އިންތިޚާބުގެ ނަތީޖާއިން ހާމަވަނީ ރައްޔިތުން ބިރު ފަހަނައަޅައި ނުކުންނާނެކަން: ފައްޔާޒް

މުޅި ސަރުކާރު ނުކުމެ ދައުލަތުގެ މުދަލާއި ބާރުގެ ބޭނުންކޮށް ފައިސާ ބަހައި ވަޒީފާގެ ބިރު ދައްކަމުން ދިޔަ ދަނޑިވަޅެއްގައި ބޭއްވި ބައި އިލެކްޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހޯދީ ބޮޑު ކާމިޔާބީއެއްކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މިއަދު ވަނީ 12 ރަށެއްގެ ބައި އިލެކްޝަން ކުރިއަށް ގެންގޮސްފައެވެ. އެއީ ދެ ރަށެއްގެ ކައުންސިލަރުން އިންތިޚާބު ކުރުމަށާއި 10ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށެވެ. https://sun.mv/202349 މި އިންތިޚާބުގައި ސަރުކާރު ހިއްސާވާ ޕީއެންސީން އަށް ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު އެމްޑީޕީން ދެ ގޮނޑި އަދި އަމިއްލަ ކެންޑިޑޭޓުން ދެ ގޮނޑި ކާމިޔާބުކޮށްފައި ވެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ސަރުކާރުން ބިރު ދެއްކި ނަމަވެސް ބިރު ފަހަނައަޅައި ރައްޔިތުން ނުކުންނާނެކަން މިއަދުގެ ނަތީޖާތަކުން ސާފުކަމަށެވެ. https://x.com/faya_i/status/1888246091692347478 "ކުރިއަށް އޮތް އިންތިޚާބުތަކަށް އަޅުގަނޑުމެން ނުކުންނާނީ މިއަދުގެ ނަތީޖާތަކުން ހިތްވަރު ހޯދައިގެން" ފައްޔާޒު ވިދާޅުވިއެވެ. މީގެއިތުރުން، ފައްޔާޒު ވަނީ މި އިންތިޚާބުތަކުގައި އެމްޑީޕީއަށް މަސައްކަތް ކޮށްދެއްވައި، ވޯޓު ދެއްވި އެންމެންހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. މިއަދު ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ ނެރޭނެކަމަށް އީސީން ވަނީ ބުނެފައެވެ. ކައުންސިލްތަކުގެ ބައި-އިލެކްޝަން ބޭއްވޭނީ އަހަރަކު ދެ ފަހަރު ކަމަށް ގާނޫނަށް އިސްލާހު ގެނައުމަށްފަހު، އެ އިސްލާހުގެ ދަށުން، މިއަދު ބޭއްވި ބައި-އިލެކްޝަންތަކަކީ މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަންތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ