އަމީނީމަގު ތާރުގަނޑުގައި 'މުލިހިތަކެއް', ބޮޑު އަނިޔާއެއް ލިބުމުގެ ބިރު ބޮޑު

އަމަލީ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ ތެރޭގައި ހުޅުވި އަމީނީ މަގުގެ ތާރުގަނޑުގައި 'މުލިހިތަކެއް' ފަދަ, ތަންގަނޑުގަނޑު އުފެދި، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް, ބޮޑު އަނިޔާއެއް ލިބުމުގެ ބިރު ހީވެފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަމީނީމަގުގައި, ތާރު އަޅައި, ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަން ފެށީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިިއިރު، އެ މަގުގައި ނުނިމި އޮތީ ފުޑް ކޯޓު ސަރަހައްދުގައި އޮންނަ ސެގްމެންޓް 12އާއި 13އެވެ. އެ މަގުގެ މަސައްކަތް ކުރީ ސަރުކާރުގެ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިންނެވެ. މި ސަރުކާރުން ނިންމި އަމީނީމަގުގެ ސެގްމެންޓްގެ ތެރެއިން މިހާރު އެންމެ ބޮޑަށް މި މައްސަލަ ކުރިމަތިވެފައި އޮތީ ދިވެހި ރާއްޖޭގެ އަޑާއި ވިޔަފާރިވެރިންގެ މިސްކިތް ސަރަހައްދަށެވެ. އެ ސަރަހައްދުގެ އެކި ހިސާބުތަކުގެ ތާރުގަނޑު ވަނީ "މުލިހިތަކެއްހެން" ހިއްލިފައެވެ. މިއީ ރެއާއި ދުވާހު އެތައް ބަޔަކު އާއްމުކޮށް ދުއްވާ މަގަކަށްވާއިރު, މިގޮތަށް ތާރުގަނޑު އުފުލިފައި ހުރުމަކީ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. އެތަންތަނަށް ވެހިކަލް އަރައި ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޚާއްސަކޮށް ރޭގަނޑަށް، އަނދިރިވެއްޖެ ނަމަ ކުއްލިއަކަށް 'މުލިއްސަކަށް' އެރިފައި ވެއްޓުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އަމީނީ މަގު ތާރުގަނޑުގައި ހުރި މުލިހިތައް: މިކަމުގެ ސަބަބުން ގިނަ ނުރައްކާތަކާ ކުރިމަތިވޭ --- ސަން ފޮޓޯ އޭގެ އިތުރަށް، ނުރައްކާތެރި އެކްސިޑެންޓުތަކަށް މަގުފަހިވާން އެއީ ހުޅުވިފައި އޮތް ވަރަށް ބިރުބޮޑު ދޮރެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރުވެސް މާލޭގައި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް ވަނީ މި އަހަރު މިހާތަނަށް 1,797 އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މަގުތައް ރަނގަޅަށް ނުހަދައި އޮތުމުގެ ސަބަބުން މީހުންނަށް ލިބޭ އަނިޔާގެ އިތުރަށް އުޅަނދުތަކަށް ވެސް ގެއްލުން ވުމުގެ ފުރުސަތު އޮވެއެވެ. މަސައްކަތް ނިންމައި މަގު ހުޅުވިތާ ދޮޅު އަހަރެއް ވީއިރު، ތާރުގަނޑުން ބޮޑުބައެއް މި ގޮތަށް ހަލާކުވެގެން މީގެ ކުރިން ވަނީ, އަމީނީމަގު, އިސްކަންދަރު ކޮށި ކައިރީ ސަރަހައްދުގައި އަލުން ތާރު އަޅައިފައެވެ. ފުޑް ކޯޓު ކުރިމަތީ އޮތް ސަރަހައްދުގެ ތާރުގަނޑުގައި ހުރި މުލިހިތައް --- ސަން ފޮޓޯ މީގެ މަހެއްހާ ދުވަސް ކުރިން ވެސް އަމީނީ މަގުގެ އެކި ސަރަހައްދުތަކާއި މާލޭގެ މަގުތަކުގައި އަޑިގުޑަންތައް ގިނަވިކަން 'ސަން'އިން ރިޕޯޓުކުރީމެވެ. އެކަމަކު، މިހާތަނަށް ވެސް މައްސަލައަށް ހައްލެއް ލިބޭ ގޮތެއް ނުވެއެވެ. އަމީނީ މަގުގެ މަސައްކަތް މިސަރުކާރުން އާރުޑީސީއާ ހަވާލުކުރީ، އަގު ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ. https://sun.mv/208225 އެގޮތުން، އާރުޑީސީއަށް ހަވާލު ކުރީ 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށެވެ. އެއީ 10 މަސް ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތް ދިގުދެމިގެން ދިއުމުގެ ސަބަބުން އޭރު ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، މާލޭގެ ހުރިހާ މަގުތަކެއް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭވަރު ވާނީ މި އަހަރު މެދުތެރޭކަމަށެވެ. އަމާޒަކީ ހަތަރު އަހަރު ތެރޭ މި މަސައްކަތް ނިންމުންކަމަށް ވެސް އޭރު މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އަދި އެކަން ފެށިފައެއް ނުވެއެވެ. މާލޭގެ ގިނަ މަގުތައް އޮތީ ވަރަށް ހާލުގައެވެ. އަޑިގުޑަން ވަރަށް ގިނައެވެ. ކިރިޔާ ވާރޭ ވެހިލާއިރަށް ފެން ބޮޑުވެއެވެ. މަގުތައް ބޭނުން ކުރާތީ އުޅަނދު ފަހަރުން ކޮންމެ އަހަރަކު ބޮޑު ފީއެއް ނަގާއިރު މަގުތައް އޮތީ އުޅަނދު ފަހަރު ދުއްވަން އެންމެ ރައްކާތެރި ގޮތަކަަށް ނޫނެވެ. މިއީ ގިނަ ބައެއްގެ ޝަކުވާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ