ރާއްޖޭގެ އިލާނަށް ސާފްގެ ރަން ބޫޓުގެ ޝަރަފު
ރާއްޖޭގައި ނިމިގެންދިޔަ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓުގެ ޝަރަފް ރާއްޖޭގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ހޯދައިފިއެވެ. މި މުބާރާތުން ރާއްޖެއަށް ލިބުނު އެންމެ ބޮޑު އުފަލަކީ، ގައުމީ ޒުވާން ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދުމެވެ. އިލާން އާއެކު މި ޓްރޮފީ ހިއްސާކުރީ އިންޑިއާގެ އޮމަންގް ޑޮޑަމްއެވެ. އޭނާއާއެކު އިލާން މި ޝަރަފް ހިއްސާކުރީ ކުޅުނު ތިން މެޗުން ތިން ލަނޑު ކާމިޔާބުކޮށްގެންނެވެ. މީގެ ތެރޭގައި ސްރީލަންކާ ކޮޅަށް ޖެހި ދެ ލަނޑާއި ނޭޕާލް މެޗުގައި ކާމިޔާބުކުރި ލަނޑު ހިމެނެއެވެ. އިލާންއާ އިންޑިއާގެ އޮމަންގް ޑޮޑަމް ވެސް ތިން ލަނޑު ޖަހާފައިވާއިރު، އޭނާ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "މޯސްޓް ވެލިއުބަލް ޕްލެޔަރ" ގެ އެވޯޑު ވެސް ހާސިލުކޮށްފައެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓު ހާސިލުކުރި ރާއްޖޭގެ ޒުވާން ކެޕްޓަން އިލާންއާއި އިންޑިއާ ކުޅުންތެރިޔާ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ ރާއްޖޭގެ ޒުވާން ތަރި، ބައިނަލްއަގުވާމީ މިފަދަ ޕްލެޓްފޯމެއްގައި ދެއްކި ހުނަރުވެރިކަމަކީ ދިވެހި ފުޓުބޯޅައަށް ލިބުނު އުއްމީދީ ކުރިއެރުމެކެވެ. މިދިޔަ މަހުގެ 23 އިން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަކީ ސަރަހައްދީ ފުޓުބޯޅައިގެ އާ ފޯރިއެއް ގެނުވި މުބާރާތެކެވެ. ގާތްގަނޑަކަށް 4,100 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފޯރިގަދަ ފައިނަލްގައި، އިންޑިއާއާ ވާދަކޮށް ބަންގްލަދޭޝްއިން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ބަންގްލަދޭޝްއިން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ