ބޮޑު ތަފާތަކުން ގަތަރު ބަލިކޮށް ކެނަޑާ އިން ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ހޯދައިފި

ވެންކޫވާ، ކެނަޑާ (ޖޫން 19) - ޖޮނަތަން ޑޭވިޑްގެ ހެޓްރިކާ އެކު، 6-0 އިން ގަތަރު ބަލިކޮށް، ކެނަޑާ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި ފުރަތަމަ ފަަހަރަށް މޮޅެއް ހޯދައިފި އެވެ. 
މީގެ ކުރިން ދެ ވޯލްޑް ކަޕެއްގައި ކުޅުނު ކެނަޑާ އިން އެ ފަހަރުތަކުގައި ކުޅުނު ހުރިހާ މެޗަކުން ވީ ބައްޔެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕް، ހޯސްޓްކުރާ އެއް ގައުމުގެ ގޮތުގައި ނުކުމެ ފުރަތަމަ މެޗުން  ބޮސްނިއާއާ އެއްވަރުކޮށް، ތާރީހީ ޕޮއިންޓެއް ހޯދި އެވެ. އަދި، އެ ޕޮއިންޓާ އެކު ލިބުނު އިތުބާރުން ނުކުމެ، ކެނަޑާ އިން ގަަތަރު އަތުން ފުރިހަމަ މޮޅެއް ހޯދައި، މުބާރާތުގެ އަނެއް ބުރަށް ދިއުމުގެ ފުރުސަތު ވަނީ ބޮޑުކޮށްފަ އެވެ. 
ބީސީ ޕްލޭސް ވެންކޫވާގައި ކުޅުނު މެޗުގައި، ކޮންމެ ހާފެއްގައި ކެނަޑާ އިން ވަނީ ތިން ގޯލު ޖަހައިފަ އެވެ. މި މެޗުގައި ކެނަޑާ އިން ވިދާލީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފޯވާޑް ޑޭވިޑް އެެވެ. އޭނާ ވަނީ ހެޓްރިކެއް ހެދުމުގެ އިތުރުން އެޓޭކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. 
މި މެޗުގައި ކެނަޑާ އިން ލީޑުނެގި ލަނޑު ޖެހީ، ފުރަތަމަ މެޗުގައި ބަދަލަކަށް ކުޅެން އަރައި، ބޮސްނިއާ ކޮޅަށް ކެނަޑާގެ ގޯލު ކާމިޔާބުކުރި ކައިލް ލަރީން އެވެ. ބެންޗުން އަރައި، ކެނަޑާގެ ނެތަން-ޑައިލަން ސަލީބާ ވެސް ލަނޑު ޖެހި މި މެޗުގައި ކެނަޑާގެ އިން ދެން ކާމިޔާބުކުރި ލަނޑަކީ ގަތަރުގެ މުހައްމަދު އަލް މަނާއި އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 
ގަަތަރުން މި މެޗު ނިންމާލީ ދެ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ކެނަޑާ އިން ދެ ގޯލު ކުރީގައި އޮއްވައި، މެޗުގެ 33 ވަަނަ މިނިޓްގައި އެ ޓީމުގެ ހޮމާލް އެލް އަމީން އަށް ރަތެއް ދެއްކިއިރު، ދެ ވަނަ ހާފު ފަށައިގެން އަށް މިނިޓް ތެރޭ އެ ޓީމުގެ އާސިމް މޮޑީބޯ އަށް ވަނީ ރަތެއް ދައްކައިފަ އެވެ. ހޮމާމް އަށް ރަތެއް ދެއްކީ، ކެނަޑާގެ ޓަޖޯން ބުކާނަން އަށް ކުރި ފައުލަކަށެވެ. މޮޑީބޯ އަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކިއިރު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރަތެއް ދައްކަން ނިންމުން ބަދަލުކުރީ އެވެ. 
ގްރޫޕް ބީގެ ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް ކެނަޑާ އާއި ދެ ވަނައިގައި އޮތް ސްވިޒަލެންޑަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ސްވިޒަލެންޑުން ރޭ ވަނީ ބޮސްނިއާ އަތުން 4-1 އިން މޮޅުވެފަ އެވެ. ތިން ވަނައިގައި އޮތް ބޮސްނިއާ އާއި ހަތަރެއްގައި އޮތް ގަތަރަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ