުތު ގުނާނީ، މެޗު ފެށުމުގެ ހަތަރު ގަޑިއިރާއި މެޗަށް ފަހުގެ ހަތަރު ގަޑިއިރު ހިމެނޭ ގޮތަށް ކަމަށް ހުކުމުގައި ވަނީ ހިމަނައިފަ އެވެ.
ބްރެޒިލްގެ ފްލަމެންގޯ ދޫކޮށް، 2018 ވަަނަ އަހަރު ރެއާލަށް ބަދަލުވި ފަހުން، ވިނީޝިއުސްއާ ގުޅޭ ގިނަ މައްސަަލަތަކެއް ހިނގި އެވެ. އެ ގޮތުން، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކުރި މައްސަލައެއްގައި މީގެ ކުރިން ތިން ސަޕޯޓަރަކަށް އަށް މަހުގެ ޖަލު ހުކުމެއް އައިއިރު، ދެ އަހަރަށް ވަނީ ދަނޑަށް ނުވަދެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ. އަދި، ރެއާލް ވަލޮޑޮލިޑްގެ ފަސް ސަޕޯޓަރަކަށް ވަނީ، ސަސްޕެންޑެޑް ހުކުމެއްގެ އިތުރުން، ބޮޑެތި ޖޫރިމަނާތަކެއް ކޮށްފަ އެެވެ.
ވިނީޝިއުސްއާ ދިމާކޮށްލި އެތުލެޓިކޯ ސަޕޯޓަރުންނަށް ވަރުގަދަ ހުކުމެއް ވިނީޝިއުސްއާ ދިމާކޮށްލި އެތުލެޓިކޯ ސަޕޯޓަރުންނަށް ވަރުގަދަ ހުކުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ