ކަސެމީރޯ އިންޓަރ މަޔާމީއަށް ސޮއިކުރި މައްސަލަ ބަލަނީ

އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީ އަށް ބްރެޒިލްގެ މިޑްފީލްޑަރ ކަސެމީރޯ ސޮއިކުރި މައްސަލަ މޭޖަރ ލީގު ސޮކާ (އެމްއެލްއެސް) އިން ބަލަން ފަށައިފި އެވެ.
އުމުރުން 34 އަހަރުގެ ކަސެމީރޯ އިންޓަރ މަޔާމީއަށް ސޮއިކުރިކަން މިދިޔަ ބުދަ ދުވަހު އިއުލާން ކުރުމާއިއެކު އެމްއެލްއެސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކަސެމީރޯ އިންޓަރ މަޔާމީއަށް ސޮއިކުރުމާއި ގުޅޭ ގޮތުން ހިނގާފައިވާ ކަންތައްތައް ބަލަމުންދާ ކަމަށެވެ.
"މޭޖަރ ލީގުން ދަނީ އެކަމާއި ގުޅޭ މައުލޫމާތުތައް އެއްކުރަމުން. އިންޓަރ މަޔާމީ އާއި އެލްއޭ ގެލެކްސީ އާއި ދެމެދު ޑިސްކަވަރީ ޕްރިޔަރިޓީ ސެޓްލްމަންޓް އެއްބަސްވުމެއް އޮތީ ހެދިފައި. އަދި އޭގެ ތަފްސީލުތައް ހާމަކުރެވޭނެ." އެމްއެލްއެސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމެރިކާގެ މޭޖަރ ލީގުގެ ކްލަބްތަކުން ކުޅުންތެރިއަކު ހޯދަން މަސައްކަތް ކުރާއިރު ފުރަތަމަ ޝައުގުވެރިކަން ފާޅުކޮށް އެ މަސައްކަތް ކުރާ ކްލަބަކަށް އޭގެ ކޮންމެވެސް ވަރެއްގެ ރައިޓްސްއެއް ލިބެ އެވެ. އެގޮތުން ކަސެމީރޯ ހޯދުމަށް އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެލްއޭ ގެލެކްސީ އިންނެވެ. ނަމަވެސް ފަހުން އިންޓަރ މަޔާމީ އިން ކަސެމީރޯ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އެލްއޭ ގެލެކްސީ އާއިއެކު އެއްބަސްވުމެއް ހެދުމަށްފަހުގައެވެ.
ކަސެމީރޯ އިންޓަރ މަޔާމީ އަށް ސޮއިކޮށްފައިވަނީ 2027 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް އެ އެއްބަސްވުމުގައިވަނީ 2029 ވަނަ އަހަރުގެ ނިޔަލަށް އެ މުއްދަތު އިތުރު ކުރެވޭނެފަދަ މާއްދާއެއް ހިމަނާފައެވެ.
އިންޓަރ މަޔާމީ އިން ކަސެމީރޯގެ ސޮއި ހޯދިއިރު އޭނާ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެފައިވާއިރު, އޭރު ބާސެލޯނާއަށް ކުޅުނު ލުއިސް ސުއަރޭޒް އާއި ލިއޮނެލް މެސީ މިހާރު ކުޅެމުންދަނީ އިންޓަރ މަޔާމީ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ