ބޯޓުގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން؛ 4 މިލިއަންގެ ގެއްލުމެއް

ލ. އަދި ތ. އަތޮޅުގެ ރަށްރަށާއި މާލެއާ ދެމެދު ދަތުރު ކުރާ 'ހޮޅުދޫ ބޯޓު'ގައި މިދިޔަ ބުދަ ދުވަހުގެ ރޭ އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށް ބޯޓުގެ ވެރިފަރާތް، އަބްދުލްވާހިދު މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ކެޕްޓަން ހިމެނޭހެން 18 މީހުންނާ އެކު މާލެ ދަތުރުކުރި ބޯޓުގައި ރޯވީ ތ. ހިރިލަންދޫން ފުރިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ބޯޓުން ދަތުރުކުރި އެކަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
ގެއްލިފައި ވަނީ ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު، 25، އެވެ.
ހޮޅުދޫ ބޯޓަކީ ނ. ހޮޅުދުއަށް ނިސްބަތްވާ ބޯޓެކެވެ. ލ. އަދި ތ. އަތޮޅުގެ ރަށްރަށާއި މާލެއާ ދެމެދު ދަތުރުކުރުމަށް ލ. މާވަށު މީހަކަށް ކުއްޔަށް ދޫކޮށްފައި އޮންނަތާ ގާތްގަނޑަކަށް 3 އަހަރު ވެއްޖެ އެވެ.
ތަފްސީލް - އެ ހާދިސާއާ ގުޅޭ ގޮތުން ބޯޓުގެ ވެރިފަރާތް ވާހިދު މިއަދު ބުނީ، އަލިފާން ރޯވީ ބޯޓުގެ މަތީ ބައިގައި ހުރި ޖަނެރޭޓަރެއްގައި ކަމަށެވެ. އެއީ ސްޓޭންޑުބައި ޖެނެރޭޓަރު ކަމަށާއި އަބަދުވެސް ބޯޓުގެ މައި ޖަނެރޭޓަރު ބޭނުން ކުރަން ފަށަނީ މައި ކަނޑަށް ނުކުތުމަށް ފަހު ކަމަށް ވާހިދު ބުންޏެވެ.
"ކަރަންޓު ޝޯޓޭޖެއްގެ ސަބަބުން އެކަން ދިމާވީ. ކުއްލިއަކަށް [އަލިފާން] ފެތުރިގެން ދިޔައީ. އެއީ ކަރަންޓު ޝޯޓޭޖުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވެނީ،" އޭނާ ބުންޏެވެ.
މުދާ އުފުލާ އެ ބޯޓުގެ މަރާމާތަށް ފަހު ކުރި ދެވަނަ ދަތުރުގައި ބޯޓުގައި އަލިފާން ރޯވިއިރު، މާ ގިނަ މުދަލެއް ނެތެވެ. އީދާ ދިމާކޮށް ކުރި ދަތުރެއްކަމުން މުދާ މާ ގިނައިން ނެތް ނަމަވެސް، ކޮންމެވެސް ވަރަކަށް މިރުހާއި ހިކިމަސް ހުރި ކަމަށް ބޯޓުގެ ވެރިފަރާތުން ބުންޏެވެ.
"ސައިކަލު ކޮންމެވެސް ވަރަކަށް ހުރި ކަމަށް ވަނީ ބޯޓުގައި. ކިތައް ސައިކަލު ކަމެއް ސީދާ އަދި ނޭނގެ،" ވާހިދު ބުންޏެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ބޯޓުގެ ކޭޝިއަރުގެ ނަފްސާނީ ހާލަތު އެންމެ ރަނގަޅު ނޫންކަމުން، އެ މައުލޫމާތު ސާފުވާނީ ކޭޝިއަރު ހަމައަކަށް އެޅުމުންކަން ވާހިދު ފާހަގަކުރި އެވެ.
އަލިފާން ރޯވި ބޯޓު އެއްކޮށް އަނދައި ވަނީ އަޑިއަށް ގޮސްފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު ބޯޓު އޮތީ އިންޝުއަރެންސްކޮށްފަ އެވެ. މަރާމާތުގެ ކުރިން ބޯޓު އިންޝުއާކޮށްފައި ވަނީ 4 މިލިއަން ރުފިޔާގެ އަގުގަ އެވެ.
މަރާމާތަށް ދިޔަ ހަރަދާ އެކު ބޯޓު އަނދައިގެން ދިޔުމުން ލިބުނު ގެއްލުން ގާތްގަނޑަކަށް 4.5 މިލިއަން ނޫނީ 5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވާހިދު ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ