ވާރޭވެހޭތީ މަަރުކަޒުގައި ބާލިދީ ބެހެއްޓުން: މައްސަލަ ހައްލު ކުރަނީ

އިސްލާމީ މަރުކަޒަށް ވާރޭވެހޭ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދަކީ މުޅި ރާއްޖެއަށް ވަރަށް މޫސުން ގޯސް ދުވަހެކެވެ. ވެރިރަށް މާލެއަށް ވެސް މޫސުން ވަރަށް ގޯހެވެ. ދޭތެރެ ދޭތެރެއިން ވަރަށް ބޯކޮށް ދަނީ ވާރޭވެހުމުންނެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިސްލާމީ މަރުކަޒުގެ މިސްކިތް ބަޔަށް ވެސް ވަނީ ވާރޭވެހިފަ އެވެ. ވާރޭތިކިތިކި ޖަހާތީ މިސްކިތުގެ އެކި ސަރަހައްދުތަކުގައި ވަނީ ބާލިދީ ބަހައްޓާފަ އެވެ. އެ ގޮތުން މިސްކިތުގެ ޖުމްހޫރީ މައިދާނާއިވީ ފަޅީގެ އެކި ސަރަހައްދުގައި ބާލިދީ ބަހައްޓާފައިވެ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޓިނު ބަދަލުކުރީ މި ދިޔަ އަހަރު ކަމަށާ ޖަހާފައި ވަނީ އެސްޓީއޯގެ ޓިނު ކަމަށެވެ. އަދި އެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީ އިން ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މިރޭ މަރުކަޒަށް ވާރޭ ވެހުމާ ގުޅިގެން ހުރި ކަންބޮޑުވުންތަން ބަލައިގަންނަން ކަމަށާ މައްސަލަ ހައްލުކުރަން ކަމާގުޅޭ ޓީމްތައް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ކުރިން ހުރި ޓިނު ބަދަލުކުރީ ވެސް އެތެރެއަށް ވާރޭ ވެހޭތީވެކަން ފާހަގަކޮށް ޝަހީމް ވިދާޅުވީ 40 އަހަރު ވެފައިވާ ގައުމީ މި ބިނާ އަށް ދިމާވެފައިވާ މި މައްސަލަ ހައްލުކުރަން މިނިސްޓްރީ އިން އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ