ޓެލެގްރާމު ޗެނަލްތަކަށް ޑައިރެކްޓް މެސެޖް ކުރެވޭގޮތް ހަދައިފި

ޓެލެގްރާމުން އަންގާރަ ދުވަހު ނެރުނު އެނމެ ފަހުގެ އަޕްޑޭޓާ އެކު ޗެނެލްތަކަށް ޑަރެކްޓް މެސެޖް ފޮނުވުމުގެ ފުރުޞަތު ފަހިކޮށްދީފިއެވެ. މި އަޕްޑޭޓާ އެކު އިތުރު އާ ފީޗާތަކެއް ވެސް ތައާރަފުކޮށްފައިވާއިރު، ޓެލެގްރާމުން ނެރުނު ބްލޮގް ޕޯސްޓެއްގައި މި އާ ފީޗާތަކުގެ ތަފުސީލު ހިމަނާފައިވެއެވެ. އެގޮތުން، ޓެލެގްރާމް ޔޫޒަރުންނަށް މިހާރު ޗެނަލްތަކަށް ސީދާ ޑައިރެކްޓް މެސެޖު ފޮނުވޭނެއެވެ. އަދި، ޗެނަލްގެ ވެރިންނާއި އެޑްމިނުންނާ އެކު ޕްރައިވެޓް ޗެޓްތައް ވެސް ކުރެވޭނެއެވެ. މީގެ އިތުރުން، މި ފީޗާއަކީ ކޮންޓެންޓް ކްރިއޭޓަރުންނަށް އެ މީހުންގެ އަމިއްލަ މައުލޫމާތު ހާމަނުކޮށް، އެ މީހުންގެ ސަބްސްކްރައިބަރުންނާ މުއާމަލާތްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މިފަދަ ޗެޓްތައް ފެންނާނީ އާންމު ޕާސަނަލް ޗެޓްތަކާ ތަފާތު އާ އިންޓަފޭސްއަކުންނެވެ. އަދި، ކޮންޓެންޓް ކްރިއޭޓަރުންނަށް ބޭނުމިއްޔާ ކޮންމެ ޑީއެމްއަކަށް ފީއެއް ކަނޑައެޅުމުގެ އިޚުތިޔާރު ވެސް ލިބޭނެ ކަމަށް ޓެލެގްރާމުން ބުނެއެވެ. އަނެއް މުހިންމު ބަދަލަކީ ގްރޫޕްތަކުގައި ހުންނަ ޓޮޕިކްސްތަކަށް އާ ލޭއައުޓެއް ތައާރަފުކޮށްފައިވެއެވެ. މީގެ ސަބަބުން ޗެޓް ލިސްޓުން ޓޮޕިކްތަކަށް އަވަހަށް ވަދެ، އެކި ވާހަކަތަކުގެ މެދުގައި ފަސޭހައިން ޚިޔާލު ހުށަހަޅައި އެ ވާހަކަތަކުގައި ބައިވެރިވެވޭނެއެވެ. މީގެ އިތުރުން ވެސް މި އަޕްޑޭޓްގައި ޔޫޒަރުންނަށް ޗެޓްގެ މަތީގައި ހުންނަ ކުޑަ ބާއެއް ނުވަތަ އެއްފަރާތުގައި ބޮޑުކޮށް ފެންނަ ބާއެއް ބޭނުންކުރުމުގެ އިޚުތިޔާރު ލިބެއެވެ. މި ފީޗާ އެކްޓިވޭޓް ކުރެވޭނީ 'ގްރޫޕް ސެޓިންގްސް > ޓޮޕިކްސް' އިންނެވެ. މި އަޕްޑޭޓާއެކު ވޮއިސް މެސެޖުތައް އެޑިޓްކުރުން ވެސް މިހާރު ވަނީ ފަސޭހަކޮށްފައެވެ. ވޮއިސް މެސެޖެއް ރިކޯޑްކުރަމުން، ސްވައިޕް އަޕްކޮށް ރިކޯޑިން ލޮކްކުރުމަށް ފަހު، މެސެޖު ޓްރިމްކޮށް ކުރުކޮށްލެވޭނެއެވެ. އަދި، މައިކްރޮފޯން އައިކޮންއަށް އަލުން ފިތާލައިގެން އިތުރު ބައިތައް ރެކޯޑްކުރުމުގެ ފުރުސަތު ވެސް ލިބެއެވެ. މީގެ އިތުރުން، ފޮޓޯ ފޮނުވާއިރު 'ހައި ޑެފިނިޝަން' (އެޗްޑީ) އޮޕްޝަނެއް އިތުރުކޮށްފައިވެއެވެ. މީގެން އާންމު ފޮޓޯއަކަށްވުރެ ހަތަރު ގުނަ އިތުރު ޕިކްސެލް ހިމެނޭއިރު، 0.5MB އަށްވުރެ މަދުން ޑޭޓާ ބޭނުންވާނެކަމަށް ބުނެފައިވެއެވެ. އައިއޯއެސް ޔޫޒަރުންނަށް އެހެން އެޕްތަކުން ސީދާ ޓެލެގްރާމް ސްޓޯރީއަށް ޑިފޯލްޓް 'ޝެއާ' ބަޓަން މެދުވެރިކޮށް މީޑިއާ ޝެއާ ކުރެވޭނެއެވެ. އަދި، މި އަޕްޑޭޓާއެކު ޕޯލްތަކަށް ވެސް ބަދަލުގެނެސްފައިވާއިރު، މިހާރު 12 އޮޕްޝަން ހިމެނޭނެއެވެ. އަދި، ފަހުން ބޭނުންކުރުމަށް ޕޯލްތައް 'ސޭވްޑް މެސެޖަސް'އަށް ފޮނުވިދާނެއެވެ. ޓެލެގްރާމްއަކީ އަބަދު ވެސް އާ ފީޗާތައް ތަޢާރަފުކުރުމުގަޔާއި، ޔޫޒަރުންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމުގައި ފާހަގަކޮށްލެވޭ މެސެޖިން ޕްލެޓްފޯމެކެވެ. މިފަދަ އަޕްޑޭޓްތަކަކީ ވާދަވެރި މެސެޖިން މާޙައުލުގައި ޓެލެގްރާމްގެ މަގުބޫލުކަން ދެމެހެއްޓުމަށާއި، ބަދަލުވަމުން އަންނަ ޔޫޒަރުންގެ ބޭނުންތަކަށް ފައްތާ އެއްޗަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ޚާއްޞަކޮށް، ކޮންޓެންޓް ކްރިއޭޓަރުންނަށް އާމްދަނީ ހޯދުމަށާއި، އެމީހުންގެ ސަޕޯޓަރުންނާ ސީދާ ގޮތެއްގައި މުޢާމަލާތްކުރުމުގެ ފުރުސަތުތައް މި ފަހުގެ އަޕްޑޭޓްތަކުން ފުޅާކުރަމުން އައުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އަދި، ބޮޑެތި ގްރޫޕްތަކާއި ޗެނަލްތައް ބެލެހެއްޓުން ފަސޭހަކޮށް، ޔޫޒާ އެކްސްޕީރިއަންސް ރަނގަޅުކުރުމަކީ ޓެލެގްރާމުން އަބަދު ވެސް އިސްކަންދޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ