ދުންފަތުގެ ޑިއުޓީ 4ރ. އަށް ކުޑަކުރަން ޑަބްލިއުއެޗުއޯގެ ލަފާ ލިބުމުން ސަރުކާރުން މަޝްވަރާތައް ފަށަނީ

ދުންފަތުގެ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާ އަށް ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗުއޯގެ ލަފާ ލިބިފައި ވާތީ، އެ ބަދަލު ގެނައުމާ މެދުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާކުރުމާ އެކު، އޭރު އެ ބޭނުންކުރި މީހުން ކުއްލިއަކަށް ދުންފަތް ނުވަތަ ސިނގިރޭޓު ބޭނުންކުރަން ފަށާފާނެ ކަމަށް ބަލައި ސިނގިރޭޓުގެ ޑިއުޓީ ސަރުކާރުން 2024 ވަނަ އަހަރު ބޮޑުކުރި ކަމަށެވެ. 
ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ ނޮވެމްބަރު 2024 ގަ އެވެ. އެ ފަހަރު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކޮށްފަ އެވެ. 
މިނިސްޓަރު ވިދާޅުވީ ޑިއުޓީ ރޭޓަށް ބަދަލު ގެނައުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ހުރިހާ ގައުމެއްގައި ވެސް ގެންގުޅޭ އުކުޅެއް ކަމަށެވެ. ސަރުކާރުން އެންމެ ފަހުން ދުންފަތުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރީ ވެސް ވޭޕް މަނާކުރުމާ އެކު، ގިނަ ބަޔަކު ދުންފަތް ބޭނުންކުރާނެ ކަމަށް އޭރު ކުރި ހުރިހާ ދިރާސާތަކުން ހާމަވުމާއި ތަޖުރިބާކާރުންގެ ލަފާ ވެސް އެގޮތަށް ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ. 
"ސަރުކާރުން އޭރު ނެގި އުނދަގޫ ޑިޒިޝަނެއް އެއީ، 8ރ. އަށް [ސިނގިރޭޓުގެ] ޑިއުޓީ ރޭޓު ބޮޑުކުރުމަކީ،" އިހުސާން ވިދާޅުވި އެވެ. 
The most trusted news source in the Maldives
ނަމަވެސް، ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޑިއުޓީ ރޭޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރުން އަބަދުވެސް ކުރާނެ ކަމެއް ކަމަށާއި އެ ރޭޓު ހިފަހައްޓާނީ އެއިރެއްގައި ކުރާ ދިރާސާތަކުން ދައްކާ ނަތީޖާއަކަށް ބަލައިގެން ކަމަށް އިހުސާން ވިދާޅުވި އެވެ. 
"މިވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗުއޯއިން ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރިކޮމެންޑް ކުރައްވާފައި އޮތް އެއް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް އެއީ ސްޕެސިފިކް ރޭޓް 4ރ. ގެ ގޮތުގައި،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ. 
"މިއީ އަޅުގަނޑުމެން ހަމަ ކޮންސިޑާ ކުރަމުން އަންނަ ރޭޓެއް މިހާރު ވެސް."
އިހުސާން ވިދާޅުވި ގޮތުގައި، ދުންފަތުގެ އިމްޕޯޓް ޑިއުޓީ ރޭޓަށް ބަދަލު ގެނައުމުގެ ކުރިން ކަމާ ބެހޭ ހުރިހާ އިދާރާތަކާއި ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރާނެ އެވެ. މަޝްވަރާ ކުރުމަށް ފަހު، ރޭޓަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެންމެންނަށް އެއްބަސްވޭ ނަމަ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އެ ލަފާ ދޭނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ