މިދިޔަ މަސް ތެރޭގައި ރާއްޖޭގެ ބޮޑު ވިޔަފާރިވެރިއަކު ޓެލެގުރާމް މެދުވެރިކޮށް އެތައް ބަޔަކަށް މެސެޖެއް ފޮނުއްވި އެވެ. އެ މެސެޖުގައި އިނގިރޭސި ބަހުން ލިޔެފައި އޮންނަނީ، "ތިބޭފުޅާގެ ފޮޓޯތަކެއް މި ވެބްސައިޓުގައި އެބަހުރި" ކަމަށެވެ. އަދި އެ މެސެޖުގައި އިރުޝާދުދީފައި ވަނީ ފޮޓޯތައް ބަލަން އެ ލިންކަށް ދިޔުމަށެވެ.
ހަމަ އެ ދުވަހު ފުލުހުންގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވެސް މި މެސެޖް އެކި މީސް މީހުންނަށް ފޮނުއްވި އެވެ. އެކަމަކު ހަގީގަތަކީ މިއީ އެ ބޭފުޅުން ފޮނުއްވާ މެސެޖެއް ނޫނެވެ. ބަޔަކު މީހުން އެ ބޭފުޅުންގެ ޓެލެގުރާމް ހެކްކޮށް އެ މަޅީގެ އެހެން މީހުން ޖެއްސުމަށް ފިޝިން މެސެޖްތަކެއް ފޮނުވަނީ އެވެ.
ފުލުހުން ބުނީ ފިޝިން ލިންކް މެދުވެރިކޮށް މީހުންގެ ޓެލެގުރާމް ހެކްކޮށް އެކި ކަންކަން ކުރުން މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ އަނެއްކާ ވެސް އިތުރުވެފައިވާ ކަމަށެވެ.
އާންމު ގޮތެއްގައި އިތުބާރުކުރެވޭ ފަރާތެއްގެ ޓެލެގުރާމް އެކައުންޓް މެދުވެރިކޮށް ފޮނުވާ އެ މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެ އެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ޖަހަން ޖެހެ އެވެ.
ފުލުހުން ބުނި ގޮތުގައި އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބެ އެވެ. އަދި ތިމާގެ ޓެލެގްރާމް އެކައުންޓުން އެހެން މީހުންނަށް ސްކޭމް ކުރަން ޕިޝިން ލިންކު ފޮނުވަން ފަށަ އެވެ.
ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިން ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްވެއްޖެ ކަންކުރާނޭ ގޮތް ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން ވަނީ އާންމުންގެ ސަމާލުކަމަށް ކިޔައިދީފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ޓެލެގްރާމް ފޯނުން ފޮހެލުމަށް ފަހު އަލުން އަޅާށެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރަން ވަނީ އެދިފަ އެވެ.
ޓޫ-ސްޓެޕް ވެރިފިކޭޝަން ހަދާނެ ގޮތް:
ޓެލެގްރާމް ސެޓިންއަށް ވަދެލާ
ޕްރައިވަސީ އެންޑް ސެކިއުރިޓީއަށް އޮއްބާލާ
ޓޫ-ސްޓެޕް ވެރިފިކޭޝަންއަށް އޮއްބާލާ
ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ޖައްސަވާ
ރިކަވަރީ އީމެއިލްއެއް ޖަހާ
"ޓެލެގްރާމް އެކައުންޓު ރައްކާތެރިކުރުމަށް ޓެލެގްރާމްގައި ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފޮޓޯ ނުވަތަ އެ ނޫން ވެސް މައުލޫމާތެއް ވެބްސައިޓެއްގައި ހުރި ކަމަށް ބުނެ އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ޝައްކުވާ ފަދަ މެސެޖެއް ނުވަތަ ލިންކެއް ލިބުނަސް އެކަމަށް ސަމާލުކަން ނުދޭށެވެ.
އެފަދަ ލިންކުތަކަކީ ޓެލެގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިން ލިންކެކެވެ. ނަމަ އެފަދަ ލިންކުތަކަށް ނުފިތާށެވެ.
ބަރަހަނާ ފޮޓޯ ހުރިކަމަށް ބުނާ ޓެލެގުރާމް ލިންކަށް ނަމަ ނަމަ ނުފިތާތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ