ގާނޫނީގޮތުން ރާއްޖެއަށް އެތެރެކުރުން މަނާ ނޫން މުދާ ދޫކުރަމުންދާނެ: ކަސްޓަމްސް ގާނޫނީގޮތުން ރާއްޖެއަށް އެތެރެކުރުން މަނާ ނޫން މުދާ ދޫކުރަމުންދާނެ: ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރުން ގާނޫނީ ގޮތުން މަނާ ނޫން ހުރިހާ މުދަލެއް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ދޫކުރަމުންދާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ބުނެފި އެވެ.
އެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކަސްޓަމްސްއަކީ ތަންފީޒީ އިދާރާއެއް ކަމަށާއި އެ އިދާރާއިން ހިފަހައްޓާނީ ގާނޫނީގޮތުން މަނާކަމަށް ބަޔާން ކޮށްފައިވާ ތަކެތި އެކަނި ކަމަށެވެ.
"ކަސްޓަމްސަކީ ތަންފީޒީ އިދާރާއެއްކަމަށް ވާތީ ކަސްޓަމްސްއިން ހިފަހައްޓާނީ ގާނޫނަކުން ރާއްޖެ އެތެރެކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ތަކެއްޗެވެ، އަދި ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއް ވެސް ކުލިއާ ކުރާ މަރުހަލާގައި، ކަސްޓަމްސްއިން ބަލަންޖެހޭ އެކިއެކި ބެލުންތައް ބެލުމަށްފަހު، އެމުދަލެއް ގާނޫނީގޮތުން ރާއްޖެ އެތެރެކުރުން މަނާނުވާ ނަމަ އެމުދަލެއް ދޫކުރަމުންގެންދާނެ އެވެ،" ކަސްޓަމްސްގެ މެސެޖުގައި ބުންޏެވެ.
މިފަދަ މެސެޖެއް ކަސްޓަމުން ފޮނުވާފައި މިވަނީ، މިމަހު ކުރީކޮޅު ރާއްޖެއަށް ގެނައި ބިޑި އޮޅަން ބޭނުންކުރާ ދުންފަތް ޝިޕްމެންޓުތަކެއް އެ އިދާރާއިން ހިފަހައްޓާފައި ބެހެއްޓުމަށްފަހު މިއަދު ދޫކޮށްލި ހަބަރު މީޑިއާތަކުގައި ޝާއިއު ކުރުމުންނެވެ.
ބިޑި އޮޅަން ބޭނުންކުރާ ދުންފަތް ޝިޕްމެންޓުތަކެއް ކަސްޓަމްސްއިން ހިފެހެއްޓީ ހެލްތު މިނިސްޓްރީން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. މި މަހު ކުރީކޮޅު ހެލްތު މިނިސްޓްރީން ކަސްޓަމްސްއަށް ފޮނުވި ސިޓީގައި ބުނެފައި އޮތީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މަނާވެފައިވާ ކަމަށެވެ.
އެހެންކަމުން ސިނގިރޭޓު، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލައަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށާއި އެފަދަ ތަކެތި އަތުލާ ނައްތާލަން ޖެހޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިޑި އަނބުރަން ބޭނުންކުރާ ދުންފަތާއި ކަރުދާސް ޝިޕްމެންޓްތައް ކަސްޓަމްސްއިން ހިފެހެއްޓުމަށްފަހު ހެލްތު މިނިސްޓްރީގެ ލަފަޔަކަށް އެދުނެވެ. ނަމަވެސް މިއަދު އެ ޝިޕްމެންޓްތައް ދޫކުރުމާ ހަމައަށް ވެސް ހެލްތު މިނިސްޓްރީން ވަކި ގޮތަކަށް ނިންމި ކަމެއް އަދި ސާފެއް ނުވެ އެވެ.
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރީ ބިޑި އަނބުރަން ބޭނުންކުރާ ދުންފަތް ދެ ޝިޕްމެންޓާއި ބިޑި އަނބުރާ ކަރުދާސް ދެ ޝިޕްމެންޓެވެ. އޭގެ ތެރެއިން ކަސްޓަމުން މިއަދު ދޫކޮށްލާފައި ވަނީ އެމްބާ ލީފް އާއި ވޮނާބާ ދުންފަތް ޝިޕްމެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ