މަޖިލިސް ޖަލްސާތައް ކެންސަލް ކުރުމުގެ ޝަކުވާ ބޮޑުވެފައި އޮއްވާ، މާދަމާގެ ޖަލްސާ ވެސް ކެންސަލް!
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރާކަމުގެ ޝަކުވާ ބޮޑުވެފައި އޮއްވައި، މާދަމާގެ ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ. މާދަމާގެ ޖަލްސާ ކެންސަލް ކޮށްފައި ވާކަން މެމްބަރުންނަށް އެންގީ މެސެޖަކުންނެވެ. މި ޖަލްސާ ކެންސަލް ކޮށްފައިވާކަން މަޖިލިސް މެމްބަރަކު ވަނީ 'ސަން'އަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ޖަލްސާ ކެންސަލް ކުރީ މިވަގުތު ތަޅުމުގައި ބިލެއް ނެތުމުގެ ސަބަބުން މަސައްކަތެއް ނެތުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންނަމަވެސް، ކޮމިޓީތަކުގައި ބިލުތަކުގެ މަސައްކަތް އެބަ ހުރި ކަމަށް މެންބަރު ވިދާޅުވިއެވެ. އެހެންވެ، ޖަލްސާ ބަންދު ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. މާދަމާގެ ޖަލްސާ ކެންސަލްކޮށްފައި ވަނީ، ބޮޑު ބަންދަކަށް ފަހު މަޖިލީހުގެ ގިނަ ޖަލްސާތަކެއް ކެންސަލްކުރާތީ ބައެއް މެންބަރުންގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، މިދިޔަ ހަފުތާގައި މަޖިލީހުގެ ތިން ޖަލްސާއެއް ބޭއްވި ނަމަވެސް އޭގެ ކުރީ ހަފުތާގައި ޖަލްސާއެއް ބާއްވާފައި ވަނީ އެންމެ ދުވަހަކުއެވެ. https://sun.mv/204749 ރަމަޟާން މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށް ފަހު މަޖިލީހުގެ މަސައްކަތްތައް ފެށީ މި މަހު ހަތެއްގައެވެ. އެ ދުވަހުގެ ޖަލްސާގައި ވެސް ސަރުކާރުގެ ފަރާތުން ގަރާރެއް ނުވަތަ ކުއްލި މައްސަލައެއް ހުށަހަޅައިފައެއް ނުވެއެވެ. ނަަމަވެސް، އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައަކާއި ގަރާރެއް ހުށަހެޅިއެވެ. އެ ކުއްލި މައްސަލަ ބަލައިނުގެން ނަމަވެސް ގަރާރުގެ ބަހުސް ކުރިއަށް ގެންދިޔައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސަބަބެއް ނާންގާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަމުރުފުޅަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ތުހުމަތުކުރައްވައިފައެވެ. މީކާއިލް ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލީސް މުލިއާގޭ ކައުންޓަރަށް ބަދަލުވީމައި ވާގޮތް ކަމަށެވެ. https://sun.mv/204524 އެއީ ދުވަހަކު ވެސް މީގެ ކުރިން ކަންކުރާ ގޮތެއް ނޫން ކަމަށާއި މިހާރު ޖަލްސާތަކުގެ އެޖެންޑާތައް ގިނަ ފަހަރަށް ލިބެނީ ދަންވަރުގެ ވަގުތުގައި ކަމަށް ވިދާޅުވެ މީކާއިލް ނުރުހުން ފާޅުކުރެއްވިއެވެ. ރައީސްގެ ނުފޫޒު ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހަށް ފޯރުވާކަމަށް ބުނެ ކުރާ ތުހުމަތުތައް އެ ޕާޓިން ދޮގުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ