ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް ސަރުކާރުން އިފްތިތާޙްކޮށްފިއެވެ. މި ކެމްޕެއިން އިފްތިތާޙްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދުކުރުމަށް ހިންގާ ޤައުމީ ކެމްޕެއިން ފެށުން އިއުލާންކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަރުކާރުގެ 4 ވުޒާރާގެ އިސްވެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ވަޒީރު ޤީލާ ވަނީ ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް މިހާތަނަށްވެސް އަޅުއްވާފައިވާކަން ފާހަގަކުރައްވާފައެވެ. ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޖެނެރޭޝަނަލް ބޭން ނުވަތަ ވަކި އުމުރަކަށް ވުރެ ހަނގު ނަމަ ދުންފަތުގެ އިސްތިމާލު ކުރުން މަނާވުމާއި، ވޭޕް ބޭނުންކުރުން މަނާކުރުން ފަދަ މުހިންމު ފިޔަވަޅުތައް ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަންކަމުގެ އިތުރަށް ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރުމުގެ ގޮތުން 5 އަހަރުގެ ކެމްޕެއިނެއް ފެށުމަށް ނިންމަވާފައިވާކަމަށް ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
"ފަސް އަހަރަށް މި ކެމްޕެއިން ލޯންޗު ކުރެވިފައިވަނީ ކުރުމުއްދަތެއްގައި ނާތީޖާ ހާސިލްކުރެވޭނެ ފަދަ ކަމެއް ނޫން ދުންފަތު އިސްތިއުމާލު ކުރުމަކީ. އެހެންވީމަ މިފަދަ ކަމެއްގައި ކެމްޕެއިނެއް ރޯލް އައުޓް ކުރެވިގެންދާއިރު ސަރުކާރާއި ރައްޔިތުންނާޢި ޖަމިއްޔާ ޖަމާޢާތްތަކާޢި ރައްޔިތުންގެ ބައިވެރިވުންވެސް ވަރަށް މުހިންމުވާނެ. މިހާތަނަށް ދިވެހިރާއްޖެއިން ކޮށްފައި ހުރި މިފަދަ ކޮންމެ ކަމެއްގައިވެސް ދިވެހި ރައްޔިތުންގެ ބައިވެރިވުން ވަރަށް ސާބިތުކުމަކާއެކު ދައްކުވައިދީފައި އެބަހުރި. " ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
މި ކެމްޕެއިންގެ ތެރެއިން އެކި ދައިރާތަކުން ހޭލުންތެރިކަން އިތުރުކުރުމާއި، ތަފާތު އެކި އިނާޔަތްތަކާއި ލުއިތައް ދިނުމަށް ސަރުކާރުން ނިންމަވާފައިވެއެވެ. އޭގެ ތެރޭގައި ތަޢުލީމީ ދައިރާއިންނާއި ކުޅިވަރާއި ޒުވާނުންގެ ދައިރާގެ އިތުރުން ޖަމީއްޔާ ޖަމާޢާތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް އެކި ހަރަކާތްތައް ހިންގުމާއި ޤާނޫނާއި ޤަވާއިދުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.
ދުންފަތާއި ދުރު، މުޖުތަމަޢެއް ބިނާ ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ