މާދަމާ ވެސް ހޫނުގަދަވާނެ، ވޯޓުލާ މަރުކަޒުތައް ފިނިކުރަން އީސީގެ ފިޔަވަޅުތަކެއް

މާދަމާ އެއް ވަގުތެއްގައި ތިން ވޯޓެއް ބާއްވާއިރު، ހޫނުގަދަ ދުވަހަކެއް ވާނެތީ ވޯޓުލާ މަރުކަޒުތައް ފިނިކުރަން ފިޔަވަޅުތައް އަޅައިފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިރޭ ބުނެފިއެވެ. މާދަމާ ހެނދުނު 8:00އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިޔުޑީސީ) އިންތިޚާބާއީ މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން ނަގާ ވޯޓެވެ. އެ ވޯޓުތަކާ ގުޅޭ ގޮތުން އީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މި ދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސްވަރެއް ކަމަށާއި ރެކޯޑުތަކުން ދައްކާ ގޮތުން މާދަމާ ވެސް ހޫނުގަދަ ދުވަހަކަށް ވާނެ ކަމަށެވެ. އެހެންވެ، ވޯޓުލާން ތިބޭ ވަގުތުގައި ހޫނުވުމުގެ މައްސަލައަށް ވީހާވެސް ވަރަކުން ހައްލު ގެނެވޭތޯ މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ކިޔުގައި ތިބޭއިރު އަޅުގަނޑުމެންނަށް ކޮންމެ ތަނެއް ހިޔާނުވެފައި ހުރެދާނެކަން ޒާހިދު ފާހަގަކުރެއްވިއެވެ. "އެހެންނަމަވެސް އެތެރެއަށް ވަދެ، އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ހުރިހާ ތަނެއްގައި ވެސް ވޯޓުލާ މަރުކަޒަށް ވަދެވުނީމަ، އެއިން ކޮންމެ ތަނަކީ ވެސް އެއާ ކޮންޑިޝަން ކުރެވިފައި ނޫނީވިއްޔާ އެކަށީގެންވާ ފިނިހޫނުމިން ބެހެއްޓޭ ގޮތަށް އަޅުގަނޑުމެން އިންތިޒާމުތަކެއް ރާވާފައި ހުންނާނީ،" އޭނާ ވިދާޅުވިއެވެ. އެ އިންތިޒާމު ރޭވުމުގެ ގޮތުން މިދިޔަ ދެ ދުވަހު ތެރޭގައި ވެސް ބައެއް ރަށްރަށުގައި ވޯޓުލާ މަަރުކަޒުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ޒާހިދު ވިދާޅުވިއެވެ. "އެހެންނަމަވެސް ގުުދުރަތީ ގޮތުން ދިމާވެފައި މި ހުންނަ ކަންކަމަށް އަޅުގަނޑުމެން އެންމެން ވެސް ކިޔުގައި ތިބޭއިރު ސަމާލުކަމަށް ގެންނަން [އިލްތިމާސްކުރަން]،" އޭނާ ވިދާޅުވިއެވެ. މެޓް އޮފީހުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މިއަދެކޭ އެއްގޮތަށް މާދަމާއަކީ ވެސް ހޫނުގަދަ ދުވަހަކަށް ވާނެއެވެ. މިއަދު އިހުސާސް ކުރެވޭ ހޫނުމިން މާލޭގައި 33 ޑިގްރީއަށްވުރެ މައްޗަށް އަރައިފައިވެއެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މާދަމާގެ މެންދުރު ވަގުތުތަކުގައި 33 ޑިގްރީއަށް ހޫނުމިން އަރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ