މާލޭ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި ފަށައިފިއެވެ.
ވިލިމާލޭ ފެރީ ޓަރމިނަލް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، އެ ޚިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.
މާލޭ ޓެކްސީލައިންގެ ޚިދުމަތަކީ، މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަތަކުގެ ތެރެއިން ޓެކްސީ ނުލިބުމުގެ މައްސަލަ އަށް ހައްލެއް ހޯދާދެއްވުމުގެ މަގްސަދުގައި، ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އެކު، ސަރުކާރުން ފަށާފައިވާ ޚިދުމަތެކެވެ. ވިލިމާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާނީ އެކަމަށް ޚާއްސަކޮށް ގެނެސްފައިވާ ތިމާވެއްޓާއި ރައްޓެހި އުޅަނދުތައް ބޭނުންކޮށްގެންނެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ-އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދު އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.
24 ގަޑި އިރު މެދުނުކެނޑި ޚިދުމަތް ލިބޭ ގޮތަށް ކުރިއަށްގެންދާ މާލޭ ޓެކްސީލައިންގެ ޚިދުމަތް މާލެ އާއި ހުޅުމާލޭގައި، އެޕްރިލް މަހުގެ 2ވަނަ ދުވަހު ވަނީ ފަށާފައެވެ.
އެމްޓީސީސީގެ އެމްޑީ ސައުދު ވިދަޅުވީ، މި ޚިދުމަތުގެ ސަބަބުން ވިލިމާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ވަރަށް ބޮޑަށް ލުއި ވެގެންދާނެ ކަމަށެވެ. މާލޭ ޓެކްސީ ލައިނަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަންގެ އިތުރުން، ޓެކްސީ ހޮޓްލައިން '1655' އަށް ގުޅައިގެން ފޯނުގެ ޒަރީއާއިން، ޓެކްސީގެ ޚިދުމަތަށް އެދެވޭނެކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
މީގެ އިތުރުން، ހަނި ގޯޅިތަކަށް ބައެއް އުޅަނދުތަކަށް ނުވަދެވެމަކީ ވިލިމާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށް ފާހަގަކުރައްވާ ސައުދު ވިދާޅުވީ ވިލިމާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފަށާފައި ވަނީ އެ ކަމަށް ހައްލު ލިބޭ ފަދަ އިންތިޒާމްތަކަކާއި އެކުގައި ކަމަށެވެ.
"މި ޚިދުމަތް ކުރިއަށް ދިޔަޔަސް ބަހުގެ ޚިދުމަތް ކުރިއަށް ދާނެ. ބަހުގެ ޚިދުމަތް ދޭ އިރު ބަހަށް ނުވަދެވޭ ހަނި ގޯޅިތަކަށް. ބަސް ކުޑަ ކުރެވޭކަށް ނެތް. އެހެންވީމަ މިއާއި އެކު ލުއިތަކެއް ލިބޭނެ." ސައުދު ވިދާޅުވިއެވެ.
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލޭގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ