ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ރާއްޖޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ގައުމީ ޓީމަށް ކާމިޔާބު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށާއި އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ވާދަކުރަން ޖެހޭ ޓީމުތަކާ އެކީ ތަފާތު ޗެެލެންޖުތައް ވެސް އަންނާނެކަން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ.
ހަތަރު ގައުމުގެ މެދުގައި ކުޅޭ، ޑައިމަންޑް ޖުބިލީ މުބާރާތް މާދަމާ ހަވީރު ފަށާނީ، ބަންގްލަދޭޝް އާއި ޕާކިސްތާން ކުޅޭ މެޗުންނެވެ. އަދި، ރާއްޖޭގެ ފުރަތަމަ މެޗު އޮތީ މާދަމާރޭ 9 ޖަހާއިރު، އަފްގާނިސްތާނާ ދެކޮޅަށެވެ.
މުބާރާތުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރްބާނީ ބުނީ، ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮތް ހާލަތަކަށް ފަހު، އެހެން ގައުމުތަކުން ޕްލޭންތަކާ އެކު މާ ކުރީގައި އޮއްވައި، މި ގޮތަށް ކުޅޭ މުބާރާތްތަކަށް ނުކުންނައިރު، ތަފާތު ޗެލެންޖުތައް ހުންނާނެ ކަމަށެވެ.
"އަހަންނަށް މި މުބާރާތުން ކާމިޔާބު ހޯދުމަށް ވުރެން އިތުރު ފުރުސަތުތައް ވެސް އެބަފެނޭ. ހަގީގަތަށް ބުނަންޏާ އަހަރެމެންނަށް ކާމިޔާބު ކުރެވޭނެއޭ ބުނާނީ، ފުރުސަތު ވެސް އެބައޮތޭ. އެކަމަކު، ސްޓެޓިސްޓިކަލީ ނޫނީ އެހެނިހެންް ގޮތްގޮތުން ވިސްނާފައި މި ވާހަކަ ދައްކާނަމަ. އެއީ އެހެން ގޮަތަކަށް ދައްކަން ޖެހޭ ވާހަކައެއް،" އުރްބާނީ ބުންޏެވެ.
"ފުޓްބޯޅައިގައި އޮތް އެންމެ ފުރިހަމަ ކަމަކީ އެއްވެސް ފުރުސަތެއް ނެތޭ ނުބުނެވޭނެ. އަދި، ހަމަ އެ ގޮތަށް ޔަގީންކަމާ އެކު ވާނެ ކަމެއް ވެސް ނުބުނެވޭނެ. އަހަރެމެން ދަނޑުމައްޗަށް ދޫކޮށްލަން ޖެހޭނީ ކުރެވެން ހުރި ހުރިހާ ހިތްވަރަކާއި މަސައްކަތެއް. އަހަރެން މި ކުޅުންތެރިން ކައިރީގައި މި ބުނީ ހިތްވަރާ އެކު ސަޕޯޓަރުންގެ އިހުތިރާމް ހޯދަން މަސައްކަތް ކުރާށޭ،"
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އުރްބާނީ ބޭނުންވަނީ ކުރިއަށް އޮތް ޑައިމަންޑް ޖުބިލީ މުބާރާތުގެ އެހީގައި ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހަގީގީ ފެންވަރު ދެނެގަނެ ކުރިއަށްދާން. މި މުބާރާތުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ލިބޭ ފުރުސަތަކީ ހަމައެކަނި ނަތީޖާ އަށް ބެލުމުގެ ބަދަލުގައި، ޓީމުގެ ތަޖުރިބާ އާއި އިންޓެންސިޓީ ވަޒަންކޮށްލަން ލިބޭ މުހިންމު ފުރުސަތު
އުރްބާނީ ބުނީ ފުޓްބޯޅަ ކުރިއަރައި ދިއުމުގައި ގައުމީ ޓީމާއި ފުޓްބޯޅަ އެސޯސިއޭޝަނުން ކުރާ މަސައްކަތަށް އިހުތިރާމް ލިބިގެންދާނީ އެ ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށް ކަމަށެވެ. އަދި، ހަމައެކަނި ބުނެލާ ބަހަކުން އެ ކަމެއް ނުވާނެ ކަމަށާއި އަމަލުން ވެސް އެކަން ކުރުން މުހިންމުކަން އުރްބާނީ ފާހަގަކުރި އެވެ.
"އަހަރެން ބޭނުމެއް ނޫން ކުޅުންތެރިން ކައިރީގައި އަހަން ތައްޔާރަށްތޯ ތިތިބީ، މެޗުން އެ އަށް ޖަވާބު ލިބެންޖެހޭނެ،" އުރްބާނީ ބުންޏެވެ.
ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި ފަހަތަށް ކުޅުނު ޓީމުގެ ކެޕްޓަން، ސަމޫހު މުހައްމަދު (ސަމުއްޓެ) އާއި މުހައްމަދު އިރުފާން (އިރޭ) އަށް އަނިޔާގެ ސަބަބުން މި މުބާރާތުގައި ނުކުޅެވޭނެ އެވެ. އުރްބާނީ ބުނީ، ރާއްޖޭގެ ފުޓްބޯޅަ މިދިޔަ އަހަރުތަކުގައި ތަރުތީބު ވެފައި އޮތްގޮތުން، ކުޅުންތެރިން ރަށްރަށުގައި އޮންނަ މުބާރާތްތަކުގައި ވެސް ކުޅޭ ކަަމަށާއި އެގޮތުން، އިރޭ އާއި ސަމުއްޓެ އަށް އަނިޔާވެފައިވަނީ، ގާތްގާތުގައި އެކި ލެވަލްގައި ގިނަ މެޗުތަކެއް ކުޅުމުގެ ސަބަބުން އައިސްފައިވާ ލޯޑަކާ ހެދި ކަމަށެވެ.
ރާއްޖޭގެ ގިނަ ކްލަބްތަކަކީ ވެސް ޑިފެންޑަރުންގެ ގޮތުގައި ބިދޭސީ ކުޅުންތެރިން ގެނެސްގެން ކުޅޭ ޓީމުތަކެއް ކަމަށްވާތީވެ، ގައުމީ ޓީމަށް ރަނގަޅު ލެވަލްގެ ޑިފެންޑަރުން ހޯދުމަކީ ވެސް ދަތިކަމެއް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
ގައުމީ ޓީމާ ބެހޭގޮތުން، މީހުންގެ ސުވާލުތައް އަމާޒުވާއިރު، އެންމެ ވަރުގަދަ ތަޖުރިބާކާރު ކުޅުންތެރިންނާ އެކު ޓީމު އެކުލަވާނުލަނީ ކީއްވެތޯ ސުވާލު އަމާޒުވާ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އެ އަށް ދޭ ޖަވާބަކީ، މިހެން ކުޅޭ މުބާރާތެއްގައި ލިބޭ ފުރުސަތުތައް ބައްޓަން ކުރަންޖެހޭނީ ރަނގަޅު މުސްތަގުބަލެއް ހޯދޭ ގޮތަށް ކަމަށެވެ.
"މިއީ (ޒުވާން ކުޅުންތެރިންނާއި އެހެނިހެން ކުޅުންތެރިން އެކުގައި) ކުރިއެރުން ބަލާލަން ލިބޭނެ ފުރުސަތަކީ. ހަމަ މި ގޮތަށް ހަގީގީ ކުރިއެރުން މާނަކުރަން ޖެހޭނީ މުޅި ރާއްޖޭގެ ނިސްބަތުން އެކި ދިމަދިމާލުން ހޯދައިގެން އެންމެ ރަނގަޅު ޓީމެއް އެކުލަވާލެވެން ފެށޭގޮތަށް އޮންނަ ނިޒާމެއްގެ ތެރެއިން ކަންކަން ހިނގައިގެން. ރަނގަޅު ސީނިއާ ކުޅުންތެރިންނާ އެކު، ގައުމީ ޓީމު ފަންކްޝަން ކޮށްގެން،" އުރްބާނީ ބުންޏެވެ.
އުރްބާނީ އެންމެ ފުރަތަމަ ފަހަރު ރާއްޖޭގެ ކޯޗަކަށް ގެނައީ، 2009 ވަނަ އަހަރު އެވެ. އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެ ވަނީ ކުޅެފަ އެވެ. ރާއްޖެ ޕާސިން ފުޓްބޯޅަ ކުޅޭ ޓީމަކަށް ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލި ކޯޗު އުރްބާނީ ވަނީ، 2010 ވަނަ އަހަރު ކޮންޓްރެކްޓް ހަމަވުމާ ހަމައަށް ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ.
ރާއްޖޭގެ އުމުރުފުރާ ގައުމީ ޓީމަކުން ހޯދި ފުރަތަމަ ތަށި، ސްރީ ލަންކާގައި 2012 ވަނަ އަހަރު ބޭއްވި މަހިންދުރަ ރާޖަ ޕަކްސަ ކަޕް (23 އަހަރުން ދަށުގެ މުބާރާތް) ރާއްޖޭން ކާމިޔާބުކުރީ އުރްބާނީގެ ކޯޗުކަމުގަ އެވެ. އެއީ، 2011 އިން 2013 އަށް ގައުމީ ކޯޗަކަށް އުރްބާނީ ދެ ވަނަ ފަހަރު ރާއްޖޭގައި މަސައްކަތް ކުރި އެވެ.
އުރްބާނީ ބުނީ މިދިޔަ އަހަރު ނިޔާވި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްްޑަރު، މުހައްމަދު އާރިފް (ބަކާ) އަކީ ރާއްޖޭގައި އޭނާ އަށް ފެނުނު އާދަޔާހިލާފަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި، ކުރިން ރާއްޖޭގެ ކޯޗަކަށް މަސައްކަތްކުރިއިރު، ގައުމީ ޓީމު ބިނާކުރީ އަލީ އަޝްފާގު (ދަގަނޑޭ)ގެ ވަށައިގެން ކަމަށް ސަޕޯޓަރުންނަށް ފެނުނަސް ހަގީގަތުގައި ބަކާ އަކީ ވެސް ޓީމު ބިނާކުރުމުގައި އޭނާ ވަރަށް ބޮޑަށް ބަރޯސާވި ކުޅުންތެރިއެއް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
ގައުމީ ޓީމަށް ޗެލެންޖު ބޮޑު، ކާމިޔާބު ހޯދަން މަސައްކަތް ކުރާނަން: އުރްބާނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ