މި އަހަރު އައްޑޫ ސިޓީއަށް ބަނދަރު ކުރި ފުރަތަމަ ކްރޫޒްލައިނާ އާއެކު 100 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
'ނޯބަލް ކޭލްޑޯނިއާ' ނަމަކަށް ކިޔާ މި ކްރޫޒް ބަނދަރު ކޮށްފައިވަނީ އައްޑޫ މަރަދުއަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ ކްރޫޒްލައިނާއިން އައްޑުއަށް ފޭބި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. އަދި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މޭޔަރު އަލީ ނިޒާރާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވަޑައިގެންނެވިއެވެ.
ފަތުރުވެރިންނަށް މަރުހަބާ ކިޔާފައި ވަނީ މާފައްޗާއި ކުރުނބަލުންނެވެ. އަދި ޚާއްސަ ސަގާފީ ނެށުމެއް ވެސް ހުށަހަޅައިދީފައި ވެއެވެ.
މީގެއިތުރުން، ފަތުރުވެރިންނަށް ދިވެހިންގެ ސަގާފަތް ދައްކައިލުމުގެ ގޮތުން އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، އިހު ޒަމާނުގައި ދިވެހިން ބޭނުންކުރި އާލާތްތަކާއި، ލިޔެލާ ޖެހުން ފަދަ ބައެއް އަތްތެރި މަސައްކަތްތައް ދައްކާލާފައިވެއެވެ.
ސިޓީ ކައުންސިލުން ވަނީ ކްރޫޒް ލައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންންނަށް އައްޑޫ ނޭޗާ ޕާކަށް ޒިޔާރަތްކޮށް އެ ތަން ބަލައިލުމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ،
އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަށާއެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ މިދިޔަ އަހަރުގެ އޭޕްރިލް މަހު އަޅާފައިވާއިރު، މި މަޝްރޫއުގެ ދަށުން ދެ ގްރޭންޑް ހޮޓެލް އާއި، ދެ ޑިލަކްސް ހޮޓެލް އަދި 10 ބުޓީކް ހޮޓެލް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޖުމްލަ 2082 އެނދުގެ މަޝްރޫއެކެވެ. މަޝްރޫއު ނިމިގެންދާއިރު 1980 އެއްހާ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އައްޑުއަށް މި އަހަރުގެ ފުރަތަމަ ކްރޫޒްލައިނަރ ބަނދަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ