އެމްޑީޕީއަށް ލިބޭ ފައިސާއަށް ވާގޮތް އާންމުކުރާނަން: މީކާއީލް

އެމްޑީޕީއަށް ލިބޭ ފައިސާ ހަރަދުކުރެވޭ ގޮތުގެ ތަފްސީލްތައް އާންމުކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އެމްޑީޕީގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން މީކާއީލް ދެއްވީ، ރޭ މާލެ ސިޓީ ހޮޓާ ކަންމަތީގައި އޭނާ ބޭއްވި ކެމްޕެއިން ޖަލްސާއެއްގަ އެވެ.
ތަފްސީލް - މީކާއީލް ވައުދުވެވަޑައިގަތީ:
ޕާޓީއަށް ލިބޭ ފައިސާ އާއި ގޮނޑި މޭޒު ހިމެނޭހެން ޕާޓީގެ މުދަލަށް ވާގޮތް ވެސް މެންބަރުންނަށް އެންގުން
ޕާޓީގެ މާލީ ނިޒާމު ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތަކަށް ބައްޓަންކުރުން
އެމްޑީޕީއަށް ދޭ ފައިސާއަކީ ހަގީގަތުގައި ވެސް ޕާޓީގެ ކުރިއެރުމަށާއި މެންބަރުންގެ ކުރިމަގަށް ލިބޭ ފައިސާ ކަމުގައި ހަމަޖެއްސުން
މީކާއީލް ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ރަށްރަށަށް ކުރެއްވި ދަތުރުތަކުން އެމްޑީޕީގެ އާންމު މެންބަރުންގެ ފަރާތުން އެންމެ ބޮޑަށް އިވިގެން ދިޔައީ ޕާޓީގެ ހިންގުމާ މެދު އޮތް ޝަކުވާ ކަމަށެވެ.
ހާއްސަކޮށް، ޕާޓީއަށް ލިބޭ ފައިސާއަށްވާ ގޮތް ނޭނގޭ ކަމުގެ ކަންބޮޑުވުން އާންމު މެންބަރުން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނިކަން ބައްލަވާ ނިމިދިޔަ ރިޔާސީ އިންތިހާބާ ހަމައަށް. މި ޕާޓީއަށް ވަރަށް ބޮޑެތި އަދަދުން ފައިސާ ލިބެމުން އައި. އޭރު މި ޕާޓީގެ މެންބާޝިޕް ވެސް އޮތީ އިންތިހާއަށް މަތީގައި."
"އެމްޑީޕީގެ އާންމު މެންބަރުން އަޅުގަނޑުމެންނާ ކުރާ ސުވާލަކީ އެ ފައިސާ ކޮބާތޯއޭ؟ އެމްޑީޕީގެ މާލީ ނިޒާމް، މާލީ ސިސްޓަމް ދެފުށްފެންނަ ގޮތަކަށް އެމްޑީޕީއަށް 20 އަހަރު ވެގެންދާއިރު ނެތީ ކީއްވެތޯއެވެ؟" ސުވާލުތަކެއް ކުރިމަތިކުރުވަމުން މީކާއީލް ވިދާޅުވި އެވެ.
ފާހަކޮށްލެވޭ - އަންނަ 12 ޖޫނުގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއީލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ