މިއީ ގައުމީ ޓީމާއި ދިވެހި ފުޓްބޯޅައަށް ގެއްލިފައިވާ އިހްތިރާމް ދަނޑުމަތީގައި ކުރާ މަސައްކަތުން އަލުން ހޯދަންވީ ވަގުތު ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި އެވެ.
މާދަމާ މާލޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށް ބޭއްވި ޕްރީ ޓޯނަމަންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން އުރްބާނީ ބުނީ، ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ދިވެހި ލީގާއި މުބާރާތްތައް މެދުކެނޑުމުގެ ހިތްދަތި އަސަރު ކުޅުންތެރިންގެ ފެންވަރަށް ކޮށްފައިވާ ކަމަށެވެ.
މި ސަރަހައްދުގެ އެހެން ގައުމުތައް ހަލުވިކަމާއެކު ކުރިއަރަމުންދާއިރު، ރާއްޖޭގެ ފުޓްބޯޅަ އޮތީ ފަހަތަށް ގޮސްފައިކަމަށް އޭނާ ބުންޏެވެ. ކުރިމަތިވި އެ ގޮންޖެހުންތަކާ އެކު މިހާރު އޮތީ އަލުން ބިނާކުރުމުގެ މަރުހަލާއެއްގައި ކަމަށް އުރްބާނީ ބުންޏެވެ.
"އަހަރެމެން މި އުޅެނީ ގެއްލިފައިވާ އެއްޗެއް އަލުން އަނބުރާ ހޯދަން. އަހަރެން އަބަދުވެސް ކުޅުންތެރިން ގާތު ބުނަން އެމީހުން ޖެހޭނީ އިހްތިރާމް ހޯދާށޭ. ގައުމީ ޓީމުގެ ކުޅުންތެރިންނަށް އިހްތިރާމް ލިބެންޖެހޭނެ. ފުޓްބޯޅަ އެސޯސިއޭޝަނަށް އިހްތިރާމް ލިބެންޖެހޭނެ،" އުރްބާނީ ވާހަކަ ދެއްކި އެވެ.
"އެކަމަކު އަހަރެމެން އެންމެންނަށް ވެސް އިހްތިރާމް ލިބެންޖެހޭނީ ކުރާ މަސައްކަތުން. ދައްކާ ވާހަކައަކުން ނޫން."
އުރްބާނީ ބުނިގޮތުގައި، ޓީމުގައި މިވަގުތު އޮތީ އުމުރުން ވަރަށް ދޮށީ ކުޅުންތެރިންނާއި 20 އަހަރުން ދަށުގެ ވަރަށް ޒުވާން ކުޅުންތެރިން ހިމެނޭ މިކްސް ސްކޮޑެކެވެ. މިއީ ކުރިއަށްދާން ލިބޭ ބޮޑު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
ކޯޗު ބުނީ ފުރަތަމަ މެޗުގައި ތަޖުރިބާކާރު ހަމްޒާ މުހައްމަދު (ހަމްޕު) އާއި 17 އަހަރުގެ ޒުވާން ފޯވާޑް މުހައްމަދު އީލާން އިމްރާން އެކުއެކީގައި ކުރިއަށް ކުޅޭތަން ފެނުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"އަހަރެން އުފާވާ ކަމަކީ މާދަމާ އަހަރެމެންގެ ކުރިއަށް ހަމްޒާ އާއި އީލާން ކުޅޭނެކަން. 17 އަހަރުގެ ކުއްޖަކާއި ދޮށީ ތަޖުރިބާކާރު ކުޅުންތެރިއެއް. އަހަރެމެން މި މުބާރާތާ ކުރިމަތިލަނީ އެކަމަށް (އާ ޖީލަށް ވެސް ފުރުސަތު ދިނުމަށް). އަހަރެންގެ އުންމީދަކީ އީލާން ޓީމަށް ނެރުން،" އުރުބާނީ ބުނެފައިވެ އެވެ.
ޓީމުގެ މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ކެޕްޓަން ސަމޫހް އަލީ އަދި މުހައްމަދު އިރުފާން (އިރޭ) އަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކާ ހުރެ ޓީމަށް ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް، މި މުބާރާތަކީ ޒުވާން ކުޅުންތެރިންގެ ހުނަރު ދެނެގަނެ، ގައުމީ ޓީމު ކުރިއަށް ގެންދާނެ ގޮތް ދެނެގަނަން ލިބޭ ރަން ފުރުސަތެއް ކަމަށް އުރްބާނީ ބުންޏެވެ.
އެކަމަކު މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް އުރްބާނީ ބުންޏެވެ.
"އަހަރެމެންނަށް ކާމިޔާބު ކުރެވިދާނެތޯ؟ އާނ އެ ފުރުސަތު އޮންނާނެ. އެހެންވެގެން އަހަރެމެން މިތަނަށް އައިސް މިތިބީ. އެކަމަކު ހަގީގީ ތަފާސްހިސާބުތަކަށް ބަލައިފި ނަމަ މިއީ ތަފާތު ވާހަކައެއް،" އުރްބާނީ ބުންޏެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. އެ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން އުރްބާނީ ބުނީ، މިއީ މުޅިން އެހެން ފެންވަރެގެ މެޗެއް ކަމަށެވެ. އަފްޣާނިސްތާނަކީ ޔޫރަޕްގެ އެކި ޑިވިޜަންތަކާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކުޅޭ ކުޅުންތެރިން ހިމެނޭ ވަރުގަދަ ޓީމެއް ކަމަށެވެ.ޑައިމެން
މިއީ ދިވެހި ފުޓްބޯޅައިން ގެއްލުނު އިހްތިރާމް އަލުން ހޯދަންވީ ވަގުތު: އުރްބާނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ