ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ)
ސަބަބު އެނގުނީ އިރުކޮޅެއް ފަހުންނެވެ. މޫނު ވަކިވާ ހިސާބުގައި، ބައިސްކަލުކޮޅު ހުއްޓަވައިގެން ބައްލަވަން ހުންނެވީ ދެވަނަ ދެ ބޭފުޅެއް ނޫނެވެ. މުހައްމަދު ހަމީދެވެ. އެ މޫނުފުޅުން ރަހުމުގެ ކުނޑިފުކެއް ވެސް ފާޅެއް ނުވެއެވެ. ދިވެހިރާއްޖެ އާއި ރާއްޖޭގެ ހުރިހައި ރައްޔިތުންނާ މެދު ވިސްނައިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ވެރިޔާ، ހަފީޒާ ގޭގެ ދޮރުމަތީގައި އާދަނާ ދިމާއަށް ބައްލަވަން ހުންނެވުމުން އާދަނަށް ދޭހަވީ އެންމެ މާނައެކެވެ. އެ ކަން ޒާތީވެ ނިމިއްޖެއެވެ.
އާދަނަށް ކުރިމަތިލާންޖެހިފައިވަނީ ތަނެއްގައި ހެދިފައިވާ ގަވައިދެއް ނުވަތަ އުސޫލަކާ ނޫނެވެ. ސީދާ މުހައްމަދު ހަމީދުއާއެވެ. އެކަމަކު ރާއްޖޭގެ ބާރުގަދަ ވެރިޔާ، އާދަނު ކަހަލަ ނިކަމެތި ފަގީރަކާ ވާދަކުރަން އޮންނަނީ ކޮން ކަމެއްހެއްޔެވެ؟ އާދަނު ހިތަށް އެރިއެވެ. އާދަނަކީ ވެރިކަމާ ތޮޅުނު މީހެއް ނޫނެވެ. ސިޔާސީ ކަންކަމުގެ ތެރެއަށް ވަން މީހެއް ވެސް ނޫނެވެ. އާދަނުގެ މުޅި ދުނިޔެއަކީ ހަފީޒާއެވެ. އެންމެ އަންހެންކުއްޖެކެވެ. އެ ފަދަ އެއް ހާސް ކުދިން ހަމީދުއަށް ލިބިވަޑައިގަންނަވާނެއެވެ. ހަމީދަކީ އެހައި ވެސް ތަނަވަސް، ނުފޫޒުގަދަ، ގަދަރުވެރި ބޭފުޅެކެވެ. އެ ފަދަ އެތައް އެއްޗެއް ހިތަށް އަރާފައި، ގާވެފައި ހަމީދުއަށް ބަލަހައްޓައިގެން އާދަނަށް ހުރެވުނީއެވެ. 
"އޭ! ހިނގާ!" ގާތުގައި ހުރި މީހަކު އާދަނަށް އަމުރުކުރިއެވެ. 
އާދަނު ހިތަށް އެރިއެވެ. އާދަނަށް ހަފީޒާ ދޫކޮށްލެއްވުމަށް އެދި ސަލާންޖަހަން ދާންވީއެވެ. ހަމީދުއާ ދިމާއަށް އާދަނު ހިނގައިގަތެވެ. ގާތުގައި ތިބި މީހުން އާދަނު ހުއްޓުވީއެވެ. ހަމީދު ބައިސްކަލުކޮޅަށް އަރައިވަޑައިގެން ވަޑައިގަތީއެވެ. 
ހަފީޒާގެ ބައްޕަ އާދަން ކަލޭފާނާއި މުހައްމަދު ހަމީދަކީ ދެ އެކުވެރިންނެވެ. ހަމީދުގެ ކޮންމެ އަމުރުފުޅަކަށް ކަލޭފާނު ކިޔަމަންވެލައްވައެވެ. އެހެނަސް، ހަފީޒާގެ މުސްތަގުބަލު ރޭވުމުގެ ހައްގު އެހެން މީހަކަށް ދިނުމަކީ ކަލޭފާނަށް ފަސޭހަކަމަކަށް ނުވިއެވެ. ކަލޭފާނު އެ ހައްގު ދެއްވަނީ ހަމަ އެކަނި ހަފީޒާއަށެވެ. 
ރިޔާސީ ގަނޑުވަރުގެ ރަސްމީ ކޮޓަރިކޮޅުގެ ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯތަކަށް ބައްލަވަން ހަމީދު ހުންނެވިއެވެ. އެއިން އެއް ފޮޓޯއަށް ހަމީދުގެ ޝައުގުވެރިކަން ބޮޑުވިއެވެ. އެއީ ހަމީދުގެ ބައްޕާފުޅުގެ ފޮޓޯއެވެ. އެ ފޮޓޯ ފެނިވަޑައިގަންނަވާ ކޮންމެ ފަހަރަކު ހަމީދުގެ ކަންފަތްޕުޅުގައި ވަކި ނަސޭހަތެއް ގުގުމައިލައެވެ. 
"ވަރު ހުންނާނީ ވަނާޖުބޭސާއަކު ނޫން. ފައިސާގަ." ބައްޕާފުޅު ވިދާޅުވެއެވެ. 
މާނައަކީ، ކިޔޭ އަންބާއަކަށް ވުރެ ފައިސާގެ ބާރު މާ ގަދަވާނެއެވެ. ހަމީދު ހިތްޕުޅަށްއަރައިވަޑައިގަތެވެ. ފައިސާ ދީފީމެވެ. އޭގެ އިތުރަށް މަގާމާއި ބާރާއި ނުފޫޒު ވެސް ދީފީމެވެ. ފައިސާގައި ބާރު ހުރި ވަރެއް މި ފަހަރު އެނގިދާނެއެވެ. 
"އައްސަލާމްއަލައިކުމް!" ކަލޭފާނު ބުނުއްވި އަޑުއިވުނެވެ. 
"ވައަލައިކުމްސަލާމް، ވައަލައިކުމް ސަލާމް!" ހިނިތުންވުމާ އެކު އެނބުރިވަޑައިގަންނަވަމުން ހަމީދު ވިދާޅުވިއެވެ. "އިށީންނަވާ!"
މަހުމާޖެހި ސޯފާކޮޅުގައި ކަލޭފާނު އިށީންނެވިއެވެ. ހަމީދު ވެސް އިށީނދެވަޑައިގަތެވެ. ތަނަށް ފެތުރިފައިވަނީ ހަމަހިމޭން ނުތަނަވަސްކަމެކެވެ. ދެކެވެން އުޅެނީ ކޮން ވާހަކައެއް ކަމާއި ދޭން އޮތީ އުފާވެރި ޖަވާބެއް ނޫން ކަން ކަލޭފާނަށް އެނގިލައްވައެވެ. 
"އިނގިރޭސި ދައުލަތުގެ ޓްރޭޑް ކޮމިޝަނަރު މިސްޓަރު ކްރޭކްޝޭންކް އެބަ މާލެވަޑައިގަންނަވާ!" ހަމީދު ވިދާޅުވިއެވެ. "އޭނަ އެ ވަޑައިގަންނަވަނީ، ފަތުހުލްބާރީގަ އިންޖީނު އެޅިދާނެތޯ ބައްލަވަން. ހުރިހާ ބައްދަލުވުމެއްގަ ކަލޭފާނު ވާނެ ބައިވެރިވެވަޑައިގަންނަވަން."
"ލައްބަ!" ކަލޭފާނު ބުނުއްވިއެވެ. 
ދެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އެއަށް ފަހު ރާޅު ބިންދައިލިއެވެ. 
"މިހާރު ވިސްނަން ވަގުތު ދެވިއްޖެ!" ހަމީދު ވިދާޅުވިއެވެ. "ރަންކިޔަން ކޮން ދުވަހެއް ހަމަޖައްސާނީ؟"
ދެއަންބަށް ހަފީޒާޔާ ކައިވެނި ބައްލަވައިގަންނަން ހަމީދު ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ހަފީޒާ ގާތު ކަލޭފާނު އެ ވާހަކަ ބުނުއްވައިފިއެވެ. އުމުރުގެ ބޮޑު ފަރަގެއް ހަމީދުގެ ހުރި ނަމަވެސް، އެ ކައިވެނި ކުރެވިއްޖެ ނަމަ، ހުރިހައި ގޮތަކުން ވެސް ކަލޭފާނާއި ހަފީޒާގެ މުސްތަގުބަލު އުޖާލާވާނެއެވެ. އެތައް ދުވަހަކު އެ ކަމާ ވިސްނާފައި ހަފީޒާ ޖަވާބު ދީފިއެވެ. ކަލޭފާނަށް އެނގިނުލައްވައިގެން އުޅުއްވަނީ އެ ޖަވާބު ހަމީދު އަރިއަހުގައި ދަންނަވާނެ ގޮތެކެވެ. އިސްޖަހައިގެން އެތައް އިރަކު އިންނަވާފައި ކަލޭފާނު ހަމީދުއާ ހަތަރުކަޅި ހަމަކުރެއްވިއެވެ. 
"މާފުކުރައްވާ! ހަފީޒާ... ހަފީޒާ އެއްބަހެއް ނުވި." ކަލޭފާނު ބުނުއްވިއެވެ. 
ހަމީދު ވަގުތުން ކޯފާއިސްވިއެވެ. މޫނުފުޅު މަތިން އޭގެ އަސަރު ފެނުނެވެ. ހަމައެކަނި ހަފީޒާ އިންކާރު ކުރީތީއެއް ނޫނެވެ. އިންކާރު ކުރިކަން ރަށުތެރެއަށް ފެތުރިއްޖެ ނަމަ ވެދާނެ ފަލީހަތް ހިތްޕުޅަށް އަރައިވަޑައިގަތީއެވެ. 
"ކަލޭފާނު! ދަރިންގެ މުސްތަގުބަލަކީ މައިންބަފައިންގެ ބޮލުގަ އެޅިފަ އޮންނަ ޒިންމާއެއް،" ހަމީދު ވިދާޅުވިއެވެ. "ރަން އަނގޮޓިއެއްގަ ބިއްލޫރި އެހެއް ކިހިނެއް ގުޅޭނީ؟ ދަރިފުޅު މަހާރެހެންދިއަކަށް ހެދެން އޮއްވާ އުނދުނު ފުއްޑަނަށް ތި ކޮއްޕާލަނީ. ފުންކޮށް ވިސްނާލާ!"
ކަލޭފާނު ވިސްނަވައިފިއެވެ. ފުންކޮށާއި ތިލަކޮށެވެ. ފުޅާކޮށާއި ހަނިކޮށެވެ. ކަލޭފާނަށް އެންމެ މުހިންމީ ދަރިފުޅުގެ އުފަލެވެ. 
"އަޅުގަނޑަކީ ދަރިފުޅުގެ ނިންމުމަށް ހުރަސްއަޅާ މީހެއް ނޫން،" އިސްޖަހައިލައިގެން އިނދެ ކަލޭފާނު ބުނުއްވިއެވެ. "ރުހުން މިހާރު ދީފިން. އެ ކުދިން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން. އެ ވާހަކަ ވެސް ދަންނަވާލަން ހިތުގަ އަޅައިގެން މި އައީ."
"ހަމީދު އިންނަން އެހީމަ ހަފީޒާ ނޫނެކޭ ބުނެފި!" މީހަކު އެހެން ބުނި އަޑު ހަމީދުއަށް އިވުނު ކަހަލައެވެ. 
ހަމީދުއަކީ ދިވެހިރާއްޖޭގެ ވެރިޔާ ނަމަވެސް އެ ވަގުތު ހަމީދަށް ހީފުޅުވީ ކަލޭފާނުގެ ފައިތިލަ ކައިރީގައި އިށީނދެވަޑައިގެން އިންނެވިހެންނެވެ. އެ ހައި ވެސް ދަށު ދަރަޖައަކަށް ވެއްޓި ވަޑައިގަތްކަމުގެ އިހުސާސް ހަމީދުއަށް ކުރެއްވުނެވެ. 
"މަނިކުފާނުގެ އިޒުނަފުޅާ އެކު ހަފީޒާޔާ އާދަނުގެ ކައިވެނި..." ކަލޭފާނަށް ބުނުއްވުނީ އެ ހިސާބަށެވެ. 
"އުހުނ! ހަފީޒާ އަދި މީހަކާ ދެވާކަށް ނުވޭ!" ކޯފާ ވެފައި ހަމީދު ވިދާޅުވިއެވެ. 
ހަމީދަށް ލިބިވަޑައިނުގަތް ނަމަ، އެހެން މީހަކަށް ވެސް ހަފީޒާ ލިބޭކަށް ހަމީދު ބޭނުންފުޅެއް ނޫނެވެ. 
"ހަފީޒާ އަދި ކިޔަވަން ބަހައްޓާ!" ހަމީދު ވިދާޅުވިއެވެ. "އެންމެ ދަރިއެއް ހުރީ. އޭނަގެ ކިޔެވުން ފުރިހަމަކުރަން ޖެހޭނެ. ރާއްޖެއިން ބޭރަށް ވެސް ދެވޭނެ. އަހަރެން އެ ކަން ކޮށްދޭނަމޭ! ހަފީޒާ ދެވަން ޖެހޭނީ، ތަނަވަސްކަމުގެ ގޮތުން އެ ފެންވަރުގެ މީހަކާ. ތި މޮޔަ ހިޔާލު ދޫކޮށްލާ! އާދަނަކީ ކަލޭފާނުގެ ގަދަރާ، އިހުތިރާމާ، ތަނަވަސްކަން ވެއްޔާ މޮޑެލާ ވަރުގެ މީހެއް ނޫން. ދެން ދޭ!"
މުހައްމަދު ހަމީދުއާ ދެކޮޅަށް އެއްޗެއް ބުނުމަކީ އެކަކަށް ވެސް ކުރަން ކެރޭ ކަމެއް ނޫނެވެ. ކަލޭފާނަކީ މުއްސަންޖެކެވެ. ވީމާ، މުއްސަންޖަކާ ދަރިފުޅު ދެވުމަކީ ކަލޭފާނަށް މުހިންމު ކަމެއް ނޫނެވެ. ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވާ ކަލޭފާނަށް މުހިންމީ ދަރިފުޅުގެ އުފަލެވެ. މައްސަލައަކީ ހަމީދު ދެކެ ގަންނަ ބިރެވެ. ހަމީދު ވިދާޅުވާ ގޮތް ނަހަދައިފިއްޔާ ކޮންމެ ފަދަ ކަމެއް ވެސް ކުރައްވަފާނެއެވެ. އާދަނަކީ ކަލޭފާނުގެ ގަދަރާ، އިހުތިރާމާ، ތަނަވަސްކަން ވެއްޔާ މޮޑެލާ ވަރުގެ މީހެއް ނޫނޭ ހަމީދު ވިދާޅުވި ވިދާޅުވުމަކީ، ކިހައި ފުން މާނައެއް އެކުލެވިގެންވާ އިންޒާރެއްކަން ކަލޭފާނަށް އެނގިލައްވައެވެ. 
ކައިވެނިކުރުމަށް ޓަކައި މަދަރުސާއިން ކެނޑެން ހަފީޒާ ތައްޔާރުވިއެވެ. ދެ ފިކުރެއްގައި ހުރެގެންނެވެ. ހަފީޒާގެ ހިތް އަރައިރުންވަމުންދިޔައެވެ. ސުވާލަކަށް ފަހު ސުވާލެކެވެ. އާދަނުގެ ލޯތްބަށް ޓަކައި ބައްޕަގެ މުޅި ދިރިއުޅުން ހިރަފުހަށް ހަދައިލަންވީ ހެއްޔެވެ؟ އުމުރުދުވަހު ބައްޕަ ދިން ލޯތްބަށް ވުރެ، ދެތިން ދުވަހު އާދަނު ވީލޯބި މާ މުހިންމުވީ ހެއްޔެވެ؟ މި ނިންމެނީ ރަނގަޅު ނިންމުމެއް ހެއްޔެވެ؟
ގޭބަންދުގެ ބަދަލުގައި ހުރަގޭގައި ފަނަރަ ދުވަހު ބައިންދައިފައި އާދަނު މިނިވަންކުރިއެވެ. ހިތްވަރުގަދަ އާދަނުގެ ނިންމުމަކަށް ދެން ވެސް ބަދަލެއް ނައެވެ. ބައްޕަ ދިން ނަސޭހަތާއި ދައްތަ ދިން ނަސޭހަތް ބޮލާލައި ޖެހުމަށް ފަހު އާދަނު ކައިވެންޏަށް ތައްޔާރުވިއެވެ. މުޅި ހިސާބުގަނޑަށް އަޑު ފެތުރިއެވެ. އާދަނު މީހަކާ އިންނަން އުޅޭ ވާހަކައެވެ. އިންނަން އުޅެނީ ކާކާ ކަމެއް، މަދު މީހަކަށް މެނުވީ ނާންގައެވެ. އެ ކައިވެނި ކުރެވިދާނެ ކަމާ މެދު އާދަނުގެ ހިތުގައި ޝައްކު އޮތެވެ. 
ރަންކިޔަންވީ ވަރު ބުނަން ހަފީޒާގެ ގެއަށް އާދަނު ދިޔަ ރެއެވެ. ހަފީޒާ ކިޔާ ކޮންމެ ވަރެއް އާދަނަކަށް ނުދެވޭނެއެވެ. އެ ރޭ އާދަނަށް ހަފީޒާ ފެނުނީ، މޫނު މިލައި، ނުތަނަވަސްކަމެއްގެ ތެރެއަށް ގެއްލިފައި އިންދައެވެ. އެއީ ހަފީޒާ އިންނަ ގޮތެއް ނޫނެވެ. ހަފީޒާ ހެއްވައިލުމަށް ޓަކައި އާދަނު ދެއްކި އެއްވެސް ވާހަކައެއް ކާމިޔާބެއް ނުވިއެވެ. 
"ކިހިނެއް ވެފަ ތި އިންނަނީ؟" އާދަނު ސުވާލުކުރިއެވެ. "ހަފީޒާ އުފަލެއް ނުވޭތަ؟"
"ބައްޕަ ބުނުއްވީ ހަމީދު ވިދާޅުވިއޭ ހަފީޒާ ކިޔަވަކިޔަވާ ހުއްޓާ މަދަރުސާއިން ކަނޑާލައިގެން ނުވާނޭ،" ފެންކަޅިވެފައި ހަފީޒާ ބުންޏެވެ. "މީހަކާ އިންނާނެ ކަމެއް ނެތޭ އަދި އިހަށް ކިޔަވާނީއޭ. އާދަނު ގާތު ބުނާށޭ ބައްޕަ މިހިރީ ގޮތް ހުސްވެފައޭ!"
ބުނާނެ އެއްޗެއް އާދަނަކަށް ނޭނގުނެވެ. އެތައް އިރަކު ވިސްނަން އިނދެވުނެވެ. ކަލޭފާނުގެ އެ ނިންމެވުން އާދަނަށް ވިސްނެއެވެ. 
"ބައްޕަ ދެކެ އަހަރެން އެއްވެސް ރުޅިއެއް ނާދޭ!" ފެންކަޅިވެފައިވާ އާދަނު އޯގާވެރިކަމާ އެކު ބުންޏެވެ. "ބައްޕަ އެ ބުނުއްވަނީ ތެދެއް. ހަމީދަކީ ފާޑެއްގެ ބޭފުޅެއް. ބައްޕަގެ ހުރިހާ ވަޒީފާއަކީ ވެސް ހަމީދު ދެއްވި ވަޒީފާ. އެ ހުރިހާ ވަޒީފާއަކުން ވަކިކޮށް، އަށިގެއަށް ވެސް ބައްޕަ ލައްވަފާނެ. ރަށަކަށް އަރުވާ ވެސް ލައްވަފާނެ. އޭރުން ކިހާ ދެރަ؟ ބައްޕަ ބުނުއްވާ ގޮތް ހަދާ!"
އިރުކޮޅަކު ވިސްނަން އިނދެފައި ހަފީޒާ ގޭތެރެއަށް ދުއްވައިގަތެވެ. ހަދާނެ ގޮތެއް ނޭނގިގެން އެތައް އިރަކު އުނދޯލީގައި އިނދެފައި އާދަނު ނުކުންނަން ހިނގައިގަތެވެ. ހަފީޒާ ހުރީ އެ މަންޒަރު ބަލަން ފިލައެވެ. އާދަނު ނުކުތް އިރު ފާރަވެރިން ތިއްބެވެ. އެ މީހުން އަޅައެއް ނުލިއެވެ. އާދަނު ދިޔުމުން ހަފީޒާ ދިޔައީ ބައްޕަ ގާތަށެވެ. އެހެނަސް، ބައްޕަ ކުރިމަތީގައި އެ ވާހަކަ ދައްކާކަށް ހަފީޒާއަކަށް ނުކެރުނެވެ. ބައްޕަޔާ ވާހަކަ ދެއްކީ ހަފީޒާގެ ކަރުނައެވެ. 
"ތި ކަންތައް ބައްޕައަށް މިހާރު ވަރަށް ބޮޑުވެއްޖެ!" އިސްޖަހައިލައްވަމުން ކަލޭފާނު ބުނުއްވިއެވެ. "ހަމީދު އެހާ ވަރުގަދަ އިންޒާރެއް ދެއްވާފަ އޮއްވައި، އެ މަނިކުފާނާ ދެކޮޅަށް ކަމެއް ކޮށްފިއްޔާ އަހަރުމެންގެ ދިރިއުޅުން ސުންނާފަތިކޮށް އަޅިޔަށް ހައްދަވައިލައްވާނެ. ޝައްކެއް ވެސް ނެތް. އެހެން ވިޔަސް ބައްޕައަށް ހެޔޮ. ދަރިފުޅު ކައިވެންޏަށް ތައްޔާރުވޭ!"
މަދަރުސާގައި މުދައްރިސް ދެއްވި ފިލާވަޅަށް ހަފީޒާގެ ސަމާލުކަމެއް ނުދެވުނެވެ. ދެކަފި މަގެއްގެ ކަންމައްޗަށް ހުއްޓިލައިގެން ހުރެވުނީއެވެ. ކުއްލިއަކަށް ފެނުނީ މަދަރުސާގެ ނާޒިރު ކުލާހަށް ވެންނެވި ތަނެވެ. 
"ހަފީޒާ ބަލާ އަތުވެއްޖެ!" ނާޒިރު ބުނުއްވިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ