38 އެޕާޓްމަންޓަކުން 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ހުޅުމާލޭގެ ފޭސް ދޭއްގެ ހިޔާ ޓަވަރެއްގައި ރޭ އިރާކޮޅު ހިނގި އަލިފާނުގެ ހާދިސާގައި 38 އެޕާޓްމަންޓަކަށް ގެއްލުންވެ، 85 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެތަނުން ބުނީ ހިޔާގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވީ 38 އެޕާޓްމަންޓެއްގެ ނަރުދަމާ ހޮޅިއަށް ކަމަށާއި އެކަން ރަނގަޅު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގެއްލުންވި އެޕާޓްމަންޓްތަކުގެ ތެރެއިން އެހީތެރިކަން ބޭނުންވި 18 އެޕާޓްމަންޓެއްގައި ދިރިއުޅޭ 85 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮ ށްދިނުމުގެ އިތުރުން ކެއުން ބުއިމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށާއި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެ ކުންފުންޏާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ރޭ 6:33 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާ ހިނގީ ހިޔާގެ ފަސް ވަނަ ޓަވަރުގެ ނުވަ ވަނަ ފަންގިފިލާ އާއި 14 ވަނަ ފަންގިފިލާއާ ދެމެދުގެ ވައިގޮޅީގައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި ކަމަށެވެ. އޭގެ ސަބަބުން ޓަވަރުގެ ވައިގޮޅީގައި ހުންނަ ފެންހޮޅިތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ