މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން މާލޭގެ ނޯތު ހާބަރު ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އަށް ހަވާލުކޮށްފި އެވެ.
މިކަމާ ގުޅިގެން އެމް.ޕީ.އެލް އިން ބުނެފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއިއެކު ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން މި ދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން، މަސްދޯނިތައް އަޅާ ސަރަހައްދާއި ލޯކަލް މާރުކޭޓުގެ ހުރަސްތޮށި ސަރަހައްދުގެ ހިންގުން ޓްރާންސްޕޯޓް މިނިސްޓްރީން އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީ ނުކޮށް ހުންނަ އުޅަނދުފަހަރަށް 1 އޮގަސްޓް 2025 ވަނަ ދުވަހަށްފަހު އެމް.ޕީ.އެލް އިން ޚިދުމަތްނުދޭނެކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން މި ސަރަހައްދުގައި އަޅާފައިވާ އޮޑި ދޯނިފަހަރުގެ ތެރެއިން މިހާރު މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ އޮޑި ދޯނިފަހަރު، މި ތާރީހުގެ ކުރިން މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީ ކުރުމަށް އެމް.ޕީ.އެލް އިން ވަނީ އެދިފަ އެވެ.
ނޯތު ހާބަރުގައި ކޮންމެ ދުވަހަކުވެސް އެތަކެއް މުދާ އުފުލާ އޮޑި ދޯނިފަހަރު ބަނދަރުކުރުމުގެ އިތުރުން ކޮންމެ ދުވަހަކު މުދާ އުފުލާ އެއްގަމު އުޅަނދުތައް ވެސް ނޯތު ހާބަރަށް ވަދެ ނުކުމެ އުޅޭ ތަނެއްކަން ފާހަގަކޮށްލަންޖެހެ އެވެ.
އަލަށް ގެނެވުނު މި ބަދަލާ ގުޅިގެން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަށް ގުޅާ މައުލޫމާތު ސާފުކުރަން އެމް.ޕީ.އެލް އިން ވަނީ އެދިފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނޯތު ހާބަރު އެމް.ޕީ.އެލް އާއި ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ