އަފްގާނިސްތާން މެޗުން މޮޅުވެގެން ސަޕޯޓަރުންގެ އިތުބާރު ބޮޑުވާނެ

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ރާއްޖޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން މޮޅުވެގެން ރާއްޖޭގެ ސަޕޯޓަރުންގެ އިތުބާރު ބޮޑުކުރެވޭނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، ހަމްޒާ މުހައްމަދު (ހަމްޕު) ބުނެފި އެވެ. 
ހަތަރު ގައުމުގެ މެދުގައި ކުޅޭ، ޑައިމަންޑް ޖުބިލީ މުބާރާތް މާދަމާ ހަވީރު ފަށާނީ، ބަންގްލަދޭޝް އާއި ޕާކިސްތާން ކުޅޭ މެޗުންނެވެ. އަދި، ރާއްޖޭގެ ފުރަތަމަ މެޗު އޮތީ މާދަމާރޭ 9 ޖަހާއިރު، އަފްގާނިސްތާނާ ދެކޮޅަށެވެ.
މުބާރާތުގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އާންމު ގޮތެއްގައި ބައިވެރިވަނީ ޓީމުގެ ކޯޗާއި ކެޕްޓަނެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީއާ އެކު ބައިވެރިވީ ޓީމުގެ ސީނިއާ ކުޅުންތެރިޔާ، ހަމްޕު އެވެ. ގައުމީ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ)، ޑައިމަންޑް ޖޫބިލީ މުބާރާތުގައި އަނިޔާގެ ސަބަބުން ނުކުޅެ އެވެ. 
ގައުމީ ކޯޗު އުރްބާނީ ވަނީ ހަމްޕު އަކީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި ޓީމު ލީޑުކުރެވޭނެ ފެންވަރު އޭނާގެ އެބަހުރިކަން ސާބިތުކޮށްދެވިދާނެ ކަމަށް ބުނެފަ އެވެ. އަދި، މި ފަހަރުގެ މުބާރާތުގައި ހަމްޕު، ރާއްޖޭގެ ކެޕްޓަންކަން ކުރުމުގެ ފުރުސަތު ވެސް ބޮޑެވެ. 
"ރަނގަޅު ވާހަކައެއް ތިބުނީ، ޝަރަފެއް އެއީ އެކަމު، ހަމައެކަނި އެ އަކަށް ނޫން މި ބަލަނީ ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަކީ ވެސް ކެޕްޓަނުން ކަމަށް ބަލައިގެން އެމީހުންނަށް އެ އެއްޗެހި ވިސްނައިދީފައި ހުންނާނީ، ކޮންމެ މީހަކީ ވެސް ކެޕްޓަނެއް،" ކެޕްޓަނަށް ވުމަކީ ކިހާ ވަރެއްގެ ޝަރަފެއްތޯ ސުވާލުކުރުމުން ހަމްޕު ބުންޏެވެ. 
ރާއްޖޭގެ ފުޓްބޯޅައިގައި މި ފަހުން ގައުމީ ޓީމު ކުޅޭ މެޗުތަކުގައި ވެސް ދަނޑަށް މެޗު ބަލަން ވަންނަ ސަޕޯޓަރުންގެ ނިސްބަތް އަންނަނީ މަދުވަމުންނެވެ. އަދި، ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރިގެން އެ މުނާސަބަތުގައި ކުޅޭ ޑައިމަންޑް ޖުބިލީ މުބާރާތުގައި ކުޅޭ މެޗުތަކަށް ވީހާވެސް ގިނަ ސަޕޯޓަރުން ވަނުމަކީ ކުޅުންތެރިންގެ އެދުމެކެވެ. 
ހަމްޕު ބުނީ، ސަޕޯޓަރުންގެ އިތުބާރު ހޯދުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 
"ސަޕޯޓަރުންނަކީ ޓީމުގެ 12 ވަނަ ކުުޅުންތެރިޔާ އަބަދުވެސް، ސަޕޯޓަރުން އިތުރަށް ވައްދަން ބޭނުންވެއްޖިއްޔާ، އެބަޖެހޭ ފުރަތަަމަ މެޗު ވެސް ނަގަން. މާދަން ފުރަތަމަ މެޗު ނަގައިފިއްޔާ، ވަންނަ ސަޕޯޓަރުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް އަޅުގަނޑު މި ބަލަނީ،" ހަމްޕު ބުންޏެވެ. 
ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަމްޕު އަށް ޒިންމާ އަދާކުރެވިދާނެ ކަމުގެ ޔަގީންކަން އުރްބާނީ އަށް އެބައޮތެވެ. އެކަމަކު، ކެޕްޓަން ބޭންޑް އަޅައިގެން ހުރެ އެ އަންނަ ޕްރެޝަރު ނޫނީ އެ އަންނަ ހާލަތްތަކާ ކުރިމަތިލުމުގެ ގާބިލުކަން ހުރި މިންވަރު މެޗުން ހަމްޕު ސާބިތުކޮށްދޭން ޖެހޭނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެެވެ. 
ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ މާޗް މަހު ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗުގައި އަނިޔާގެ ސަބަބުން ހަމްޕު ނުކުޅެ އެވެ. އެކަމަކު، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ހަމްޕު އަކީ ފާއިތުވި އަހަރުތަކުގައި ގައުމީ ޓީމުގެ އެޓޭކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. އަދި، އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖޭން ކުޅުނު ފުރަަތަމަ ފަސް މެޗުގައި ވެސް ހަމްޕު ވަނީ ކުޅެފަ އެވެ.
އަފްގާނިސްތާނާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗަށް ފަހު، ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ހަވީރު 4 ޖަހާއިރު، ޕާކިސްތާނާ ކުޅޭނެ އެވެ. އަދި، އަންނަ އާދިއްތަ ދުވަހުގެރޭ، ބަންގްލަދޭޝާ ދެކޮޅަށް ލީގު ބުރުގެ ފަހު މެޗުގައި ނުކުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ